ޓޭބަލް ޓެނިސް އެސޯސިއޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި 27 ވަނަ ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިމަހުގެ 23 ވަނަ ދުވަހު ފެށި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައެވެ. ހަ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މުބާރާތް އިއްޔެ ނިންމާލާފައިވާ އިރު، އެންމެ ގިނަ ކާމިޔާބީތަކެއް ހޯދި ދެ އެތުލީޓުންނަކީ ރަފާ ނާޒިމާއި މޫސާ މުންސިފް އަހުމަދެވެ. މިފަހަރުގެ މުބާރާތުގައި ޓީޓީ ތަރި ފާތިމަތު ދީމާ ވާދަކޮށްފައެއް ނުވެއެވެ. އޭނާ ވާދަކޮށްފައިނުވަނީ މިވަގުތު ރާއްޖެއިން ބޭރުގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާތީއެވެ.

މުބާރާތުގައި ރަފާ ވަނީ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް، ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް އަދި ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފައެވެ. މިކްސް ޑަބަލްސްގައި ރަފާގެ ޕާޓްނަރަކީ މުންސިފެވެ.

މިކްސް ޑަބަލްސް ޗެމްޕިއަންކަމުގެ އިތުރުން މުންސިފް ދެން ހޯދީ ފުރަތަމަ ޑިވިޝަން ފިރިހެން ސިންގަލްސް، ފުރަތަމަ ޑިވިޝަން ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަމެވެ. މުންސިފްގެ ޑަބަލްސް ޕާޓްނަރަކީ މުހައްމަދު ޒީސްތު ނަސީމެވެ.

މުބާރާތުގެ އެހެން އިވެންޓުތަކަށް ބަލާ އިރު، ވެޓެރަންސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަލީީ އާދަމް މަނިކާއި، އަހުމަދު ވަހީދުގެ ޕެއާއެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މުހައްމަދު ތާބިން ސުޖާއެވެ. ތާބިން ވަނީ 19 އަހަރުން ދަށުގެ ފިރިހެން ޑަބަލްސްގެ ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. އޭނާގެ ޕާޓްނަރަކީ ޒީކް ހަސަން ލަތީފެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މިއަހަރު ސްރީ ލަންކާގެ ބައެއް ކުޅުންތެރިން ވާދަކޮށްފައިވެއެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާ އިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް ތައްޓާއި މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.