ހުސްނުހީނާމަލަކީ މީރުވަސްދުވާ މަލެކެވެ. އެއީ އޭގެ ވަސް އެތައް ހިސާބު ދުރަށް ފެތުރޭ މީރުވަހެކެވެ. މަލުގެ އާންމު ކުލައަކީ މަޑުފެހިކުލައެވެ. ސާފު ރީތި ހުދާއި މަޑުމަޑު ފިޔާތޮށްޓާއި އަލިއަލި ރީނދޫކުލައިގައި ވެސް ހުސްނުހީނާމާ ފަރިވެފޮޅެއެވެ. މާ އަޅައި މާ ފޮޅޭނީ ކޯޅިކޯޅިއަށެވެ. ހިމަދިގު ރީތި މަލެކެވެ. މަލުގައި ހުންނަނީ ފަސް ފިޔައެވެ. އެންމެ ބޮޑު އަޖައިބަކީ މި މާ ހަތްފަހަރަށް ފޮޅޭ ފޮޅުމެވެ.

އަޅުގަނޑު ނުހަނު އިހުތިރާމް ކުރާ ނުހަނު ޤަދަރުކުރާ ކުޅަދާނަ ޝާޢިރާ ހދ. މަކުނުދޫ ސެލްވިން އަލްފާޟިލާ ޢިއްޒަތު އަޙުމަދު ނިޒާރު އާދެ ޢިއްޒައަކީ، ދިވެހި ޅެންވެރި ޗަމަން ފަރިކުރި ޙުސްނުހީނާމަލޭ ދަންނަވާ ހިތްވެއެވެ. އިއްޒަގެ އަދަބީ ޅެންތަކުން ފެންނަ ހުސްނުހީނާ ކުލަތަކުންނެވެ. ހުސްނުހީނާ މީރުވަހުންނެވެ. އޭގެ ފޮޅުންތަކާއި ޒީނަތްތެރިކަމާއި ފެތުރޭ ޢަބީރީ ހުވަނދުގެ ފުރިހަމަކަމުން ވެސް މެއެވެ. ހުސްނުހީނާ މަލުގެ ކޮންމެ ސިފައަކާއި ކޮންމެ ބައްޓަމަކާއި ކޮންމެ "ހުސްނު"އަކާ އިއްޒަގެ ޅެންވެރިކަން ގުޅޭގުޅުން ހިތަށް ވަންނަ ވަރުން ވެސް މެއެވެ.

މި ވާހަކަ މި ދެންނެވީ އަޅުގަނޑު ދަންނަވަން އެންމެ ބޭނުން ގޮތަށެވެ. އެންމެ ބޭނުންވި މޭރުމުންނެވެ. އެއްވެސް ތަޢައްޞުބެއް ނެތިއެވެ. އަޅުގަނޑުގެ މިނިވަން ޚިޔާލުގެ އަޑު އަޅުގަނޑުގެ ސިކުނޑިއަށް ވެރިވި ގޮތަށެވެ. އިއްވާން ބޭނުންވި ގޮތަށެވެ. ހިފެހެއްޓުމެއް، ކަނޑައި ބުރިކުރުމެއް، ބަދަލުގެނައުމެއް، ނެތިއެވެ. މިއީ އަޅުގަނޑު ލޮބުވެތި ޢިއްޒައާ މެދު ހެޔޮ ހިތުން ދެކޭ ގޮތެވެ.

މި ނަޒަރުން، މި މޭރުމުން، މި ނޭވާގައި، މި ހިނދުގައި، މި ވާހަކަތައް މި ދަންނަވަނީ އެތައް ސަބަބަކާ ހުރެއެވެ. ދިވެހި އަދަބިއްޔާތުގެ މާދަމާއަށް ޓަކައެވެ. ދިވެހި ޅެންވެރިކަމުގެ ތާރީޚަށް ޓަކައެވެ. ދިވެހި ޅެންވެރީންގެ އަގާއި ޤަދަރާއި ޝަރަފާއި ޢިއްޒަތަށް ޓަކައި ވެސް މެއެވެ.

އާދޭހެވެ! ޢިއްޒައަކީ ދިވެހިރާއްޖޭގެ ފަހުގެ ޒަމާނެއްގައި އުފެދުނު އެންމެ މޮޅު އެއް ޝާޢިރާއެވެ. ދިވެހި ޅެންވެރިކަމުގެ އުދަރެހުން އިއްޒަ ފެންނަނީ އުޖާލާވީ ތަރިއެއް ފަދައިންނެވެ. އެ އަދަބީ ބަހާރަކުން ދިވެހި އަދަބު ފަރިކުރި އަމީނީ ގުލްޝަނުން ފޮޅުނު ނަރުގިހާއި ޑޭޒީއާއި ވައިލެޓާއި ޗާނދަނީއާއި ދޭލިޔާ ހެން ލޮބުވެތި ޝާޢިރާ ޢިއްޒާ އަޙުމަދު ނިޒާރަކީ އަދު ދިވެހި އަދަބު މި ދެކޭ ފިނިފިނި ޗަމަނުން ފޮޅުނު ވަސްމީރު ހުސްނުހީނާމަލެވެ.

ޅެންވެރިކަމުގެ ކަމެއްގައި ނަމަ ދުވަހަކު ވެސް ޢިއްޒަ ފަސްޖެހިވަޑައިގެންފައެއް ނެތެވެ. އަޅުގަނޑަށް ޢިއްޒަ ތަޢާރަފްވީ ޅެންވެރީންގެ ބަހާރުގެ ވައިބަރު އޮޅީންނެވެ. އޭނާގެ ޅެންތަކަށް ދެވުނު އަހަންމިއްޔަތާއި ދެވުނު ސަމާލުކަން އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ އިތުރުވަމުންނެވެ. ޅެންތަކުގައި ހުންނަ ޅެންވަންތަ ހަމަތަކުގެ ނަލަކަމާއި މައުޒޫގައި ޚިޔާލުފާޅުކުރައްވައިފައި ހުންނަ ތަރުތީބާއި ލަފުޒުތައް ގައްތަވައި ބުގިސްކުރައްވައިފައި ހުންނަ ހިމުންކަމާއި ކާފިޔާތައް އަމުނުއްވައިފައި ހުންނަ މޮޅުކަމާއި ފުރިހަމަކަން އަޅުގަނޑުގެ އަދަބީ ޒައުގުގެ އަސަރުތަކާ ކުޅުނެވެ.

އަޅުގަނޑު ހަނދާވާން ގޮތުން އޭނާ ބަހާރާ ހިއްސާ ކުރެއްވި ޅެމެއްގެ ފުރިހަމަކަމުން އަޅުގަނޑު ފޯނުން ގުޅައިގެން ޅެމާ މެދު އެއްރޭ އިރާކޮޅުގެ ވަގުތެއްގައި ޚިޔާލު ވެސް ބަދަލު ކުރީމެވެ. ކޮން ގޮތަކަށް ގެންނެވި ޚިޔާލުފުޅެއްތޯއާއި ޅެމުން އުފައްދަވަމުން ގެންދަވާ ޖާދޫގެ އެކި ތަސްވީރުތަކުގެ މައްޗަށް ވެސް ވާހަކަ ދެއްކީމެވެ. އަޅުގަނޑަށް އިއްޒަ ދެއްވީ ވަރަށް ސާފު ޖަވާބެކެވެ.

އާދޭހެވެ! އެ ދުވަހުން ފެށިގެން އަޅުގަނޑުމެން ދެ މީހުން ދޭތެރެއަކުން ޅެމުގެ އެކި ކަންކަމުގެ މައްޗަށް ސައްލާކޮށް ހަދަމުއެވެ. ފާހަގަކުރެވޭ އިމްލާގެ ބައެއް އުނިއުންޏާއި ދިވެހިބަހުގެ އިސްތިއުމާލުގެ ކުދިކުދި ފުށުއެރުންތަކާއި މިފަދަ ކަންކަން ދެ ފަރާތަށް ފަހުމްވުމުގެ މަޝްވަރާތައް ވެސް ކުރަމުއެވެ.

މި ގޮތުގައި ދަމުން ހަމަ އެހެރަގެން ދުވަސްތައް ދަނީއެވެ. ދަމުންދަމުން ގޮސް 2020ވަނަ އަހަރު ލައިގަންނާން ދުވަސްކޮޅަކަށް ވިއެވެ. ޤައުމީ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ މަޝްވަރާތައް ދިވެހިބަހުގެ އެކެޑަމީގައި ކުރެވުނު ދުވަސްވަރެވެ. އެކެޑަމީގެ މެންބަރުންގެ ބައްދަލުވުމަކުން ނިންމެވީ 2020ވަނަ އަހަރުގެ ޅެންވެރީންގެ ދުވަސް ތަޚްޞީޞް ކުރައްވާނީ މަޝްހޫރު ޝާޢިރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އޮނަރަބަލް ޢަބްދުއްރަޝީދު ޙުސައިނަށް ކަމުގައެވެ. އަދި ޅެންވެރީންގެ ދުވަސް ރަސްމީކޮށް ފާހަގަކުރައްވާން ނިންމެވީ އެ މަނިކުފާނުގެ އުފަން ރަށް މ. ދިއްގަރުގައި ކަމަށް ވެސް ނިންމެވިއެވެ.

ޢިއްޒަ ދިރިއުޅުއްވަނީ ދިއްގަރުގައެވެ. ދިވެހި ޅެންވެރިކަމުގެ ފޮތް އަލަމާރީގައި މި ޒަމާނުގެ ޝާޢިރާއެއްގެ ހަރުދަނާ ޅެން ފޮތެއް ވުޖޫދުވެ ނެތްތާ އެތައް ޒަމާނެއް ވަނީ ވޭތިވެ ގޮސްފައެވެ. މި ކަން ފާހަގަކުރެވުނު ހިނދު އެފަދަ ޝާޢިރާއަކަށް އެންމެ އިސް ސަފުން ފެނުނީ ޒުވާން ޝާޢިރާ އަލްފާޟިލާ ޢިއްޒަތު އަޙުމަދު ނިޒާރެވެ. މި ކަމުގެ މުހިންމުކަމަށް ޓަކައި އެ ފަދަ ޚިޔާލެއް އަޅުގަނޑު ގެންގުޅޭކަން ބަޔާން ކުރައްވައި ޢިއްޒަ އެ ކަމާ މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ބައްލަވައިދެއްވަން އަޅުގަނޑު އެކެޑަމީގެ މުވައްޒަފަކަށް ދެންނެވީމެވެ. އަޅުގަނޑަށް ފަހުން އެނގުނީ ކޮންމެހެން ލަފާފުޅު ހޯއްދަވަން ޖެހޭ ބޭފުޅުންކޮޅެއްގެ ލަފާފުޅަށް ފަހު، އެކެޑަމީއަށް ޖަވާބެއް ދެއްވަން ޢިއްޒަ ވިދާޅުވި ކަމުގައެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. ހަނދާންވާ ގޮތުން އެއީ މެންދުރުފަހުގެ ވަގުތެކެވެ. އަޅުގަނޑަށް ޢިއްޒަ ގުޅުއްވައިފައި ވިދާޅުވިއެވެ. " ސަރ އެކެޑަމީން އަޅުގަނޑުގެ ޅެންފޮތެއް ނެރުއްވަން ނިންމެވިކަން އެއީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. އެކެޑަމީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ފިރިމީހާ ވެސް ބުނީ އެކެޑަމީން ތިކަން ކުރަންޏާ އެއީޔޯ އެންމެ ރަނގަޅު ގޮތަކަށް ވާނީ. ދެން އަޅުގަނޑު އަހައިލީ ޒީނަތު މިސްކުރެން. މިސް ވެސް ވިދާޅުވީ އެއީ ކަމަށް އެންމެ ރަނގަޅު ގޮތަކީ..."

ޅެންވެރީންގެ ދުވަހަށް ތައްޔާރުވުންތައް ބާރަށް ކުރިޔަށް ދާން ފެށިއެވެ. ރަސްމިއްޔާތުގެ ކަންކަމަށް ބޭނުންވާ ހަރަކާތްތައް ދުރާލައި ރޭވުނެވެ. ޅެންވެރީންގެ ދުވަސް ކަމަށް ވާ ޖަނަވަރީ މަހުގެ 15ވަނަ ދުވަހު ކުރިޔަށް ގެންދާން ނިންމީ ޅެންވެރީންގެ ޅެންތައް މިސްމީޑިޔާގައި އާންމުކުރުމާއި މާސްމީޑީޔާގައި ޅެންވެރީންގެ އަގުވަޒަންކުރުމާ އެކު ދުވަހުގެ މުނާސަބާގައި މަޢުލޫމާތު ޙިއްސާ ކުރުމެވެ. އަދި އެދުވަސް ފާހަގަ ކުރެއްވުމުގެ ގޮތުން އިސްކޫލުތަކުގައި އެސެންބުލީގެ އިތުރުން ކިޔަވައިދެއްވުމާ ގުޅުއްވައިން ކަންތައްތަކެއް ސްކޫލްތަކުން ކުރައްވަން ދެންނެވުމެވެ. މީގެ އިތުރަށް ޖަނަވަރީ 16ވަނަ ދުވަހުގެ ރޭ ޅެންވެރީންގެ ބަހާރުގެ ނަމުގައި ޚާއްޞަ ހަރަކާތެއް މާލޭގައި ކުރިޔަށް ގެންދިޔުމަށެވެ. ޝިޢާރަކަށް އެކެޑަމީން ނިންމެވީ އޮނަރަބަލް ޢަބްދުއްރަޝީދު ޙުސައިންގެ މަޝްހޫރު ލަވައެއް ކަމުގައިވާ "ރީތި ނަލަ ނަލަ ހަނދެއް ކުރި އަލީގައި.." މި ލަވައިގެ މި މިސްރާއެވެ. މިހެން ގޮސް ރަސްމީ ޖަލްސާއަށް ވީޑިޔޯލަވަ ކުޅުއްވުމުގެ ކަންކަން ކުރެއްވުމާއި ޅެންބަހުސާއި ގުންޒަރުގެ ކަންކަން ވެސް އެކެޑަމީގައި ބާރަށް ކުރިޔަށް ދިޔައެވެ. ޅެންވެރީންގެ ބަހާރު އޮތީ އޮލިންޕަހުގައެވެ. ފޯރިގަދަ އެތައް ހަރަކާތަކާ އެކުއެވެ.

