ލައިފް ސްޓައިލް

ބައިވެރިޔާ ނުރުހުނީ؟ ނުވަތަ ރުޅިމޫނު ހެދީ؟ ހައްލަކީ ސޮރީއަކާއި އެކު ޗޮކްލެޓެއް!

މަރިޔަމް ޝަފާ އިބްރާހިމް

ޗޮކްލެޓަކީ މީގެ އެތައް ޒަމާނެއް ކުރިން ކޮކޯ ގަހުގެ މޭވާއިން ހަދަން ފަށާފައިވާ ބާވަތެކެވެ. މިއަދު ޗޮކްލެޓުގެ ވިޔަފާރިން ނަފާވާ އެތައް ބަޔަކު ދުނިޔޭގައި އެބައުޅެއެވެ. ތަފާތު މުނާސަބާތަކަށާއި އެކުވެރި ރަހުމަތްތެރިކަން ބަދަހި ކުރުމަށާއި އަދިވެސް ގުޅުންތަކުގައި ދިމާވާ ހަމަނުޖެހުން ނައްތާލާ އެއްޗަކަށްވެސް ޗޮކްލެޓް މިވަނީ ވެފައެވެ. ގާތް މީހަކަސް އަދި ދުރު މީހަކަސް އެންމެ ފަސޭހައިން އެންމެ އަވަހަށް ތައްޔާރުކޮށްލެވޭ ހަދިޔާއަކީ ޗޮކްލެޓެވެ.

އެންމެ ބޮޑެތި ފިހާރަތަކުން ފެށިގެން އެންމެ ކުދި އާދައިގެ ފިހާރަޔަކަސް ޗޮކްލެޓް ލިބެން ހުރެއެވެ. ހަމައެހެންމެ ދިރާސާތަކުން ދައްކާ ގޮތުގައި ޗޮކްލެޓަކީ ސިއްހަތަށް ރަނގަޅު ބާވަތެކެވެ. އަދިހަމަމިއާއެކު މިއީ ލޯބީގެ ގުޅުމަށްވެސް ވަރަށް އަސަރު ފޯރުވާ ބަވަތަކަށްވެސް މިވަނީ ވެފައެވެ. ގިނަވަގުތު ބޭރުގައި މަސައްކަތުގައި އުޅެފައި ގެއަށް އަންނަ ވަގުތު އަނބިމީހާގެ ރުންކުރުވެފައިވާ މޫޑު ރަނގަޅު ކުރުވައި އެންމެ ފަސޭހައިން އަނބިމީހާގެ މޫޑު އަނބުރައިލަންވެސް ޗޮކްލެޓު އެހީތެރިވެދެއެވެ. އެހެނީ ގިނަ އަންހެނުންނަށް ކޮންމެވެސް އެއް ބާވަތެއްގެ ޗޮކުލެޓް ކަމުދެއެވެ.

"ވަރަށް އާންމުކަމެއް. ވަޒީފާގެ ގޮތުން ދެމީހުންނަށްވެސް ވަގުތުލިބޭނީ ވަރަށް ދަތިކޮށް، ވައިފަށް ޓައިމް ލިބޭއިރު މަ ވަރަށް ބިޒީ ވެގެން ގެއަކަށް ނުދެވޭނެ. ހަމައެގޮތަށް މަ އަވަހަށް ނިމިގެން ގެއަށް ދެވޭރެއެއްގައި ވައިފް ހަމަ ސަލާމަތް ނުވެގެން އުޅޭނީ. އެގާރަ ބާރަ ޖަހާފަހުން ދެމީހުން ދިމާވަނީ... ހާއްސަކޮށް ހުކުރުވިލޭރޭ ކޮންމެވެސް އެކަކު ޗޮކްލެޓް ގެންދާނެ. ގިނަފަހަރު ދެމީހުންނަށް އެކީ ގެންދެވޭނިވެސް. ކުރަން ޖެހޭ ޝަކުވާއާއި ހުރިހާ ނުރުހުމެއް ޗޮކްލެޓުގެ ރަހައާއެކު ފޮނިކަމަށް ބަދަލުވަނީ. ބޮޑެތި މައްސަލަތައްވެސް ޗޮކްލެޓުގެ ސަބަބުން ފިނިވެ ހަމަޖެހިފަ އެބަހުރި."

