ބޭންކް އޮފް މޯލްޑިވްސް އިން 'ބީއެމްއެލް ސްމޯލް ގްރާންޓްސް' ފަންޑް އިފްތިހާހުކޮށްފިއެެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިއީ މިއަހަރުގެ ނޮވެމްބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ، އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ، މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.
ބީއެމްއެލް އިން ބުނީ ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލާފައިވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށެވެ. އެގޮތުން މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ސްމޯލް ގްރާންޓްސް ފަންޑަކީ އެ ބޭންކުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ފަސް ވަނަ ހަރަކާތް ކަމަށެވެ.
ސޯޔާ ވިދާޅުވީ މި ފަންޑުގެ ހިލޭ އެހީގެ ދަށުން ކުދި އަދި މެދު ފަންތީގެ، މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، މުޖުތަމައަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރަމުން އަންނަ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލުގެނެސްދިނުން." ސޯޔާ ވިދާޅުވި އެވެ.
މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަންނަ މޭ މަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލާފައިވާއިރު، މި އެހީއަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާއި ހަމަޔަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް އެކަނި ކަމަށް އެ ބޭންކުން ބުންޏެވެ.
40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަކީ ހައުސިންގ ގްރާންޓް، ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުމުގެ އިތުރުން ބީއެމްއެލް ސްކޮލާޝިޕް ފަންޑެވެ.
ޚަބަރު
ޚަބަރު
ޚަބަރު