ދުވަސްތައް ފާއިތުވަމުން ވެސް، ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާން ނިންމެވި ދުވަސް އަތުވެއްޖެއެވެ. އެއީ އެ އަހަރުގެ ޖަނަވަރީ މަހުގެ 24ވަނަ ދުވަހެވެ. މުނާސަބަތުގެ ތައްޔާރަށް ޓަކައި އޮފީހުން ދުރާލައި ނާއިބްރައީސް އަލްފާޟިލާ ރާފިޢާ ޢަބްދުލް ޤަދީރާއި ޑިރެކްޓަރ ޖެނެރަލް ނަސީމާ އަޙުމަދާ އެކު އިސް ވެރީންގެ ޓީމެއް ދިއްގަރަށް ވަޑައިގަތެވެ. އަޅުގަނޑު ދިޔައީ 23ވަނަ ދުވަހުއެވެ. ޅެންވެރީން ވަޑައިގަތީ 24ވަނަ ދުވަހުގެ މެންދުރުފަހުއެވެ.

އަޅުގަނޑު ދިއްގަރަށް ފުރަން އޮތް ދުވަހުގެ ރޭގަނޑުގެ ވަގުތަކު ޢިއްޒަ އަޅުގަނޑަށް ގުޅުއްވިއެވެ. އަދި ވިދާޅުވިއެވެ. "ސަރ! ޖަލްސާ ޝަރަފްވެރި ކުރައްވަނީ ކޮން ބޭފުޅުއްތޯ؟"

އަޅުގަނޑު ދެންނެވީމެވެ. "އަދި އޮތީ ރައީސުލް ޖުމުހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް. މިނިސްޓަރ ޔުމްނާ ވެސް ވަޑައިގަންނަވާނެ."

ޢިއްޒަ ވިދާޅުވިއެވެ. "އަޅުގަނޑަށް ވަރަށް ބޮޑު ކަމެއް ކޮށްދެއްވަން ވެއްޖެ ސަރ. އެއީ ކޮންމެހެން ވެސް ބޭނުން ކަމެއް"

އަޅުގަނޑު ދެންނެވީމެވެ. " ވިދާޅުވޭ. ކޮން ކަމެއްތޯ؟ ކޮށްދެވެން އޮތް ކަމެއް ނަމަ އެ ކަމެއް އެންމެ ފުރިހަމައަކަށް ކޮށްދެވޭތޯ ބަލާނަން"

ޢިއްޒަ ވިދާޅުވިއެވެ. "އަޅުގަނޑުގެ ފޮތް ފައިސަލް ނަސީމު ލައްވައި ނެރުއްވިދާނެތޯ. އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން. އެކަމަކު އެކެޑަމީން ވަކި ގޮތަކަށް ސަރމެން ނިންމަވައިފައި އޮތިއްޔާ އެންމެ ރަނގަޅު. އެނގޭ ސަރ ނިންމަވާނީ ރަނގަޅަކަށް"

އަޅުގަނޑު ދެންނެވީމެވެ. "ޢިއްޒަގެ ޅެން ފޮތަކީ އެކެޑަމީން ރަސްމީކޮށް ނެރޭ ފޮތެއް. އެ ފޮތް ނެރުއްވަން އެޖެންޑާ ވެސް ކޮށްފައިވާނީ ޝަރަފްވެރި މެހުމާން ލައްވައި"

ޢިއްޒައަށް ވިދާޅުވާނޭ އެއްޗެއް އެނގިވަޑައިނުގެން ހިނދުކޮޅަކު ހުންނެވުމަށް ފަހު ވަރަށް އުފާފުޅުވެއްޖެޔޭ ވިދާޅުވެ ފޯނުބޭއްވެވިއެވެ.

