ގައުމީ މަންހަޖުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖާއި ކީސްޓޭޖް ދޭއްގެ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާ ފަސޭހަކޮށްދިނުމަށްޓަކައި ބަހާއި ހިސާބު އިލްމުގެ ގައުމީ އިސްތިރާޖު 2022-2027 އާއި އުނގެނުމުގެ އިތުރު އެހީ ދިނުމުގެ އިސްތިރާޖު (ސްޓްރެޓެޖީ) ތަންފީޒުކުރަން ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ފެކަލްޓީ އޮފް ހެލްތު ސައިންސްގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ލިޓްރެސީ އާއި ނިއުމެރަސީ ނުވަތަ ބަހާއި ހިސާބު އިލްމު އުނގެނުމާއި އުނގަންނައިދިނުން ހަރުދަނާކޮށް، ދަރިވަރުންގެ ކިބައިގައި މި ދެ އިލްމުގެ ފުރިހަމަ ބިންގަލެއް އެޅިގެން ނޫނީ ފޭރާން ހެޔޮ ތައުލީމެއްގެ ފުރުސަތު ހޯދައި ނުދެވޭނެ ކަމަށެވެ.
މި ދެ އިލްމަކީ މަދަރުސާއަކުން ލިބިދެވޭނެ އެންމެ މުހިންމު ހުނަރު ކަމަށާއި ބަހާއި ހިސާބު އިލްމުގެ ހުނަރުތަކަށް ފާގަތި ދަރިވަރުންނަކީ މުޖުތަމައުގައި ކާމިޔާބުކަމާއެކު އަމިއްލަ ފަރުދުންގެ ގޮތުގައި އަބުރުވެރިކަމާއެކު ދިރިއުޅުމަށް ފައްކާ ވެފައިވާ ދަރިވަރުންތަކަކަށްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ މި ދެ އިސްތިރާޖު ތަންފީޒު ކުރުމަށް ނިންމާފައިވާ ކަންތައްތައް ކާމިޔާބުކަމާއެކު ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ އެކިއެކި ސެކްޝަންތަކާއި އެހެނިހެން މުއައްސަސާތަކުން ދީފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
ގައުމީ މަންހަޖުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖާއި ކީސްޓޭޖް ދޭއްގެ ދަރިވަރުންގެ އުނގެނުމުގެ މަރުހަލާ ފަސޭހަކޮށްދިނުމަށްޓަކައި ތަންފީޒުކުރަން ފެށުނު މި އިސްތިރާޖުގެ ދަށުން ލިޓްރަސީ އެންޑް މެތެމެޓިކްސް އެމްބެސެޑަރުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމުވެސް މިއަދު މިވަނީ ފަށައިފައެވެ. އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 131 ފަރާތަކުން ބައިވެރިވެއެވެ. މި ތަމްރީނު ޕްރޮގްރާމުގެ މަގުސަދަކީ ބަހާއި ހިސާބު އިލްމު އުންގަންނައިދިނުމަށްޓަކައި މި ޕްރޮޖެކްޓުގައި ހިމެނޭ ކޮންމެ ސްކޫލަކުން ޓީޗަރަކު ތަމްރީނުކުރުމެވެ. އަދި ތަމްރީނުކުރެވޭ ޓީޗަރު މެދުވެރިކޮށް ސްކޫލުގެ އެހެން ޓީޗަރުންނަށް މި ތަމްރީނު ޕްރޮގްރާމު ހިންގުމެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޔުނިސެފާއި ގްލޯބަލް ޕާޓްނާޝިޕް ފޯ އެޑިއުކޭޝަނުން ރާއްޖެއަށް ލިބުނު ހިލޭ އެހީއާއެކު ގާއިމުކުރެވުނު "ލޭމްޕް" ޕްރޮޖެކްޓުން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. އަދި މި ތަމްރީނު ޕްރޮގްރާމް ފެސިލިޓޭޓްކުރަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުގެ ޓީޗާ ޑިވެލޮޕްމެންޓު ޔުނިޓުގެ ޓީޗާ ރިސޯސް ސެންޓަރުގެ ކޯޑިނޭޓަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު