ޚަބަރު

ދެ ހަފުތާއިން 1360 އަށްވުރެ ގިނަ ޕެލެޓު ނަގައިފިން، ރޯދައިގެ ކުރިން ހައްލު ކުރުމަކީ އަމާޒެއް: މުއިއްޒު

ރިފާ ހަލީލު

މާލެސިޓީގެ މަގުތަކުގައި ޕާކިން ސަރަހައްދު ބްލޮކްވާ ގޮތަށް ހުންނަ ޕެލެޓުތައް ނަގަން މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދެ ހަފުތާތެރޭގައި 1360 އަށްވުރެ ގިނަ ޕެލެޓު ނަގާފައިވާ ކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް "ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި އެ ކައުންސިިލަށް ހުށަހެޅުމުން ޕާކް ކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" ކުރަހައިދޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ފިހާރަތަކަށް މުދާ ލޯޑު ކުރުމާއި އަންލޯޑު ކުރުމަށް ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތަކަށް އެ މުއްދަތުގެ ތެރޭގައި އެ ކައުންސިލަށް ހުށަހެޅުއްވުމުން ސަރަހައްދު ޗެކުކުރުމަށްފަހު، ސްލޮޓު ހަމަޖައްސައިދެވޭ ތަނެއްކަމުގައިވާނަމަ، ކުލި ނަގައިގެން ސްލޮޓު ހަމަޖައްސައިދޭނެ ކަމަށްވެސް އެ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން މިކަން އިއުލާންކޮށް، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިގޮތަށް ބަހައްޓާފައި ހުންނަ ޕެލެޓުތައް ވަނީ ނަގަން ފަށާފަ އެވެ.

މާލެސީޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވި ދެހަފުތާ ތެރޭގައި 1360އަށްވުރެ ގިނަ ޕެލެޓު ނަގާފައިވާ ކަމަށެވެ. އަދި މިއަދުގެ މިހާތަނަށްވެސް 40 އަށްވުރެ ގިނަ ޕެލެޓު ނަގާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ރޯދަ މަސް އައުމުގެ ކުރިން ޕެލެޓު މައްސަލައަށް ހައްލެއް ގެނައުމަކީ އަމާޒެއް ކަމަށެވެ.