ޅެންވެރީންގެ ރަސްމީ ޖަލްސާއަށް ދިއްގަރު އޮތީ ޒީނަތުގެ ގަހަނާ އަޅުއްވައިފައެވެ. އެއީ ހަނދާނުން ނައްތަން ދަތި ފުރިހަމަކަމެކެވެ. ރޯޅިތައް އެ ބަހާރަށް ތިރިކުރީ ޅެންވެރީންނަށް ބޮސްދެމުންނެވެ. ޅެންވެރީންގެ އަގުބޮޑު ޚިދުމަތަށް ކުރުނީސްކުރަމުންނެވެ. އިވުނީ ރީތި ރާގުތަކެވެ. ލިބުނީ މީރު ރަހަތަކެވެ. ފެނުނީ ދިރިދިރި ހިނިތުންވޭވޭ ހުރި މެހުމާންދާރީއެކެވެ. ގެއިން މިސްކިތަށް ވެސް މަގުދައްކައި އެހީތެރިވާނޭ ލޭފަވެތީން ތިއްބެވެ. ރަށަށް ދިޔައީއް ސުރެން ރަށުން ފުރަން ދެނެވެ.

ޖަލްސާގެން ކަންކަން ނިމިގެން އެންމެން ވެސް އެނބުރި މާލެއައީ ދިއްގަރުގެ ހަނދާނީ ރަމްޒު " މީރު ރިހާކުރު" ފުޅިއެއްގެ ހަނދާނީ ޠުހުފާއަކާ އެކުއެވެ. ދިއްގަރުގެ ހެޔޮކަމާއި މުނާސަބަތުގެ އުފާވެރި ވާހަކަތަކުން ހިނިތުންވަމުންނެވެ. ހެމުންނެވެ. ހިތަށް ކުއްލިއަކަށް އެ ވަނީ ޅެންވެރީންގެ ޝަރަފުގައި މަރުޙަބާއާއި ތަހުނިޔާ ދަންނަވަން ޖަލްސާގައި ހުށަހެޅުނު ލަވައެވެ.

"މިއައި ރޯޅި ތާޒާވެ ފިނިފިނި ބަހާރު

ފޮޅެނީ އުފަލުގައި މިއަދު ގުލްޒާރު

ހިޔާ ފެތުރިގެން ޝާޢިރިއްޔަތުގެ ޒާރު

ހިނިތުން ވަނީއޭ މި ފަރި ދަރުބާރު"

ދިއްގަރު ސްކޫލުގެ ހުނަރުވެރި ޠާލިބާއިންގެ ފަރިފަރި ހަރަކާތެކެވެ. މުނާސަބު ވެދުމެކެވެ. ވެރިވެފައިވަނީ ޅެންވެރީންގެ ޚިދުމަތުގެ އުޖާލާ އަލިކަމެކެވެ. ޖަލްސާގައި އޮތް އެންމެ މުހިންމު އެއް ހިނދުކޮޅަކީ "ޢިއްޒަގެ ޅެންތައް" މި ފޮތް ނެރެދެއްވުމެވެ. ޝަރަފްވެރިމެހުމާނުގެ އަތްޕުޅުންނެވެ. އޮނަރަބަލް ފައިސަލް ނަސީމުގެ އަތްޕުޅުންނެވެ. ޢިއްޒަ އުންމީދުކުރެއްވި ފަދައިންނެވެ.

އެއީ އަޅުގަނޑު ހިތުން ޢިއްޒަގެ ޅެންވެރި ޚިދުމަތުގެ ފުރަތަމަ ކާމިޔާބެވެ. އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި އަދަބީ އެވޯޑެވެ. އެއީ ޢިއްޒަގެ ޅެންވެރި މުތްތަކުން ހޮވައިލެވުނު ވިދާ ޖައުހަރުގެ ޚަޒާނާއެކެވެ.

މާގިނަ ދުވަސްތަކެއް ނުވެއެވެ. ލައިގަތީ ދުނިޔެ ދުށް ޢާލަމީ ބޮޑުވަބާއެވެ. އާދޭހެވެ! ކޮވިޑު19އެވެ. އެޕްރީލް މަހުގެ މެދެއްހައި ހިސާބުގައި މުޅި ގައުމު ފުރަބަންދުކުރެއްވިއެވެ. ދެން މަސައްކަތް ކުރާން ޖެހުނީ ގޭގައި ތިބެގެންނެވެ. ރައްޔިތުން ތިބީ ބިރާސްކަން މަތީގައެވެ. ކަންބޮޑުވަތަކުން ހާސްވެފައެވެ.

