ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އާއި ތިބާ ސައިކޮލޮޖީ ގުޅިގެން ގެވެށި އަދި ޖިންސީ އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެފްޕީއޭ އިން އިއްޔެ ބުނީ، ގެވެށި އަދި ޖިންސީ އަނިޔާ ލިބޭ މީހުންނަކީ އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެތަކެއް ނަފްސާނީ އުނދަގޫތަކެއް ކުރިމަތިލާންޖެހޭ ބައެއް ކަމަށާއި ނަފްސާނީ އުނދަގޫތަކަށް އަވަސް ފުރުސަތެއްގައި އެކަށޭނެ ހައްލެއް ނުލިބޭކަމުގައިވާނަމަ، އެފަދަ ކަންކަމަކީ އިތުރަށް ގޯސްވުމުގެ ނުރައްކާ ބޮޑުވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހުރަސްތަކާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށެވެ. އެެހެންކަމުން ގެވެށި އަދި ޖިންސީ އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ހޯދޭނެ މަގެއް ފަހިކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ބުންޏެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު އަދި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ ނަފްސާނީ އެހީ ފޯރުކޮށްދެވޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައި، އެ ހިދުމަތް ފޯރުކޮށްދިނުމަށް އެފްޕީއޭ އާއި ތިބާ ސައިކޮލޮޖީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.
އެ އެެއްބަސްވުމަކީ އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ އެއްވެސް ތަފާތުކުރުމެއްނެތި، ހަމަހަމަކަމާއެކު ގެވެށި އަނިޔާގެ އަމަލުތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމެއް އުޅޭ ބަޔަކަށް ރައްޔިތުން ހެދުމަށާއި އަދި ޖިންސީ ކުށުގެ ގާނޫނުގާއި ބަޔާން ކޮށްފައިވާ ފަދަ އަނިޔާ ލިބޭ ފަރާތަށް ނަފްސާނީ ގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތް ހަމަޖައްސައިދިނުމަށް ވެވުނު އެއްބަސްވުމެކެވެ.
އެފްޕީއޭ އިން ބުނީ، ތިބާ ސައިކޮލޮޖީއާ މަސައްކަތް ހަވާލުކުރެވިފައިވަނީ އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން އެއް އަހަރުގެ ދުވަހުގެ މުއްދަތަށް ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެފްޕީއޭގެ އެހީތެރިކަމާއެކު ތިބާ ސައިކޮލޮޖީން ކައުންސިލިންގެ ހިދުމަތް ހޯދާ ފަރާތްތަކަށް ގިނަވެގެން ހަ މަސް ދުވަހަށް ކައުންސިލިން ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ހިދުމަތް ހޯދުމަށް އެދި އަނިޔާ ލިބޭ ފަރާތަކަށް ނުވަތަ އެފަރާތުގެ ބެލެނިވެރިންނަށް އަދި އަނިޔާ ލިބޭ ފަރާތްތަކާއެކު މަސައްކަތްކުރާ މުއައްސަސާތައް ކަމަށްވާ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށް އެފްޕީއޭއަށް ހުށަހެޅޭނެ ކަމަށް ބުންޏެވެ.
ތިބާ ސައިކޮލޮޖީއާއެކު ވެވުނު އެއްބަސްވުމާއެކު ގެވެށި އަނިޔާ އަދި ޖިންސީ އަނިޔާ ލިބޭ މީހުންނަށް ނަފްސާނީ އެހީތެރިކަން ލިބޭނެ މަގުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް އެފްޕީއޭއޭ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު