ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭންތައް ފުރަތަމަ ފަހަރަށް އާންމުކުރަން ފަށައިފިއެވެ.
ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓް ޕްލޭންތަކަކީ ކަނޑައެޅިފައިވާ ބަޖެޓަށް ޕްލޭންކޮށް، ފިނޭންސް މިނިސްޓްރީއަށް އަހަރަކު އެއް ފަހަރު ހުށަހަޅަން ޖެހޭ އެއްޗެކެވެ. ނަމަވެސް މި ލިޔުންތައް މިހާތަނަށްވެސް އާންމުކޮށްފައެއް ނުވެއެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އެކްޒެކްޓިވް މުހައްމަދު ޝަނޫން "ވަން" އަށް މިއަދު ވިދާޅުވީ، މިދިޔަ ހަފުތާއިން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ބައެއް ހަދައި، އެ ޕްލޭންތައް އާންމުކުރަން ފެށީ ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް ވީހާވެސް ހާމަކަންބޮޑުކޮށް ގެންދިއުމުގެ ގޮތުން ކަމަށެވެ.
އެކަމުގެ ސަބަބުން އިދާރާތަކުގެ ޕްރޮކިއުމަންޓުތައް ކުރިއަށްގެންދަން ރާވާފައިވާ ގޮތާއި އެ ޕްރޮކިއުމަންޓުތަކަށް ކުރިމަތިލާ ފަރާތްތަކަށް އެކަމަށް ތައްޔާރުވާން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ޝަނޫން އިތުރަށް ވިދާޅުވީ، ޕްލޭންތައް އާންމުކުރަން ފެށުމުން ހޮޔޮ އަގުގައި ތަކެއްޗާއި ހިދުމަތާއި އަދި މަސައްކަތްތަކަށް އެ ފަރާތްތަކުން ކޮށްދޭން ހުށަހަޅާ އަގު ކުޑަކުރުމަށް މަގުފަހިވެ، ދައުލަތުން ޕްރޮކިއުމަންޓަށް ކުރާ ހަރަދު އެތައް ގުނައެއް ކުޑަވެގެންދާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީ ވެބްސައިޓުގައި އާންމުކޮށްފައިވާ ޕްރޮކިއުމަންޓް ޕްލޭން ބައިގައި ދައުލަތުގެ ހުރިހާ އިދާރާއެއްގެ ޕްރޮކިއުމަންޓް ޕްލޭންތަކުގެ އިތުރުން ސަރުކާރުން ކުރަން ނިންމާފައިވާ ބައެއް ޕްރޮޖެކްޓުތަކުގެ ޕްލޭންތައްވެސް އާންމުކޮށްފައިވެއެވެ.