ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކުރި ހައުސިން ގްރާންޓަށް ހުށަހެޅުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.
އެހީއަށް ބޭނުންވެފައިވާ އާއިލާތައް ނޮމިނޭޓްކޮށް މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ. ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުން އަންނަ ގެ އިމާރާތްކޮށް ފަރުނީޗަރު ހިމެނުމުގެ ހަރަދުތައް ބޭންކުން ހަމަޖައްސައިދޭނެއެވެ.
ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުން އަންނަ އާއިލާތަކަށް ހައުސިން ގްރާންޓް މެދުވެރިކޮށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން މިފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނައުމުގައި އަޅުގަނޑުމެންނާއެކު ބައިވެރިވުން." ސައީދު ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ، ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން 31 މާރިޗު 2022ގެ ރޭގަނޑު 12:00ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/housing-grantއިން ލިބޭނެ ކަމަށް ބުންޏެވެ.
ހައުސިން ގްރާންޓަކީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
ޚަބަރު
ޚަބަރު
ޚަބަރު