ތިރީސް ހާސް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް ނޯޓިސް ދިނުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު "ވަން" އަށް ވިދާޅުވީ، ކޮވިޑާ ގުޅިގެން އަޅާފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު މެމްބަރުންގެ އަދަދު ހަމަކުރުމަށް އެކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ދީފައިވާ ލުއިތަކަށް ނިމުން ގެންނަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން ގާނޫނުގައި ކަނޑައަޅާފައިވާ އަދަދަށް މެމްބަރުންގެ އަދަދު ހަމަނުވާ ހަތަރު ސިޔާސީ ޕާޓީއެއް އެބައޮތް ކަމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން އެ ޕާޓީތަަކަށް ތިން މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް ނިންމާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާ ގުޅިގެން، އެދުވަހު ކޮމިޝަނުން ވާނީ ނިންމާފައި، މެންބަރުންގެ އަދަދު 3،000 ހަމަނުވާ ޕާޓީތަކަށް ތިން މަސްދުވަހުގެ ނޯޓިސް ދޭން. އެއީ ގާނޫނުގައިވެސް އަމަލުކުރަން އޮންނަ އުސޫލުގެ ދަށުން އެކަން މިކުރަނީ. ނޯޓިސް ދިނުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ވާނީ ފަށާފައި،" ހަބީބު ވިދާޅުވިއެެވެ.

  • ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)
  • މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)
  • މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)
  • މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)

ހަބީބު ވިދާޅުވީ ނޯޓިސް ދޭތާ ތިން މަސްދުވަހުގެ ތެރޭގައި އެއިން ޕާޓީއެއްގެ މެމްބަރުންގެ އަދަދު 3000 އަށްވުރެ އިތުރު ނުވާ ކަމަށްވާ ނަމަ އެ ޕާޓީއެއް އުވާލުމުގެ މަރުހަލާ ފަށާނެ ކަމަށެވެ. އަދި މެމްބަރުން ހަމަކުރުމުގައި ފޯމު ހުށަހަޅާއިރު މެމްބަރުންނަށް ނޭނގި ޕާޓީތަކުގެ ދަފްތަރުގައި ޖައްސުވާ ކަމުގެ މައްސަލަ ވަރަށް ގިނައިން ދިމާވާ ކަމަށާއި މެމްބަރުން ހަމަކުރުމުގައި ހުރިހާ ޕާޓީއަކުންވެސް ތެދުވެރިވުމަށް އިލްތިމާސްކުރާ ކަމަށް ހަބީބު ވިދާޅުވިއެވެ.

މެމްބަރުން ހަމަނުވާ ޕާޓީތަކުގެ ތެރެއިން 2005 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އުފެދުނު ޑީއާރުޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ. މޯލްޑިވްސް ޑިމޮރެޓިކް ޕާޓީ (އެމްޑީޕީ) އަށްފަހު ރާއްޖޭގައި ދެވަނައަށް އެންމެ ދުވަސްވީ ޕާޓީއަކީ ޑީއާރުޕީއެވެ. އޭރު އެމްޑީޕީގެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި ޑީއާރުޕީ އޮތް ނަމަވެސް، ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަގަނޑެއްގެ ސަބަބުން ރައީސް މައުމޫން، އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާއެކު 2011 ވަނަ އަހަރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމުން ޑީއާރުޕީ ވަރަށް ބޮޑަށް ބަލިކަށިވިއެވެ. މިހާރު ޑީއާރުޕީ ހިންގުމުގައި އެޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ތިންވަނަ ޕާޓީއެވެ. ރައީސް މައުމޫން 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެ ޕާޓީ އުފެއްދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ހިޔާލުތަފާތުވެ، އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ.

އެމްޓީޑީ އުފެދުނުތާ ވެސް އަދި މާގިނަ ދުވަސްތަކެއް ނުވެއެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބައިވެރިވުމާއެކު އެމްޓީޑީ އުފެދުނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.