އެއީ އޮންލައިން އެތައް ކިލާހަކާއި ކޯހަކާ އެކު ދިވެހިބަހުގެ އެކެޑަމީ ތެދުވި ވަގުތުކޮޅުތަކެކެވެ. ޅެންވެރިކަމުގެ އޮންލައިން ކޯހެއް ހިންގެވިދާނެތޯ އަޅުގަނޑު އިއްޒަ ގާތުގައި އެހީމެވެ. އޭރު އަދި ރާއްޖެ ދާދިވަރުކަމަށް އެހައި ފައްކަލެއް ނޫނެވެ. އޮންލައިންކޮށް އަމުދުން އެ ފަދަ ކަންކަން ކުރުން އެއްގޮތަކަށް ވެސް އާންމެއް ނޫނެވެ. ކަމުގެ ފާޑު ދަންނަ ބަޔަކު ވެސް ނޫޅެއެވެ.

އިއްޒަ އެ ކަމަށް އެއްބަސްވެވަޑައިގަތެވެ. އަދި ޒީނަތު އަޙުމަދާ ވެސް މި މޭރުމުން ވާހަކަ ދެއްކުމުން އޭނާ ވެސް މިކަމަށް ދެއްވީ ވަރަށް ރިވެތި އިޖާބައެކެވެ. އަލްފާޟިލް އާދަމް ޒާހިރާއި އަލްއުސްތާޛާ ފާޠިމަތު ނިޢުމާ މުޙައްމަދު ވެސް ދެއްވީ ވަރަށް މަތިވެރި އިޖާބައެކެވެ. ހަގީގަތުގައި އެ ކޯހަށް އިއުލާން ކުރުމުން 600 އެތައް ފަރާތަކުން ބައިވެރިވިއެވެ. އެކިއެކި ބުރުތަކަށް ބަހައިލައިގެން ޅެންވެރިކަން ކިޔަވައިދީ ޅެންވެރީން ބިނާ ކުރުމަށް ޓަކައި ކުރެވުނު މަސައްކަތުގެ އެންމެ އިސް އެއް އެދުރަކީ ލޮބުވެތި ޢިއްޒާ ނިޒާރެވެ. އެޕްރީލް މަހުގައި ފެށި މަސައްކަތުން މުޅީން ސަލާމަތް ވެވުނީ އެ އަހަރުގެ ރޯދަ މަސް ވެސް ނިމި އޮގަސްޓު ހިސާބުގައެވެ. އެއީ އޭގެ އަގު ވަޒަން ކުރަން ވެސް ދަތި ޚިދުމަތެކެވެ.

ޢިއްޒައަކީ މިއަދު އެތައް ސަތޭކަ ޒުވާން ޅެންވެރީންނެއްގެ ޅެންވެރި އެދުރެވެ. އެކި އުމުރުގެ އެތައް ޅެންވެރީންގެ ޅެންވެރި އުސްތާޒާއެވެ. ޢިއްޒަގެ ޅެންވެރިކަމުގެ ޚިދުމަތުގެ "ހުސްނު" ހުވަނދުގެ ވަސް ނުފޯރާ އެއްވެސް ކަންކޮޅެއް ރާއްޖެއަކު ނެތެވެ.

ޢިއްޒަގެ ޚިދުމަތުގެ އަގު ވަޒަންކޮށްދެއްވައި ހިތްވަރު ދެއްވުމުގެ އިނާމު ދެއްވާތޯ 2020ވަނަ އަހަރު ޢިއްޒަގެ ނަންފުޅު ޤައުމީ އިނާމަށް އެކެޑަމީގެ ފަރާތުން ހުށަހެޅީމެވެ. އެހެނަސް ކޮންމެވެސް ސަބަބަކާ ހުރެ އެ ކަމެއް ނުތްވެވެ. އިރާދަކުރެއްވިޔާ ދެން އޮތް ގޮތް މޮޅީއެވެ.

