މުނިފޫހިފިލުވުން

އުފަންދުވަސް ފާހަގަކުރުމަށް އާލިއާ ބަޓް ރާއްޖޭގައި

ބޮލީވުޑްގައި މިދުވަސްކޮޅު އެންމެ ގަދައަށް ވިދަމުން އަންނަ ތަރި އާލިއާ ބަޓްގެ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

އިއްޔެ 29 ވަނަ އުފަންދުވަސް ފާހަގަކުރި އާލިއާ ބަޓް ރާއްޖެ އައިސްފައިވަނީ މަންމަ ސޯނީ ރަޒްދާން އަދި ދައްތަ ޝާހީން ބަޓްއާ އެކުގައެވެ. އިއްޔެ އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ނަގާފައިވާ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ އާއްމުކޮށްފައެވެ. މި ވީޑިއޯގައި ލޯބިވެރިޔާ ރަންބީރު ކަޕޫރު ފެނިގެނެއް ނުދެއެވެ. ނަމަވެސް މާބޮނޑިއަކާއެކު ވެލާ ރިސޯޓުގެ ޓެގެއްގައި އާލިއާއަށް ފޮނުވާފައިވާ ލޯބީގެ މެސެޖެއްގެ ފޮޓޯ އާލިއާ ވަނީ ހިއްސާކޮށްފައެވެ.

އާލިއާ ރާއްޖޭގައި ނަގާފައިވާ ވީޑިއޯ---

އާލިއާ ބަޓް އަންނަނީ އޭނާ އެންމެފަހުން ކުޅުނު ''ގަންގޫބައި ކަތިޔަވަޑީ''ގެ ކާމިޔާބީވެސް ފާހަގަކުރަމުންނެވެ. މީގެ އިތުރުން ދިގު އިންތިޒާރަކަށްފަހު ރިލީސްވާން ތައްޔާރުވަމުން އަންނަ އާލިއާ އަދި ރަންބީރު ކަޕޫރު އެކުގައި ކުޅެފައިވާ ފިލްމު ''ބްރަހްމަސްތުރަ'' އަޅުވާނެ ތާރީހާއެކު ފިލްމުގައި އާލިއާގެ ކެރެކްޓާ ފެނިގެންދާ ވީޑިއޯއެއް ވަނީ އޭނާގެ އުފަން ދުވަހާ ދިމާކޮށް އިއްޔެ އާންމުކޮށްފައެވެ. އާލިއާ އަދި ރަންބީރުގެ އިތުރުން އަމިތާބު ބަޗަން، ނަގަރްޖުނާ އަކިނޭނީ އަދި މޯނީ ރޮއީ މުހިއްމު ރޯލުތަކުން ފެނިގެންދާ ''ބްރަހްމަސްތުރާ'' ރިލީސްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 9 ގައެވެ.