ޖުމުލަ 130 ކުޅުންތެރިން ބައިވެރިވި، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް)ގެ ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މާލޭ ކުޅިވަރު އެކުވެނި ނެޓްބޯޅަ ސިންތެޓިކް ކޯޓުގައި ކުރިއަށްދިޔަ މުބާރާތަކީ ނެޓްބޯޅަ އެސޯސިއޭޝަނުން އިސްނަގައިގެން ބޭއްވި ފުރަތަމަ ޖޫނިއާ މުބާރާތެވެ. އަދި އެ މުބާރާތް ވެގެންދިޔައީ އަލަށް ގާއިމުކުރި ސިންތެޓިކް ނެޓްބޯޅަ ކޯޓުގައި ބޭއްވި ފުރަތަމަ މުބާރާތަށްވެސް މެއެވެ.

މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެ ތިން އުމުރުފުރާއިން 13 ޓީމެއް ވާދަކުރިއެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމުތަކެވެ.

ނެޓްބޯޅަ ޖޫނިއާ ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ 12 އަހަރުން ދަށުގެ ފައިނަލުގައި ފިއޮންތީ އެކަޑެމީއާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ޕާޕަލް ޗީތާސް އެވެ. ތިން ވަނަ ހޯދީ ގްރީން ވިންގްސް އެވެ. މި އުމުރުފުރާގެ ޑްރީމް ޓީމުގައި ހިމެނެނީ ގްރީން ވިންގްސްގެ ފާތިމަތު ޝައުޝާ ޝާކިރު، ޕާޕަލް ޗީތާސްގެ އާލާ އަހުމަދު އިނާޒް، މަރިޔަމް ނަތާރާ ނަސީރު، މަރިޔަމް އުޔޫން އިގްބާލް، ފިއޮންތި އެކަޑެމީގެ ތާރާ އެލީނާ ޝިފާހު، އާމިނަތު ސާރާ ހަލީމްގެ އިތުރުން ރޯޔަލް ބްލޫގެ އައިޝަތު ނޯޔާ ބިންތި ނަދީމެވެ.

މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ފިއޮންތި އެކަޑެމީއެވެ. އެއީ ފައިނަލުގައި ޝޫޓިން ސްޓާސް 12-08 އިން ބަލިކޮށްގެންނެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެމްޕިއަން ފިއޮންތީގެ ތަޒްކިޔާ މުހައްމަދު މައުޝޫގް، އާމިނަތު އާނާ، ޝިބާ ހުސައިން ސުހައިލް، ޝޫޓިން ސްޓާސްގެ މަލަކް އިސްމާއިލް މާހިރު، އައިޝަތު ޝިނާ ޝަފީގު، ޒޯޔާ އަލީ މިސްބާހުގެ އިތުރުން ކޯމެޓްސްގެ އައިޝަތު އައިލީން ނަދީމެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ފައިނަލުގައި ފިއޮންތީ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދަންޑަބާޑްސްއެވެ. އެ އުމުރުފުރާގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ޗެމްޕިއަން ތަންޑަބާޑްސްގެ އައިޝަތު ޔަފްއާ އަހުމަދު، އައިޝަތު އައިނީ، އައިޝަތު އީޝަލް އަލީ، އައިޝަތު ޝާޔާ ޝާފީގު، އައިޝަތު މަލަކް އަލީގެ އިތުރުން ފިއޮންތީގެ މަރިޔަމް ސާރާ އިސްމާއިލް އަދި ހަރިކޭންގެ މިޝްކާ އަފްރާހު ހަސަނެވެ.

ނެޓްބޯޅަ އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތްތައް ފެށިގެން ދިއުމަކީ ކުޅިވަރުގެ ކުރިމަގަށް ހުޅުވިގެން ދިޔަ ފަހި ދޮރެކެވެ. ޒުވާން ޖީލެއް ނެޓުބޯޅައިގައި ބިނާކުރުމަށް އިއްޔެ ނިމިގެން ދިޔަ މުބާރާތުން ފުރުސަތު ފަހިވެގެންދާނެ ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ. އިއްޔެ ބޭއްވި ޖޫނިއާ މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.