ކުއްލިއަކަށް އަޅުގަނޑުމެންނަށް ފެނުނީ ބައިނަލްއަގުވާމީ އިނާމެއް ޢިއްޒައަށް އެރުވުނު ތަނެވެ. އޭނާގެ ޅެންވެރިކަމުގެ ޚިދުމަތުގެ މައްޗަށެވެ. ހަޖޫއާއި ފުރައްސާރަ ވެސް އެ ކަމާ ގުޅިގެން ޢިއްޒައަށް ކުރިމަތިވެވަޑައިގެންނެވި ކަން ދެނެހުރީމެވެ. ޢިއްޒައަށް ވިސްނައި ދިނީ އެއީ ނުވެ ނުދާނެ ކަންކަން ކަމުގައެވެ. އެއް ގޮތަކަށް ވެސް ކަންބޮޑުވެވަޑައި ނުގެންނެވުމަށެވެ. މާޔޫސްވެވަޑައި ނުގަތުމަށެވެ. ހިތްވަރު އަދިވެސް ކުރެއްވުމަށެވެ. އިތުރު ކާމިޔާބު ހޯއްދަވަން އަޒުމު ކަނޑައެޅުއްވުމަށެވެ. ތުރާތަކާއި ހުރަސްތަކާ އެކު މެނުވީ ކާމިޔާބެއް ލިބިވަޑައިނުގެންނެވޭނެކަމުގައެވެ. މި ފަދަ އެތައްއެތައް ވާހަކައެއް ދޭތެރެއަކުން ޢިއްޒައަށް ހިތްވަރު ދިނުމުގެ ގޮތުން ދައްކާން ޖެހެއެވެ.

ޙަޤީޤަތުގައި ޢިއްޒައަކީ ވަރަށް ހިތްވަރު ގަދަ ބޭފުޅެކެވެ. ބަޔާންކުރާން ދަތި އެތައް ތަކްލީފެއް ކެތްތެރިކަމާ އެކު ތަހައްމަލްކުރައްވަމުން ޅެންވެރިކަމުގެ ޚިދުމަތް ކުރެވުމުގައި ވަރުބަލިފުޅުކަމެއް ނެތި ކުރައްވަނީ އާދަޔާ ޚިލާފު މަސައްކަތްޕުޅެކެވެ. ހެޔޮ ކޮންމެ ކަމެއްގައި ﷲގެ ބަރަކާތް ލައްވައެވެ. ޢިއްޒަގެ ޚިދުމަތުން ސާބިތުވަނީ މި މަތިވެރި ޝިޢާރެވެ.

ރެހެންދި އެވޯޑު ލިބިވަޑައިގަންނަވާ ކަން މީގެ ދުވަސްކޮޅެއް ކުރީން ޢިއްޒަ އަޅުގަނޑުގެ ގާތުގައި ވިދާޅުވިއެވެ. ކުރިން ލިބިވަޑައިގެންނެވި އެވޯޑުގެ ވާހަކަފުޅު ވެސް އެ އެވޯޑު ލިބިވަޑައިގަތުމުގެ މާ ކުރިން ވިދާޅުވިއެވެ. އެންމެފަހުން ރޭ، އާދެ 2022ވަނަ އަހަރުގެ މާރިޗު މަހުގެ 22ވީ ބުދަވިލޭރޭ އަޅުގަނޑުމެން މި ދުށީ ނުހަނު އުފާވެރި މަންޒަރެކެވެ. ޤައުމުގެ ޒުވާން އަންހެންދަރިއަކުގެ އަގު ޤައުމީ ފެންވަރުގައި ވަޒަންކުރެއްވި މަންޒަރެވެ. އެއީ ވެސް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމުހުރިއްޔާގެ އަތްޕުޅުންނާއި އެ މަނިކުފަނުގެ އަނބިކަނބަލުންގެ އަތްޕުޅުން ވެސް މެއެވެ. އަދުގެ ގައުމީ އެންމެ މަތިވެރި، އެންމެ ޝަރަފުވެރި އަތްޕުޅުތަކުންނެވެ. އާދޭހެވެ! ރެހެންދި އެވޯޑެވެ. ދިވެހި ޚިދުމަތްތެރި ކަނބަލުންގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރައްވައި ސަރުކާރުން ދެއްވާ ފަޚުރުވެރި، ޝަރަފްވެރި އެވޯޑެވެ.

ޝައްކެއް ނެތެވެ. ޢިއްޒަގެ ޢިއްޒަތަކަށް ނިމުންނާންނާށިއެވެ. އިރާދަކުރެއްވިޔާ އަދިވެސް އެތައް އިނާމާކާއި ޝަރަފަކާއި ޢިއްޒަތެއް ޢިއްޒައަށް ލިބިވަޑައިގަންނަވާނެއެވެ. އެއީ ޢިއްޒައަށް ޙައްޤު އިނަމާއި ޝަރަފެވެ. އެއީ ޢިއްޒަގެ މަސައްކަތުގެ ހައްގު އަގުވަންޒަކުރެއްވުންތައް ނޫން އެހެން އެއްވެސް އެއްޗެއް ނޫނެވެ.

