އުމްރާގެ އަޅުކަން އަދާކުރަން ދާއިރު ބޫސްޓާ ޑޯޒު ޖަހައިގެން ދިއުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ރޭ ބުނީ، އުމްރާއަށްދާ ފަރާތްތަކަށް ކޮވިޑް-19އިގެ ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމަށްފަހު ހަމަސް ފުރިހަމަވެފައި ވާނަމަ ފުރަން ހަމަޖެހިފައިވާ ތާރީހުގެ ދެ ހަފުތާކުރިން ބޫސްޓާ ޑޯޒު ޖެެހުމަށް އިލްތިމާސްކުރާ ކަމަށެވެ.
ކޮވިޑް -19އިން ދިފާއުވުމަށް ޖަހަން ޖެހޭ ބޫސްޓާ ޑޯޒް ރޯދަ މަހުގެ ކުރިން ޝަރުތު ހަމަވާ ފަރާތްތަކުން ޖަހައި ނިންމުމަށް ވެސް އެޗްޕީއޭއިން ވަނީ ރޭ އިލްތިމާސްކޮށްފައެވެ.
ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު 9 އިން 11 އަށެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ. ރާއްޖޭގެ އާބާދީގެ 398،348 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވާއިރު ދެ ވަނަ ޑޯޒު ޖަހާފައިވަނީ 371،439 މީހުނެވެ. ބޫސްޓާ ޑޯޒު ޖަހާފައިވަނީ 143،477 މީހުންނެވެ.
އެޗްޕީއޭ އިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ޖަހައިދޭން ފެށީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. ނަމަވެސް މިހާރު 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް މި ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.