ފްލައިޓެއްގެ ފަސްޓް އޮފިސަރަކު އޭނާއާއި އޭނާގެ އަނބިމީހާއަށް ޗޮކްލެޓް މުހިންމުވާ ވަރު ކިޔައިދެމުން ބުނެލިއެވެ. އެ އޮފިސަރުގެ އަންހެނުންނަކީ ކަސްޓަމްސްގެ ޒިންމާދާރު ވަޒީފާއެއް އަދާ ކުރާ ކުޑަކޮށް އަބުއި މިޒާޖެއްގެ މީހެކެވެ. މަސައްކަތުގެ ގޮތުންވެސް އިތުރު ޕްރެޝަރު އާދެއެވެ. އަނބިމީހާގެ މިޒާޖު ފިނިކޮށްލަން ފިރިމީހާ ޗޮކްލެޓްގެ އުކުޅު ބޭނުން ކުރަން ފެށީ ކައިވެނީގެ ކުރީކޮޅު ޖެހެންފެށި އެންމެ ބޮޑެތި އުނދަގޫ މައްސަލަތައް ހައްލު ކުރުމުގެ ތެރެއިންނެވެ.

"ކުރީން ފެމިލީ ކަންތައް ބޮޑު މައްސަލައަކަށް އޮންނާނީ. ވަޒީފާ ނޫނަސް ވަރަށް ޓައިމް ނުދެވޭނެ. ދެން އަހަރެން މިއީ އަސްލު ވަރަށް އެހެންކަހަލަ ރުޅިއެއްވެސް ހުންނަ މީހެއްކަން ނޭނގޭ. އެކަމަކު ނޭނގޭ. ޗޮކްލެޓުން ހަމަ ހިތަށް މުޅިން ފިނިކަމެއް އަންނަނީ. މީހާ ވިރިގެންދަނީ. އަސްލު ވިސްނުން ރަނގަޅުވަނީކަންނޭނގޭ. ރުޅިއައިސް ހުރެ ނަގާ ޑިޒިޝަން ރަނގަޅެއް ނުވާނެތާ. ޗޮކްލެޓެއް ކެވުނީމަ ހަމަވިސްނުން އާދޭ. އިނބިލީސްވެސް އަވަހަށް ފިލަނީކަންނޭނގޭ. އޭގެ ކުރިން ރުޅި އަރުވާފަ ބޮލުގަ އިނަސް ކޮކޯ ވަހާއެކު ރުޅި ހިފައިގެން ދާނެ."

"ބައެއް ފަހަރު ބަބްލީ މައްސަލައިގަ ދެމީހުން އަތާއަތް ލައްވާ މޮޅުވާ މީހަކުވެސް ހޮވަން ޖެހޭ. އަމުދުން މިހާރު ޗޮކްލެޓް ކެއުން ވަރަށް ބޮޑު."

އަނބިމީހާ ބަލިވެ އިނުމުން ހިތްހަމަ ޖައްސައިދިނުމަށް ޗޮކްލެޓް ހަދިޔާއެއް ތައްޔާރު ކުރުވަން ހުރި ޒުވާނަކުވެސް ބުނެލިއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ޗޮކްލެޓްގެ ބޮޑު ވިޔަފާރިއެއް ހިންގަމުން އައިސް ބަންދުކޮށްފައި އަނެއްކާވެސް ދާދިފަހުން، ހުޅުވައި މަހެއްހައި ދުވަސްވީ ކޮކޯޓްރީސް އާ 'ވަން' އިން ސުވާލު ކުރުމުން ބުނީ، ޗޮކްލެޓްގެ ޑިމާންޑު ރާއްޖޭގައި ވަރަށްވެސް ބޮޑު ކަމަށެވެ. އެންމެ މަހެއްހައި ދުވަސްތެރޭގައިވެސް ޗޮކްލެޓަށް ބާރުބޮޑު ވަރާއި މީހުންގެ މެދުގައި ޗޮކްލެޓުގެ މަގުބޫލުކަން އޮތް ވަރު ހާމަކުރަމުން އެފަރާތުން ބުނީ މުނާސަބާތަކަށްވެސް އަދި މުނާސަބު ނޫނަސް ޗޮކެލެޓުގެ މަގުބޫލުކަން މީހުންގެ މެދުގައި ވަރަށްބޮޑު ކަމަށެވެ.