ލޮބުވެތި ޢިއްޒާއެވެ. ތިބާއަށް ތިޔަ ލިބިވަޑައިގެންނެވި ކޮންމެ ޝަރަފަކީ ތިބާގެ ޚިދުމަތުގެ ވިދުވަރެވެ. ތިބާއަށް ލިބިވަޑައިގެންނެވި ކޮންމެ އިނާމަކީ ތިބާގެ ހިތްވަރާއި އަޒުމާ އެކު ގަދަ އަޅައި ކުރައްވާ މަސައްކަތްޕުޅުގެ އުޖާލާ ރިވެއްޔެވެ. ތިޔައީ ދިވެހި އަދަބީ ޗަމަންގެ "ހުސްނުހީނާމަލޭ" މި ދަންނަވަނީ އެތައް ހާސް އުންމީދުތަކާ އެކުއެވެ. ތިބާގެ ޚިދުމަތުގެ ފޮޅުން އެތައް ފަހަރަކު ފޮޅޭނޭ ކަން ހިތުގެ ލޮލަށް ފެންނާތީއެވެ. ތިބާގެ މޫރިތިކަމުގެ ރީތި ނަލަ ކުލަތައް އެތައް ސަތޭކަ އަހަރަކަށް ފަނޑު ނުވެ ދެމި ހުންނާނޭ ކަން ފިކުރުގެ ލޮލަލަށް ސޫރަވާތީއެވެ. ތިބާގެ ލުއި މީރުވަސް އެތައް ހާސް މޭލަކަށް އެތައް ހާސް ގަރުނަކަށް ފެތުރޭނޭކަން އިހުސާސްތަކުގެ ނޭފަތަށް ދުވާތީއެވެ.

އެދެނީ ކާމިޔާށެވެ. އަދިވެސް ކާމިޔާބަށެވެ. ފަލާހަށެވެ. ހިތްވަރު އާ ކުރައްވާށެވެ. އަޒުމު އާ ކުރައްވާށެވެ. އުންމީދުތަކުގެ ދޯދިތަކުން ދުނިޔެ ފަރިކުރައްވާށެވެ. ތިބާއީ މޯޅިވުމެއް ނެތް ދިވެހި ޅެންވެރި ޗަމަންފަރިކުޅަ ހުސްނުހީނާއެވެ. ޢިއްޒަތާއެކު ކުރުނީސް ކުރަމެވެ. ލޮބުވަތާ އެކު މި ޝުޢޫރުތަކާއި އިހުސާތައް އަރިސްކުރަމެވެ.

އޭ ދިވެހި ޅެންވެރިޗަމަން ފަރިކުރި ހުސްނުހީނާމަލާއެވެ.

ތިބާ ފަރިވެ ފޮޅޭ ތަން ފެންނަނީ އެންމެ ހަތްފަހަރަކު ނޫނެވެ. އެތައް ހާސްފަހަރަކުއެވެ.

ތިބާގެ ފިޔަތަކުގެ ލަޝްކަރުން ފެންނަ ފަސް ފިޔައަކީ ހަމަ އެކަނި ފަސް ފިޔައެއް ނޫނެވެ.

އެއީ ތިބާގެ ޚިދުމަތާއިގެން މުޅި ކާއިނާތުގައި އުދުހޭނޭ ވަރަތަކެވެ.

އޭ ދިވެހި ޅެންވެރިޗަމަން ފަރިކުރި ހުސްނުހީނާމަލާއެވެ.

ތިބާގެ ކޮންމެ ކުލައަކީ ކާއިނާތުގެ ޒީނަތެވެ. ޅެންވެރިކަމުގެ ނަލަކަމެވެ. ފުރިހަމަކަމެވެ.

ތިބާގެ ކުލަތަކާއި ވަހާއި ފޮޅުންތަކުން ދިވެހި އަދަބީ ޖައްވަށް ފުރިހަމަކަން ގެންނާށެވެ.

ދިވެހި ޅެންވެރި ޗަމަން ތިބާގެ "ޢިއްޒަތީ" ދަރުބާރުން ޝަރަފުވެރި ކުރާށެވެ.

އޭ ދިވެހި ޅެންވެރިޗަމަން ފަރިކުރި ހުސްނުހީނާމަލާއެވެ.

"ހިޔާ ފަތުރަމުން ޝާޢިރިއްޔަތުގެ ޒާރު" ހިނިތުން ކުރުވާށެވެ.

މާދަމާގެ ތަސްވީރުން ފެންނަނީ ކާމިޔާބުގެ އެންމެ އުސް ކުންނުގައި ދިވެހި ޅެންވެރި ޗަމަންގެ "ހުސްނުހީނާމާ" ފޮޅިފަރިވާ ތަނެވެ.