އިންޑިއާގެ މަގުބޫލު ކޮމެޑީ ތަރި ކަޕިލް ޝަރްމާ ސޮނީ ޓީވީގައި ގެނެސްދެމުން އަންނަ ''ކަޕިލް ޝަރްމާ ޝޯ'' އަނެއްކާވެސް ދުވަސްކޮޅަކަށް މެދުކަނޑާލަން ނިންމައިފިއެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ޖެނުއަރީމަހު ކަޕިލް ޝަރްމާ ޝޯ މެދުކަނޑާލާފައިވަނީ އޭނާއަށް ދެވަނަ ދަރިޔަކު ލިބުމާއިގުޅިގެން އާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. މިފަހަރު ކަޕިލް ޝަރްމާ ޝޯ މެދުކަނޑާލަން ނިންމާފައިވަނީ ކުރިއަށް ރޭވިފައިހުރި އޭނާގެ އެމެރިކާ-ކެނެޑާ ޓުއާއާއި ގުޅިގެން ޝޯއަށް ވަގުތު ހުސްކުރެވެން ނެތިގެންނެވެ.

ޖޫންމަހުގެ ތެރޭގައި ކުރިއަށް ގެންދަން ރޭވިފައިވާ ކަޕިލްގެ އެމެރިކާ އަދި ކެނެޑާ ޓުއާ އިއުލާނުކޮށް ޓުއާގެ ޝެޑިއުލްތައް ކަޕިލް ވަނީ އޭނާގެ އިންސްޓަގުރާމުގައި މިދިޔަ ހަފުތާގެ ތެރޭގައި ހިއްސާކޮށްފައެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ރޭވިފައިވާ މި ޓުއާގެ ފުރަތަމަ ޝޯ ޖޫންމަހުގެ 11 ވަނަ ދުވަހު ނިއު ޖާޒީ އިން ފަށަން ހަމަޖެހިފައިވާއިރު އެންމެ ފަހު ޝޯ ލޮސް އެންޖެލިސްގައި ބާއްވާގޮތަށް ޝެޑިއުލްކުރެވިފައިވީނަމަވެސް ލޮސް އެންޖެލިސްގައި ބާއްވާ ތާރީހު އަދި ވަނީ ޔަގީން ނުވެއެވެ. ޝެޑިއުލްކުރެވިފައިވާގޮތުން ލޮސް އެންޖެލިސްގެ ކުރިއަށް އެންމެފަހު ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޓޮރޮންޓޯގައި ޖުލައި 3 ވަނަ ދުވަހުގައެވެ.

ކަޕިލް ޝަރްމާ އަންނަނީ މިދުވަސްކޮޅު ބަތަލާ ނަންދިތާ ދާސް އާއެކު އޮޑިއްޝާގައި ފިލްމެއްގެ މަންޒަރުތައްވެސް ނަގަމުންނެވެ. ނަންދިތާ ދާސް ޑައިރެކްޓު ކުރާ މިފިލްމު އަންނަ އަހަރު ރިލީސްވާން ތައްޔާރުވަމުން އަންނައިރު ފިލްމުގެ ނަން އަދި މީޑިއާއަށް އާއްމުކޮށްފައެއް ނުވެއެވެ. މިފިލްމުގައި ކަޕިލް ފެނިގެންދާނީ ފުޑް ޑެލިވަރީ ކުރާ މީހެއްގެ ރޯލުން ކަމަށް މީޑިއާ ހަބަރުތައް ބުނެއެވެ.

ސޮނީ ޓީވީން މިހާރު ދައްކަމުން އަންނަނީ ކަޕިލް ޝަރްމާ ޝޯގެ ތިން ވަނަ ސީޒަނެވެ. މި ޝޯ ދުވަސްކޮޅަކަށް މެދުކަނޑާލަން ނިންމާފައިވީނަމަވެސް ބްރޭކަށް ދިއުމުގެ ކުރިން ބައެއް ޝޯތަކުގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވާކަމަށް ޝޯއާއި ގުޅޭ މައުލޫމާތު ހިއްސާކުރި ފަރާތަކުން ވަނީ އިންޑިއާގެ މީޑިއާއަކަށް މައުލޫމާތު ދީފައެވެ.