މަސްކިރުވުމުގެ ހިދުމަތް ދެމުން އައި ތ. ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެންނަށް މިފްކޯއާ ސަރުކާރުން ހަވާލުކޮށްފިއެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން އެ ރަށުގައި ދެމުން އައި ހިދުމަތްތައް މެދުކަނޑާލަން ޖެހުނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 117 މިލިއަން ރުފިޔާގެ ލޯނަކަށް އަނބުރާ ފައިސާ ނުދައްކައިގެން 2010 ވަނަ އަހަރު ބޭންކަށް އެ ރަށް ނެގުމުންނެވެ.
އޭރު އެ މަސައްކަތް ކުރަމުން އައީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އޭރު އަލިފުށީ ދާއިރާގެ މެންބަރަކަށް ހުންނެވި، މިހާރުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްގެ ހިއްސާ އޮންނަ ކުންފުންޏަކުންނެވެ. އެ މައްސަލައިގައި އޭރު އާޒިމާއި ނާޝިޒުގެ ގޮނޑި ވެސް ގެއްލުނެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "ވަން" އަށް މިރޭ ވިދާޅުވީ، ފުނައްޑޫ ތަރައްގީކުރަން އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ މިމަހުގެ ކުރީކޮޅު ކަމަށާއި ސަރުކާރުން އެ ރަށް ހަވާލުކޮށްފައިވަނީ ބީއެމްއެލަށް ދައްކަން ޖެހޭ އިކުއިޒިޝަން ކޯސްޓް ދެއްކުމަށް ފަހު ކަމަށެވެ.
ފައުޒީ ވިދާޅުވީ، ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެންނައިރު ބޮޑެތި މަރާމާތުތައް ކުރަންޖެހޭ ކަމަށާއި އެކަންކަމުގެ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މިހާރުވެސް އަލުގަނޑުމެންގެ މުވައްޒަފުން އެރަށުގައި ބައިތިއްބައިގެން އެސެސްމަންޓް ހެދުމާއި ރަށް ސާފުކުރުމުގެ ކަންކަން ކުރަމުން މިދަނީ. ބައެއް މެޝިނަރީސްތަކުގެ ކަންޑިޝަން ބެލުމުގެ ކަންކަން ކުރިއަށް އެދަނީ،" ފައުޒީ ވިދާޅުވިއެވެ.
ފައުޒީ ވިދާޅުވީ، ފުނައްޑޫގެ ބަނދަރުވެސް ހަލާކުވެފައިވާ ކަމަށާއި އެހެންކަމުން އެރަށުގައި ބަނދަރެއް ހެދުމުގެ މަސައްކަތްތައްވެސް ކުރަން ޖެހޭ ކަމަށެވެ. އަދި އެރަށުގައި ހުރި ބްލާސްޓް ފްރީޒާ ވެސް މަރާމާތު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ފައުޒީ އިތުރަށް ވިދާޅުވީ، ތަކެތި ގެނައުމުގެ ތާށިކަމެއް ނެތް ނަމަ އަށް މަސް ނުވަތަ ނުވަ މަހުގެ ތެރޭގައި އެރަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
މިފްކޯއިން ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެންނަ އިރު، އެރަށުގައި ދޭނީ މަސް ކިރުވުމުގެ ހިދުމަތެވެ.
ފުނައްޑޫ މިފްކޯއާ ހަވާލުކޮށް ތަރައްގީކުރަމުން އަންނަ އިރު، މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތަކާއެކު އެރަށް އަލުން އޮޕަރޭޝަނަލް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު