ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒަށް، ނަފުސާނީ ދެ ޑޮކްޓަރުން ކުރިއަށް އޮތް ދެމަހެއްހާ ދުވަސްތެރޭ ފޮނުވޭނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަރުކަޒަށް ޑޮކްޓަރުން ފޮނުވޭނެކަމުގެ ޔަގީންކަން ދީފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިމަހުގެ ހަ ވަނަ ދުވަހުން އަށް ވަނަ ދުވަހުގެ ނިޔަލަށް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި ޒިޔާރަތަށްފަހު އާންމުކުރި ރިޕޯޓަކާ ގުޅިގެންނެވެ.
އެ ރިޕޯޓުގައި އެޗްއާރުސީއެމުން ބުނީ އެކޮމިޝަނުން 2013 ވަނަ އަހަރު ކުރި ޒިޔާރަތުގައި، ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަފުސާނީ ބަލިތަކަށް ހާއްސަ ނަރުހެއްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅާފައިވާ ކަމަށާއި އެހެންނަމަވެސް އެ މަރުކަޒަށް މިދިޔަ އަހަރު ކުރި ޒިޔާރަތުގައި އެ މަރުކަޒުގައި މިފަދަ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނެތްކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސެންޓާ ފޯ މެންޓަލް ހެލްތުން މަރުކަޒަށް ޒިޔާރަތްކޮށް ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން 20 މީހުން ބަލާފައިވާ ކަމަށާއި ނަމަވެސް ނަފުސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނަށް ދައްކަން އަދިވެސް ވަރަށް ގިނަ މީހުން ތިބިކަން ފާހަގަކޮށްފައިވެއެވެ.
އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑާގެ ޕާމަނަންޓް ސެކްރެޓަރީ ޒުލްފިޝާން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެ މަރުކަޒުގައި އެންމެ ފަހުން ޑޮކްޓަރެއް ހުންނެވީ 2020 ގައި ކަމަށެވެ. އޭރު ހުންނެވި ޑޮކްޓަރު އެނބުރި ގައުމަށް ވަޑައިގެންނެވީ ކޮވިޑް-19 ފެތުރެން ފެށުމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ބޮޑު ބަލިމަޑުކަމެއް ދިމާވުމުން އާއިލާއާއެކު ހުންނަން ބޭނުންވާނެ. އެގޮތަށް އެ ޑޮކްޓަރުވެސް ދިޔައީ. އެނބުރި ނައީވެސް އެހެންވެ ކަމަށް ވެދާނެ،" އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް މިހާރު އެ މަރުކަޒަށް ބޭނުންވާ ދެ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޒުލްފިޝާން ވިދާޅުވީ އެ މަރުކަޒުގައި ނަފުސާނީ ޑޮކްޓަރަކު ނެތި ދިޔައީ ދެ އަހަރު ކަމަށާއި މި މުއްދަތުގެ ތެރޭގައިވެސް އައިޖީއެމްއެޗްއާ ގުޅިގެން އެތަނުގައި ތިބޭ ބަލިމީހުން ބަލަމުންދިޔަ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުގެ ނަފުސާނީ ޑޮކްޓަރުން އެކޮޅަށް ދެ ބުރެއްގެ މަތިން ވަޑައިގެން ބަލި މީހުން ބަލާފައިވާ ކަމަށް ވިދާޅުވިއެވެ.
އެ މަރުކަޒުގެ ކެޕޭސިޓީއަށްވުރެ މީހުން އިތުރުވެފައިވާތީ އާއި ބެލެހެއްޓުމަށް ދަތިތަކެއް ހުރުމުން އިތުރު ހަތް ނަރުހުން ނަގައި، ކެއާ ޓޭކަރުންވެސް އިތުރުކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ގުރައިދޫ މަރުކަޒުގައި 200 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.
ޚަބަރު
ޚަބަރު
ޚަބަރު