އިންގްލެންޑްގެ ލިވަރޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހުގެ ނަން އަޑުނާހާ ދިވެއްސަކު ވަރަށް މަދުވާނެއެވެ. އުމުރުން 29 އަހަރުވީ ސަލާހުގެ މޮޅު ކުޅުމާއި ހިތްގައިމު ލަނޑުތައް ނުދެކޭ ދިވެހި ޒުވާނުން ވަރަށް މަދުވާނެއެވެ. އެހެންނަމަވެސް ފުޓްބޯޅަ ދަނޑުން ބޭރުގައި ސަލާހުގެ ދިރިއުޅުމާއި އޭނާގެ ކަންކަން ހުންނަގޮތް މާގިނަބަޔަކަށް އެނގިފައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވީމާ ފުޓްބޯޅަ ދަނޑުން ބޭރުގައި އެއީ ކޮންކަހަލަ ޝަޚުސިއްޔަތެެއްތޯ ބަލައިލުމަކީ މުހިއްމުކަމެއްކަމުގައި ފެނެއެވެ. ދީނަށް ލޯބިކުރާ މީހެއްތޯ، ޚައިރާތުކުރުމުގައި ދީލަތި މީހެއްތޯ އަދި ކަންދެއްކުމާއި ބޮޑާކަން ހުންނަ މީހެއްތޯ ބަލައިލުން މުހިއްމެވެ. ގިނަފަހަރަށް މީހާގެ ޝަޚުސިއްޔަތު ސިފަކުރެވިގެންދަނީ ފަހުން މިދެންނެވުނު ކަންކަން ހުންނަ ނުހުންނަ ގޮތެއްގެ މަތީގައި ކަމަށްވާތީއެވެ.

މުހައްމަދު ސަލާހަކީ އަރަތްބެކެވެ. މުސްލިމެކެވެ. ދީނަށް ލޯބިކުރާ މީހެކެވެ. ކާމިޔާބީގައި ހިތްތިރިކޮށް ޝުކުރުގެ ސަޖިދަކުރުމަކީ އޭނާގެ އާދައެކެވެ. ސަލާހުގެ އަންހެނުންނަކީވެސް ސަލާހު ފަދައިން މިސްރުގެ އަރަތްބެކެވެ. މުސްލިމެކެވެ. ދީނަށް ލޯބިކުރާ މީހެކެވެ. ސަލާހުގެ އަންހެނުން މަޖީއަކީ ބުރުގާޔާއި ނުލައި ދުވަހަކުވެސް އާއްމުންގެ ތެރެއަށް ނުކުތް މީހެއް ނޫނެވެ. އަބަދުވެސް ލައި އުޅެނީ ނިވާކަންބޮޑު ގަޔަށް ދޫ ހެދުމެވެ. ސަލާހާއި އިނުމުގެ ކުރިންވެސްމެއެވެ. އޭގެ ފަހުންވެސްމެއެއެވެ. ތައުލީމާއި ތަމްރީނުގެ ގޮތުން އޭނާއަކީ ބަޔޮޓެކްލޮނޮޖިސްޓެކެވެ. ފޮރުވިގެން ނިވައިވެގެން އުޅުމަކީ ބައެއް ފަހަރު އިނގިރޭސިވިލާތުގައި މަޖީއަށް ފުރައްސާރަ ރައްދުވާ ކަމެކެވެ. އެހެންނަމަވެސް ބަޔަކު ބުނާ އެއްޗަކަށް އަދި ލިޔާ އެއްޗަކަށް އުމުރުން 27 އަހަރުވީ މަޖީގެ ފަރުވާލެއް ނެތެވެ.

މުހައްމަދު ސަލާހާއި މަޖީ ސާދިގު ބައްދަލުވީ ދެ މީހުންވެސް ވަރަށް ޅައިރުގައެވެ. މަދުރަސީ ހަޔާތުގެ ތެރެއިންނެވެ. މިސްރުގެ ރަށްފުށުގެ އަވަށެއްގައި ދެމީހުންވެސް އެއް ސްކޫލަކަށް ދިޔައިރުއެވެ. އެހިސާބުން އުފެދުނު ރައްޓެހިކަން ބަދަހިވަމުންއައިސް ލޯތްބަށް ބަދަލުވެ ދެ މީހުން ކައިވެނީގެ ގޮތުން ގުޅުނީ 2013 ވަނަ އަހަރުއެވެ. މި ކައިވެނިން މިހާތަނަށް ލިބިފައިވަނީ ދެ އަންހެން ކުދިންނެވެ. އެންމެ ދޮށީ ކުއްޖަކީ 2014 ވަނަ އަހަރު ލިބުނު ކުއްޖާއެވެ. އެ ކުއްޖާއަށް މިދެމަފިރިން ދިން ނަމަކީ މައްކާއެވެ. މި ނަން ނިސްބަތްވަނީ ހިޖާޒުކަރައިގެ މައްކާއަށެވެ. މުސްލިމުންގެ އެންމެ މުގައްދަސް ބިމަށެވެ. އެބިމެއްގައި މާތްވެގެންވާ ގެފުޅު ގާއިމްވެގެންވާ ބިމަށެވެ. ދެވަނަ ކުއްޖާއަށް ކިޔަނީ ކާޔަންއެވެ. އޭނާ އުފަންވީ 2020ގައެވެ.

