އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އާސެނަލް ބަލިކޮށް، ލިވަޕޫލުން އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓަކަށް ގާތް ކޮށްފިއެވެ.
ރޭ އާސެނަލް ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ލިވަޕޫލަށް ސިޓީއާ ޕޮއިންޓަކަށް ގާތް ކޮށްލެވުނީ ސިޓީން މި ހަފުތާގައި ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރީ 0-0 އިން އެއްވަރު ވެފައި އޮތުމުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 29 މެޗުން ސިޓީއަށް 70 ޕޮއިންޓް ލިބިފައި އޮތް އިރު، ލިވަޕޫލަށް ލިބިފައި އޮތީ 29 މެޗުން 69 ޕޮއިންޓެވެ. އެ ދެޓީމަށްވެސް ދެން ލީގުގައި ބާކީ އޮތީ ނުވަ މެޗެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް އާސެނަލް އޮތީ ހަތަރު ވަނައިގައެވެ. އެޓީމަށް 27 މެޗުން 51 ޕޮއިންޓް ލިބިފައި އޮތް އިރު، ތިންވަނައިގައި އޮތް ޗެލްސީއަށް 28 މެޗުން ލިބިފައި ވަނީ 59 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް ޔުނައިޓެޑަށް އާސެނަލްއަށްވުރެ ދެމެޗު އިތުރަށް ކުޅެގެން ހޯދިފައި ވަނީ 50 ޕޮއިންޓެވެ.
މެޗުގެ ކުރީކޮޅުގައި އާސެނަލްއިން ރަނގަޅަށް ކުޅެފައިވާ އިރު، ފުރަތަމަ ކޮޅުގައި މާޓިން އޮޑެގާޑު ޖެހި ނުރައްކާތެރި ހަމަލާ މަތަކުރީ ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާއެވެ. އޭގެ ފަހުން ހާފުގައި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، މެޗުގައި ލިވަޕޫލުން ލީޑު ނެގީ 54 ވަނަ މިނެޓުގައެވެ.
އާސެނަލްގެ ގޯލްކީޕަރު އޭރޮން ރެމްސްޑޭލްގެ ކުޑަކަނުން ބޯޅަ ގޯލަށް ވައްދާލައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޑިއޭގޯ ޖޮޓާއެވެ. މެޗަށް ލިވަޕޫލް ނެރުނު ފުރަތަމަ 11 ގައި މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯވެސް ހިމަނައިފައި ނުވާ އިރު، އެ ދެކުޅުންތެރިންވެސް ދެވަނަ ހާފަށް ކުޅެން ނުކުމެފައިވެއެވެ.
ދެވަނަ ހާފަށް ކުޅެން ނުކުމެ، ލިވަޕޫލްގެ ލީޑު ފުޅާކޮށްދިނީވެސް ރޮބާޓް ފިރްމީނޯއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެންޑްރޫ ރޮބާޓްސަންއެވެ.
ލިވަޕޫލުން އެންމެފަހުން ޕްރިމިއާ ލީގުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު ނުވަ މެޗުންވެސް މޮޅުވީ ލިވަޕޫލެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު