ޚަބަރު

ދިރާގުން ހިއްސާއަކަށް 6.20 ރުފިޔާ ބަހަން ފާސްކޮށްފި

އަލީ ޔާމިން

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 6.20 ރުފިޔާ ބަހަން ރޭ ބޭއްވި އެ ކުންފުނީގެ 33 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފިއެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ދިރާގުގެ 33 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ "ހައިބްރިޑް" މޮޑަލްއަކަށެވެ. މިދިޔަ ދެ އަހަރާ އެއްގޮތަށް މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވޯޓު ނަގާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާގައި 85 ހިއްސާދާރުންނާއެކު 71,369,648 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ފަސް ރިޒޮލިއުޝަންއެއް ފުރިހަމަ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް 84 ވޯޓާއެކު، އަހުމަދު މުހައްމަދު ދީދީ ވަނީ އާ ޕަބްލިކް ޑިރެކްޓަރުގެ ގޮތުގައި ބޯޑަށް ވެސް އައްޔަންކޮށްފައެވެ.

ދިރާގުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކުރުމާއެކު، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 6.20 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ވަނީ ނިންމާފައެވެ.

މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 33 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 4.13 ރުފިޔާގެ ފައިނަލް ޑިވިޑެންޑް އާއި މިއަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވާ ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ. މިދިޔަ އަހަރުގެ ޑިވިޑެންޓްއަކީ 2020 ވަނަ އަހަރާ އަޅައިބަލާއިރު ހިއްސާއަކަށް 1.03 ރުފިޔާގެ މަދު އަދަދެކެވެ.

މިދިޔަ އަހަރު ދިރާގުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީ 2020 ވަނަ އަހަރާ އަޅައިބަލާއިރު 1.8 ޕަސަންޓް މަތީ އަދަދެކެވެ. މިދިޔަ އަހަރު ދިރާގަށް އެންމެ ބޮޑު އާންމުދަނީއެއް ލިބިފައިވަނީ ފިކްސްޑް ބުރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތުންނެވެ.

މިދިޔަ އަހަރު ޓެކްސް އުނިކުރުމަށްފަހު ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2020 ވަނަ އަހަރާ އަޅައިބަލާއިރު 11 ޕަސަންޓް މަތީ އަދަދެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.