ގޯލް ޖެހުމަށްފަހު މުހައްމަދު ސަލާހު އަބަދުވެސް އަވަސްވެގަންނަނީ ސަޖިދަކުރުމަށެވެ. ގިބުލަޔަށް އެނބުރި ހުރެގެންނެވެ. މިއީ ކީއްވެގެން ކުރާ ކަމެއްތޯ ސީއެންއެންގެ ޕްރޮގްރާމެއްގައި ސަލާހުއާ ސުވާލު ކުރެވުނެވެ. އޭނާ ބުންޏެވެ. އެއީ ޝުކުރުގެ ސަޖިދައެވެ. އެއީ ނިއުމަތަށް ޝުކުރު ކުރުމެވެ. ހެޔޮ ނަސީބާއި ދަރުމަ ގަބޫލުކޮށް އެކަންކަން ހިންމަވައިދެއްވާ އެއްކައުވަންތަ އިލާހުގެ މަތިން ހަނދުމަކުރުމެވެ. އެކަމަކީ މިއަދު ފެށިކަމެއް ނޫނެވެ. ޓީވީ ކެމެރާތަކުގެ ކުރިމަތީގައި މީހުންނަށް ކަންދެއްކުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫނެވެ. އެއީ ވަރަށް ޅައިރުން ފެށިގެންވެސް ކުރާ ކަމަކީއެވެ. ނިއުމަތާއި ހެޔޮނަސީބަށް ޝުކުރުވެރިވުމަކީ ވަކި އުމުރެއްގައި ވަކި ތަނެއްގައި ވަކި ބަޔަކަށް ދައްކަން ކުރާންޖެހޭ ކަމެއް ނޫނެވެ.

ސަލާހު އުފަންވީ އަދި ނިސްބަތްވަނީ ނަޖުރީޖޭ ކިޔުނު އަވަށަކަށެވެ. އެއަވަށުގެ ކޮންމެ ސަތޭކަ މީހުންގެ ތެރެެއިން 65 މީހުންނަކީ ފަގީރުންނެވެ. އެމީހުންގެ ހާލަތު ރަގަޅު ކުރުމަށް އޭނާ ވަރަށް ދީލަތިގޮތެއްގައި ޚައިރާތުކުރެއެވެ. އެ އަވަށުގައި ސަލާހުގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ސްކޫލަކާއި ހަސްފަތާލެއް ބިނާކޮށްދީފައިވެއެވެ. މި މަޝްރޫގެ ދަށުން އަލްއަޒްހަރު އިންސްޓިޓިއުޓޭ ކިޔުނު ތަނެއްވެސް ނަޖުރީޖުގައި ވަނީ ބިނާކުރެވިފައެވެ. އެއަވަށުގެ 450 އާއިލާއަކަށް ދިގު މުއްދަތެއްގައި ސަލާހު ވަނީ މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. މިސްރުގެ ސަރުކާރަށް މާލީގޮތުން ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށްވެސް ސަލާހު ވަނީ އެއްފަހަރަށްވުރެ ގިނަ ފަހަރު އެހީވެދީފައެވެ. މިކަން މިސްރުގެ ސަރުކާރުންވެސް ބަލައިގަނެއެވެ.

މުހައްމަދު ސަލާހުގެ ހިތްތިރިކަމާއި މަޑުމޮޅިކަމާއިމެދު މިސްރު މީހުން ދައްކައި އުޅޭ ވާހަކައެއް އޮވެއެވެ. އޭނާ ޔޫރަޕަށް ބަދަލުވުމުގެ ކުރިން ހިނގި ހާދިސާއެއްގެ ވާހަކައެވެ. ކޮންމެވެސް މީހަކު ސަލާހުމެންގެ ގެޔަށް ވަދެ ވައްކަންކުރީއެވެ. އެކަމަކު ބަޗައިގެން ދިޔުމުގެ ކުރިން ވަގުކަލޭގެ ހިފިއްޖެއެވެ. ސަލާހުގެ ބައްޕަ ބޭނުންވީ ފުލުހުންނާއި އޭނާ ހަވާލުކޮށްގެން ސަރިޔަތަށްވެސް މައްސަލަ ހުށައެޅުމަށެވެ. އެގޮތާއި ސަލާހު އެެއްބަހެއް ނުވިއެވެ. އޭނާއަށް ފައިސާ ދީފައި ސަލާހު ބޭނުންވީ ދޫކޮށްލުމަށެވެ. އެވަރަކުން އަދި ނުނިންމައެވެ. ސަލާހު މެދުވެރިވެގެން އެމީހާއަށް ވަޒީފާވެސް ހޯދައިދީ ދިރިއުޅެވޭނޭ މަގު ތަނަވަސްކޮށްދިނެވެ. މިގޮތުން ވަގަކު ހެޔޮމަގަށް ގެނެސްދީ އަބުރުވެރި ތާހިރު ދިރިއުޅުމެއް ވަނީ ހޯދައިދީފައެވެ.