ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އިމްތިހާނުގެ ފީގެ ގޮތުގައި 10،000 ރުފިޔާ ކަނޑައަޅައިފިއެވެ.
ބާ ކައުންސިލްގެ އިމްތިހާނަކީ ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިމްތިހާނެކެވެ.
އެ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވަކީލުންނަށް ފޮނުއްވި އީމެއިލެއްގައި ވަނީ އިމްތިހާނަށް އަގު ކަނޑައެޅުމުގައި އެ އިމްތިހާނު ތަރައްގީ ކުރުމަށް ދިޔަ ހަރަދާއި ބޭރުގެ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތަށް ބަލާފައިވާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ އިމްތިހާނުގައި ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ ކެނޑިޑޭޓުންގެ އަދަދަށް ބަލާއިރު ބޮލަކަށް 20،000 ރުފިޔާ ޖެހޭނެ ކަމަށާއި ނަމަވެސް އިމްތިހާނު ހަދާ ފުރަތަމަ ފަހަރު ކަމުން 50 ޕަސަންޓް ކައުންސިލުން ދައްކައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ، އެ އިމްތިހާނުގެ ބައިވެރިންގެ އަތުން ދައްކަން ޖެހޭނީ 10،000 ރުފިޔާއެވެ.
އެ އިމްތިހާނު ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ބާ ކައުންސިލުން މަސައްކަތް ކުރަނީ ޖޫންގައި އިމްތިހާނު ބޭއްވުމަށެވެ. ގާތްގަނޑަކަށް 400 އެއްހާ ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.
"ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" ފާސްކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. އެ ގާނޫނުގައިވާ ގޮތުން ކޯޓުތަކުގައި ވަކާލާތުކުރައްވާ ވަކީލުންނަށް ލައިސަންސް ލިބޭނީ އެ އިމްތިހާނުން ފާސްވެގެންނެވެ. ދައުލަތުގެ ވަކީލުންނާއި ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރައްވާ ލީގަލް އޮފިސަރުން އެ އިމްތިހާނު ފުރިހަމަކުރަން ނުޖެހޭނެއެވެ.
އެ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ބާ އިމްތިހާނެއް ބާއްވަން މަސައްކަތްކުރީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އެ އިމްތިހާނު ފަސްކުރަން ޖެހުމުން ބާ ކައުންސިލުން ވަނީ 283 ވަކީލުންނަށް ވަގުތީ ލައިސަންސް ދޫކޮށްފައެވެ.
ގާނޫނުގައިވާ ގޮތުން ވަގުތީ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ވެސް މިފަހަރު އިމްތިހާނު ފުރިހަމަކުރަން ޖެހޭނެއެވެ. އެ އިމްތިހާނު ފުރިހަމަކުރާތާ މަދުވެގެން 21 ދުވަހުގެ ތެރޭގައި ލައިސަންސް ހަމަޖައްސަން ޖެހެއެވެ.
ބާ ކައުންސިލްގެ އިމްތިހާނުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ލޯ ޑްރާފްޓިންއެވެ.
މީގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު