ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ޕޮންޒީ ސްކީމްތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ އެކައުންޓެއް ޑީއެކްޓިވޭޓް ކުރުމުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މައްޗަށް ދައުވާކޮށްފިއެވެ.

ސިވިލްކޯޓަށް ބީއެމްއެލްއާ ދެކޮޅަށް ކިންގްސް އިން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ، އެ ކުންފުނީގެ ބީއެމްއެލް އެކައުންޓް ގާނޫނީ އެއްވެސް ސަބަބެއް ނެތި ނުވަތަ ކޯޓު އަމުރެއް ނެތި ފްރީޒްކޮށް އެ އެކައުންޓުގައި ހުރި ފައިސާ ހިފަހައްޓާފައިވާ ކަމަށެވެ. ގާނޫނީ އެއްވެސް ސަބަބެއް ނެތި ނުވަތަ އަމުރެއް ނެތި ބީއެމްއެލުން ކިންގްސްގެ އެކައުންޓް ހިފަހައްޓާފައިވާތީ އެކައުންޓް އަންފްރީޒްކޮށް ދޫކޮށްލުމާ ހަމައަށް އެކަމުގެ ސަބަބުން ކުންފުނީގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދައުވާ ކުރުމުގެ ހައްގު ކިންގްސްއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

ފޮރެކްސް ޓްރޭޑިން ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާވެގެން ނުވާ ހުއްދަ ކަމެއް ކަން މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ކުރިން ކުރި އިއުލާނަކުން ވެސް އަންގާފައިވާ ކަމަށާއި ރާއްޖޭގައި ފޮރެކްސް ޓްރޭޑިން ވިޔަފާރި ކުރުން މަނާ ގާނޫނެއް ނެތް ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.

ކިންގްސް ކުންފުނީގެ ފަރާތުން އެ މައްސަލައިގައި ވަކާލާތު ކުރައްވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީއެއް ކަމަށްވާ މުހައްމަދު ހަލީމްއެވެ.

ހަލީމް މިއަދު ވިދާޅުވީ، ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލަ ކާމިޔާބުވާނެކަމުގެ 100 ޕަސަންޓް ޔަގީންކަން އެބައޮތް ކަމަށެވެ.

ބީއެމްއެލުން ކިންގްސް ކުންފުނީގެ އެކައުންޓް ފްރީޒު ކުރީ އެ ކުންފުނީގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ވަންނަ ގޮތް ބުނެދިނުމަށް އެންގުމުން އެކަން ސާފުކޮށްދެވިފައި ނުވާތީއެވެ.

ކިންގްސް ކުންފުނިން ޕޮންޒީ ސްކީމުތަކެއް ހިންގާ ކަމުގެ ތުހުމަތުގައި ފުލުހުން ވެސް ގެންދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

އެ ކުންފުނިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްހާން ވިދާޅުވެފައިވަނީ، ކިންގްސް ކުންފުނިން ބަޔަކަށް ގެއްލުންވާ ގޮތަށް އެއްވެސް ސްކީމެއް ނުހިންގާ ކަމަށެވެ. އަދި ދައުލަތުގެ މާލީ އިދާރާތަކަށް ޒަމާނީ މާލީ ނިޒާމު ނޭނގޭ ކަމަށް ވިދާޅުވެ އިދާރާތަކުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައިވެއެވެ.