މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ފުވައްމުލަކު ސިޓީއަށް ބޭނުންވެގެން ހަމަޖައްސައިދެއްވުމަށް އެދުނު ގިނަ ކަންކަމަށް އެމަނިކުފާނު ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ބުނެފައިވަނީ، ރައީސް ސޯލިހު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ފުވައްމުލަކު ކައުންސިލުން މީގެ ކުރިން ފާހަގަކުރި ގިނަ ކަންތައްތަކަށް ހައްލު ހޯއްދަވައިދެއްވާފައިވާކަން ފާހަގަކޮށް، މިއަދުގެ ބައްދަލުވުުމުގައި އެ ކައުންސިލުން ވަނީ ރައީސަށް ޝުކުރު ދަންނަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި އެ ސިޓީގެ އިތުރު މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ އިރު، ފަހިކުރަންޖެހޭ އިތުރު ކަންކަމަށް ބޭނުންވާ ފައިސާ ކައުންސިލަށް ލިބޭނެގޮތެއް ހަމަޖެއްސުމާއި، ކައުންސިލުން ބޭނުންވާ ގޮތަށް ހައުސިން ޔުނިޓުތައް ޑިޒައިން ކުރެވޭނެ ގޮތްވުމާއި، ސިޓީގައި އިތުރުވަމުންދާ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ކަންކަމާއި، ސިޓީގެ މާސްޓާ ޕްލޭނެއް ހެދުމަށް ބަޖެޓު ހޯދުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކުގެ ތަރައްގީއަށް އަދި ސިއްހީ ދާއިރާއިން ބޭނުންވާ ކަންކަން، އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ފާހަގަކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފުވައްމުލަކުގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމާއި އަލަށް ހަދާ މަގުތަކާއެކު ޕާކިން ފަދަ ކަންކަން ހިމެނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.