ޚަބަރު

އައްމަޓީ ދޫކޮށްކަން ކޯޓުން އަނެއްކާވެސް ނިންމައިފި، މިއީ ތިންވަނަ ފަހަރު!

އިބްރާހިމް ޒަކީ

ހިޔާނާތުގެ 42 ދައުވާއެއް ކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށްފަހު މީގެ ކުރިން ދެ ފަހަރު ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. މިއީ އޭނާ ދޫކޮށްލި ތިންވަނަ ފަހަރެވެ.

އޭނާ ދޫކޮށްލާ ކޮންމެ ފަހަރަކު ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލުކޮށް، އޭނާ ބަންދުކުރަން އަމުރު ކުރެއެވެ. އެގޮތުން އެންމެ ފަހުން އޭނާ ބަންދުކުރަން ހައިކޯޓުން އަމުރު ކުރީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައެވެ. އެއީ އެފަހަރު ކަފާލާތުގެ ދަށުން ކުރިމިނަލް ކޯޓުން ދޫކޮށްލުމުންނެވެ. އެފަހަރު އައްމަޓީ ދޫކޮށްލީ، އޭނާގެ އަންހެން ދައްތަ އާއި ކޮއްކޮ ޖާމިނުވާ ގޮތަށެވެ.

އެފަހަރު އޭނާ ބަންދުކުރަން ހައިކޯޓުން ކުރި އަމުރުގައި ވަނީ، އައްމަޓީ ރާއްޖެއިން ބޭރުގައި ހުއްޓައި ފުލުހަށް ހާޒިރުވުމަށް އެންގުމުން ހާޒިރު ނުވެވޭނެކަން އެންގިކަން ސާފުކޮށް އެނގެން އޮތް ކަމަށާއި މި ހާލަތުގައި އައްމަޓީ ރާއްޖޭގައި މިހާރު އެހުރީ އޭނާއަށް އެހެން ގޮތެއް ނެތިގެން ނޫންކަމާއި އޭނާގެ އަމިއްލަ އިހުތިޔާރުން އައިސް ހުރިކަން ބަޔާންކޮށްދޭން އޭނާއަށް ޖެހޭނެ ކަމަށެވެ.

އެހެންނޫން ނަމަ، އަނެއްކާވެސް ފުރުސަތެއް ލިބިއްޖެނަމަ، ފިލައިގެން ގޮސްދާނެ ކަމުގެ އިހުތިމާލު އެބައޮތް ކަމަށެވެ. އަދި އައްމަޓީއަކީ އިންޓަޕޯލް މެދުވެރިކޮށްވެސް ހާޒިރު ނުކުރެވުނު މީހެއް ކަމަށްވާތީ، މި ހާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިހުތިޔާރުގެ ބޭނުން ދަށު ކޯޓުގެ ފަނޑިޔާރު ހިފާފައިވަނީ އޭނާ ފިލައި ގޮސްދާނެކަން ކަށަވަރު ކުރެވޭ ގޮތަށްތޯ ބަލަންޖެހޭ ކަމަށްވެސް ހައި ކޯޓުގެ އަމުރުގައިވެއެވެ.

އަމުރުގައި ވަނީ ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލުމަށް އަމުރުކުރުމާއެކު އޭނާގެ ޕާސްޕޯޓު ނުވަތަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެނޫންވެސް ރަސްމީ ލިޔުމެއް ހިފެހެއްޓުމަށް ކޮށްފައިވާ އަމުރެއް ފެންނަން ނެތް ކަމަށެވެ.

އެފަހަރު އޭނާ ބަންދުކުރުމުން، މިދިޔަ ފެބްރުއަރީ މަހުގެ 22 ގައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޝަރުތުތަކެއްް ކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް އެދި އައްމަޓީ ވަނީ ހުށަހަޅައިފައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށްދިޔައީ، އައްމަޓީގެ ބަންދު މުރާޖައާކުރުމެވެ. މިއަދުގެ އަޑުއެހުމުގައި، އައްމަޓީ ބަންދުގައި ބެހެއްޓުމުގެ މުހިއްމުކަން ހާމަކޮށް، ދައުލަތުން ބުނީ އޭނާގެ ބަންދު ދަމަހައްޓަން ޖެހެނީ ފިލައިފާނެ ކަމަށެވެ. އަދި ބަންދުގައި ބެހެއްޓި ނަމަވެސް އައްމަޓީގެ ސިއްހީ މައްސަލަތަކަށް ގަވާއިދުން ޑޮކްޓަރަށް ދައްކާ ކަމަށާއި، އޭނާގެ އޮޕަރޭޝަނަށް ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ހަދާފައިވާ ކަމަށްވެސް ބުންޏެވެ.

އެކަމާ ގުޅިގެން އައްމަޓީގެ ދިފާއީ ވަކީލު، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ، މިވަގުތު އޭނާގެ އަތުގައި ޕާސްޕޯޓެއް ނެތް އިރު، ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި މީގެ ކުރިން އޭނާ ފިލާފައިވާކަމަށް ބުނާ އިރު، އޭރު އޭނާ ލަންކާގައި ހުރީ އަނބިމީހާ އާއި އާއިލާއާއެކު ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭނާ ރާއްޖެ އައީ ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން ކަމަށްވެސް ވިދާޅުވިއެވެ.

ނިހާޔަތު އިތުރަށް ވިދާޅުވީ، އައްމަޓީގެ އިތުރުން އޭނާގެ ބައްޕަގެ ސިއްހީ ހާލަތު ވެސް ގޯސް ކަމަށާއި އެހެންކަމުން އޭނާ ދޫކޮށްލަންޖެހޭ ކަމަށެވެ.

އައްމަޓީގެ ޕާސްޕޯޓު ނެތްކަމަށް ދިފާއީ ވަކީލު ވިދާޅުވުމުން، ޕާސްޕޯޓް ނެތީސް އޭނާ ފިލާނީ ކިހިނެއްތޯ، ގާޒީ ހަސަން ސައީދު ދައުލަތާ ސުވާލު ކުރެއްވިއެވެ. ދައުލަތުން ބުނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ވެސް މީހުން ފިލާފައިވާ ކަމަށެވެ. އަދި އައްމަޓީއަކީ ފިލުމުގެ ރެކޯޑު އޮތް މީހެއް ކަމަށްވެސް ބުންޏެވެ.

ދެފަރާތުގެ ވާހަކަތަކަށްފަހު، މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ ޝަރުތުތަކާ އެކު އައްމަޓީ ދޫކޮށްލުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކޯޓުން ކުރާ ޝަރުތުތައް ދެ ފަރާތަށް އަންގަންވާނެ ކަމަށްވެސް ވިދާޅުވިއެވެ.