ކޮންމެއަކަސް ޗޮކްލެޓަކީ ހައިވެގެން ކާއެއްޗެއް، ނުވަތަ ނާސްތާއެއްގެ ގޮތުގައި ކާއެއްޗެއް ނޫނަސް ހިތަށް ހަމަޖެހުމެއް ލިއްބައިދޭ ފޮނިއެއްޗެކެވެ. ޑާކްޗޮކްލެޓާއި މިލްކްޗޮކްލެޓާއި އަދިވެސް މިނޫން އެތައް ފާޑެއްގެ ޗޮކްލެޓެކެވެ. އާންމުކޮށް އެންމެންނަށްވެސް މީރުވަނީ އަދި ގިނައިން ވިޔަފާރީގެ މައިދާނުގައިވެސް ހިނގަނި މިލްކްޗޮކްލެޓެވެ. ޑާކްޗޮކްލެޓަކީ މީރު ނަމަވެސް އެހާ އާންމުކޮށް ކާއެއްޗެއް ކަމަކަށް ނުވެއެވެ. ނަމަވެސް ކަޅުކޮފީއަށް ލޯބިކުރާ ފަރާތްތަކަށް ޑާކްޗޮކްލެޓް ވަރަށް ކަމުދެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ޗޮކްލެޓަކީ ލޯބިވެސް އިތުރުކޮށްދޭ އިހުސާސްތައް ބަރުކޮށްދޭ އެއްޗެކެވެ. މިގޮތުން ނުހަނު ލޯބިވާ ފަރާތަކާއެކު ވަގުތު ހޭދަކުރުމުން، ނުވަތަ ވަރަށް ބޭނުންވާ ހިތްހަމަޖެހޭ ފަދަ އަރާމު ތަންމައްޗެއްގައި ނިދާލުމަށް އޮށޯވެލުންފަދަ ކަންކަމުން ލިއްބައިދޭ ފަދަ އަރާމު އަދި ހިތްހަމަޖެހުމެއް ޗޮކްލެޓުގެ ސަބަބުންވެސް ހަށިގަނޑަށް ލިބެއެވެ. އަދި ހަށިގަނޑަށް ލިބޭ އަރާމުގައި މީހާގެ ސިކުނޑިއާއި ނާރުތައް ހަމަޖެހި ގުޅިލާމެހި ހިތްހަމަޖެހުމަކަށް ގެންދެއެވެ. މީގެ ސަބަބުން ކަމެއް ކުރާހިތް ނެތި ފޫހިވެފައި އިންނަ މީހާ، ޗޮކްލެޓުގެ ސަބަބުން އެކަމަކަށް ހިތްޖެހި ގަޔާވެގެން އެމަސައްކަތެއް ކުރެއެވެ. އަދި ކަމަކާ ނުރުހި ރުޅިއައިސްފައި ހުންނަ މީހާގެ މިޒާޖު ފިނިކޮށް އޭނާގެ ރުޅިއާއި ނުތަނަވަސްކަން ފިލުވައި ހިތްހަމަޖައްސާލުމަށްވެސް ޗޮކްލެޓަކީ ހަމައެންމެ ރަނގަޅު އެއް ފަރުވާއެވެ. ހަނދާން ގަދަކޮށްދޭ އެއްޗަކަށް ވީއިރު އަމިއްލަ ވަންތަކަމުގެ އިހުސާސް ވަރުގަދަކޮށް ނަފުސުދެކެ ލޯބިވުން އިތުރުކޮށްދޭ އެއްޗަކަށްވެސް ޗޮކުލެޓު ވެއެވެ. އަދި ހަމައެހެންމެ އެންމެނަށްވެސް ކުރަން އެންމެ އުނދަގޫ އެއްކަމަކީ ގުޅުމުގައި ޖެހޭ މައްސަލަތައް ހައްލުކުރުމާއި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށް ކަންތައް ކުރާނެ ގޮތުގެ މައްސަލައެވެ. މިކަމަށްވެސް ޗޮކްލެޓަކީ އެއްވަނަ އެހީތެރިޔާއެވެ. ބައިވެރިޔާ ނޫނީ ތިމާގެ އެކުވެރިޔާ ނޫނީ އާއިލާގެ ނުހަނު ލޯބިވާ އަޅައިލާ ފަރާތުން އެހެރީ ހިތްހަމަނުޖެހި ނުރުހިފައި ހެއްޔެވެ؟ އަވަހަށް އޭނާއަށް އެންމެ ކަމުދާ ވައްތަރުން މީރު ޗޮކްލެޓެއް ގަނެލާށެވެ. ޕާރުސަލްކޮށްލައިގެން "ސޮރީ އެންޑް ލަވްޔޫ" ނޫނީ "ސޮރީ" ނުވަތަ މިފަދަ ކޮންމެވެސް ކުޑަކުޑަ ބަހެއް ނޯޓަކަށް ޖަހާލުމަށްފަހު، ގެންގޮސް ހަދިޔާދޭށެވެ.

ދެން އަޅެ ނިކަން ބަލަން ހުރެބަލާށެވެ. ހަމައެއްވެސް ކަމެއް ނުވާ ފަދައަކުން ހަމަޖެހި ހިނިތުންވެލާނެއެވެ. ދެން ދެމީހުންނަށް އެކުގައި އިށީނދެގެން ތިބެ ވާހަކަ ދައްކައި މައްސަލަ ހައްލު ކުރެވިދާނެ އެވެ. ޗޮކްލެޓް ގެނެސްދޭ ހިނިތުންވުމަށް މަރުހަބާ ކިޔަމާހެއްޔެވެ؟