ސްރީ ލަންކާގެ އެނާޖީ މިނިސްޓަރު ގަމިނީ ލޮކުގް ގެ ޑުރައިވަރަށް ގުރޫޕަކުން ރޭ ހަމަލާދީ މަރާލައިފިއެވެ.
މި ކަމުގައި ޝައްކު ކުރެވޭ ބަޔަކު ހޯދައި މައްސަލަ ތަހުގީގުކުރަމުން އަންނައިރު އެކަކު ވަނީ ހައްޔަރުކުރެވިފައިކަމަށް ލަންކާގެ ފުލުހުން މައުލޫމާތު ދެއެވެ.
ތޫނު ހަތިޔާރާއެކު ގުރޫޕަކުން މިނިސްޓަރުގެ ޑުރައިވަރު، 41 އަހަރުގެ އެޕަސިންގަ ކަނިޝްކާ އަށް ހަމަލާދީފައިވަނީ މަވިތަރާގައި އޭނާ ދިރިއުޅެމުން އަންނަ ގޭގެ ކުރިމަތީގައި ރޭ 8.00ގައި ކަމަށް ފުލުހުން ބުނެއެވެ. ޑުރައިވަރަށް ހަމަލާދިނީ ބާރަށް ސައިކަލު ދުއްވާފައިދިޔަ ޒުވާނަކަށް ބަލައިގެން ދުއްވުމަށް އެދި ނަސޭހަތްތެރިވުމާ ގުޅިގެން ހިނގި ހަމަނުޖެހުމަކަށް ފަހުގައެވެ. ސައިކަލު ދުއްވި ޒުވާނާ ވަނީ ކަނިޝްކައާ ދެބަސްވުމަށްފަހު އޭގެފަހުން ގުރޫޕަކާއެކު އައިސް ހަމަލާދިނުމަށްފަހު ފިލައިފައެވެ.
ޑުރައިވަރު މަރުވެފައިވަނީ ލިބުނު ޒަހަމުތަކުގެ ސަބަބުން ޕިލިޔަންޑަލާ ޑިސްޓްރިކްޓް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.
ލަންކާގެ އިގުތިސޯދު ހީނަރުވެ އާއްމުންނަށް އަސާސީ ހިދުމަތްތައް ލިބުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިވެފައިވާއިރު ކާބޯތަކެތީގެ އިތުރުން ޕެޓްރޯލާއި ޑީސަލް އަދި ކަރާސީނު ފަދަ ތެލުގެ ބާވަތްތައް ހޯދުމަށްވެސް ދިގު ކިޔޫތަކުގައި އާއްމުން އަންނަނީ ޖެހެމުންނެވެ. އެފަދަ ކިޔޫތަކުގައި ތިބި އާއްމުންގެ ތެރެއިން 48 ގަޑިއިރު ތެރޭ 4 މީހަކު މަރުވެފައިވާއިރު އޭގެ ތެރެއިން އެކަކު މަރުވެފައިވަނީ ކިޔޫގައި ތިބި ދެމީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ވަޅިން ހަމަލާ ދިނުމުގެ ސަބަބުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