ކުޑަދަރިފުޅަކަށް ބަލިވެ އިންނަ ހިސާބުން ފެށިގެން ދަރިފުޅުގެ މޫނު ފެނުމާ ހަމައަށް އަންހެނުންނަކަށް އަމިއްލަ ހަށިގަނޑާމެދު އެހާބޮޑަށް ވިސްނައެއްނުލެވެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ވިހެއުމާ ގުޅިގެން އަންހެނުންގެ ބަރުދަން އެއްކިލޯއާއި ދެކިލޯއާ ދެމެދުގެ މިންވަރަކަށް އިތުރުވެއެވެ. މާބަނޑުވުމަށްފަހު ބަރުދަން ލުއިވުމާއި އިތުރުވުން އޮންނަނީ އެމީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތަށް ބިނާވެފައެވެ.
ދަރިޔަކު ލިބެން އުޅޭތީ ގިނަފަހަރަށް ކޮންމެއެއްޗެއްވެސް ކައިގެން ރަނގަޅަށް ހަމަޖެހިލައިގެން އަރާމުކުރުމަށް އިސްކަންދެއެވެ. ހަށިގަނޑަށް އަންނަ ބަދަލު ފާހަގަ ނުކުރެވެނީ މާބަނޑުވުމާ ގުޅިގެން ފަލަވުމަކީ އާންމުކަމަކަށްވާތީއެވެ. އެންމެ ފަހުން ތުއްތު ދަރިފުޅު ލިބުމަށްފަހު ދެން އަމުދުން ހަށިގަނޑާ ދޭތެރޭ އެއްވެސް ފަރުވާލެއް ނުބެހެއްޓޭ މީހުންވެސް މަދެއް ނޫނެވެ. އަދި ހަމައެއާއެކު އިތުރަށް ހާސްވެ ކަންބޮޑުވުމަކީ އަލަށް ދަރިފުޅަކު ލިބޭ މަންމައިންވެސް އަދި އާންމުކޮށް ދަރިން ލިބޭ މަންމައިންނަށްވެސް ދިމާވާ އެންމެ ބޮޑު އެއް މައްސަލައެވެ. އަދިހަމައެއާއެކު މާބަނޑުވުމާއި ވިހެއުމާ ގުޅިގެން ބަރުދަން އިތުރުވާ އެހެން ސަބަބުތަކެއްވެސް ހުރެއެވެ. އޭގެ ތެރޭގައި:
- ބަނޑުގައިވާ ތުއްތު ދަރިފުޅު
- މަސް
- ދަރިފުޅު ރައްކާތެރިކުރާ ދުލީގައިވާ ފެން
- އުރަމަތީގެ ޓިޝޫތައް
- ލޭ
- ރަހިމުގެ ފުޅާވުން
- އިތުރުވާ ފެޓްސް
- ގާތުން ކިރުދިނުން
ގިނަފަހަރު ދަރިފުޅަކު ލިބުމަށްފަހު ދެން އެކުއްޖާއާއިމެދު ވިސްނަން ހަދައިގެން އަމިއްލަ ނަފުސާމެދު ވަރަށް ބޮޑަށް ފަރުވާކުޑަކުރެވިގެންދެއެވެ. އާންމު ދިރާސާތަކުން ދައްކާ ގޮތުގައި ދަރިން ލިބުމަށްފަހު މައިންގެ ބަރުދަން އިތުރު ވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. ނަމަވެސް ވަރަށް ބޮޑަށް ވިސްނައިގެން ހަށިގަނޑާމެދު ސަމާލުވާ އަންހެނެއް ނަމަ މިމައްސަލައާ ކުރިމަތިލާން ޖެހޭ މިންވަރު ކުޑަވެދާނެއެވެ.
ވޭތުވެދިޔަ ނުވަމަހާއި ދެންވެގެން ދިޔަ ދުވަސްތަކުގައި އިތުރުވި ބަރުދަން ލުއި ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުޑަނުވެދާނެއެވެ. އެހެންނަމަވެސް ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ މިއީ ފަސޭހަކަމެކެވެ. މާބަނޑުވުމާ ގުޅިގެން އިތުރުވި ބަރުދަން ލުއިކުރަން ނޫޅެ އިންދާ ގާތުން ކިރުދިނުމުގެ ސަބަބުން ދެން އިތުރަށް އިތުރުވާ ބަރުދަން ލުއިކުރުމަކީ ވަރަށް ދަތިކަމަކަށް ވެދާނެއެވެ. އަދި އެއަށްވުރެ އިތުރު އެހެން މައްސަލަތައްވެސް ދިމާވުން ވަރަށް ގާތްކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން ތިރީގައިމިވާ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރުއޮންނާނެކަމަށް އެފަދަ ދިރާސާތަކުގައި ވެއެވެ.
- މިނަށްވުރެ މާބޮޑަށް ބަރުދަން އިތުރުވުން (މާނައަކީ އުމުރާ ނުބައްދަލު މިންވަރަށް ބަރުދަން އިތުރުވުން)
- ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވުން
- ހިތުގެ ބަލިތަކަށް މަގުފަހިވުން
- ދެވަނަ ބަލިވެއިނުމެއްގައި ދަތިތަކާ ކުރިމަތިލާން ޖެހުން
- މިނޫނަސް ސިއްހީ ކުދިކުދި އުނދަގޫތައް ދިމާވުން
މިފަދަ އެތައްއެތައް ކަމަކާ ކުރިމަތިލާން ޖެހުމާއި އަދި މިފަދަ ކުދި ކަންތަކުން އެކިއެކި ބަލިތަކާ ހަމައަށް ދިއުމަށް މަގުފަހިވުމަކީ އެންމެ ގާތުގައި އޮންނާނެ ބިރެވެ.
"ބަލިވެ އިނުމުން ފަލަވީމަ ފިރިމީހާވެސް އެހެން އެންމެންވެސް ލޯބިވީ، އުފާފާޅު ކުރީ. އަހަންނަށް ފަރުވާކުޑަކޮށްލެވުނީ އެހިސާބުން. ނަތީޖާ ނުބައިކަމަށް ފާހަގަވީ ވިހައިގަދަވެ ކުއްޖާއަށް އަހަރުވާން ގާތްވެފައި އޮއްވާ ފިރިމީހާ އެހެން އަންހެނުން ގާތަށް ދާކަން އެނގުނީމަ. ކޮންމެ މަހަކު ލިބޭ ފައިސާއިން ދެބައިކުޅަ އެއްބައި މަށާއި މަގޭ ދަރިއަށް ހަރަދު ކުރަން ދީފައި އޭނާއަށް ވީ ބައި ހޭދަވަނީ ހިލޭ އަންހެނުންނަށް. އޭނަ މަށަށް އެކަން އަންގަން ބޭނުމެއް ނުވޭ. އެކަމަކު މަށަށް އެނގިގެން ވަކި މަށަށް އޭނާއާ ދިމާއަށް ދާނެ ފުރުސަތެއްވެސް ނެތް. މަށަކީ ފަލަވެގެންގޮސް އެތައް ބައްޔަކާ ތަޅާފޮޅަން ޖެހިފަ އިންމީހެއް."
ވިހެއުމަށްފަހު އަލަތު ދަރިފުޅާއެކު އުޅެމުން ފިރިމީހާއާ ދުރުވެވޭ ގޮތަށް ހަށިގަނޑުވެސް ދޫކޮށްލެވެއެވެ. މިއީ ވަރަށް ގިނަ ކައިވެނިތައް ރޫޅެން ދިމާވާ ސަބަބެކެވެ. އަނބިމީހާގެ ސިފައާއި ސިއްހަތަށް ބަސްބުނާން ގިނަ ފިރީން ބޭނުމެއް ނުވެއެވެ. އެކަމަކު ތަޅައިފޮޅައިގެން ނަމަވެސް އަމިއްލަ މައްސަލައެއް ނެތްކަމަށް ބަސް ބުނެވެން ޖެހޭނެއެވެ.
އެކަމަކު މިފަދަ ހަނގުރާމަތަކާ ކުރިމަތިލުމަށްވުރެވެސް ފަސޭހައިން ހަމަ ވަރަށް ކުޑަކުޑަ ހިތްވަރަކުން މިހުރިހާ ކަމެއް ހައްލު ކުރެވިދާނެއެވެ. ވިހެއުމުގެ ސަބަބުން އިތުރުވި ބަރުދަން ލުއިކުރުމަށް އަންނަނިވި ކަންކަމަށް ސަމާލުކަންދީ އެގޮތަށް އަމަލު ކުރެވޭތޯ ބަލަމާހެއްޔެވެ؟
މަޖައްލާތަކުންނާއި ފިލްމީ ހަބަރުތަކުން ފެންނަ ލޫޅާފަތި މަންމައިން އެސިފައިގައި އެތިބެނީ އެއްދުވަސް ދެދުވަހެއްގެ މަސައްކަތަކުން ނޫނެވެ. އޭގެއިތުރަށް އެތައް ހިތްވަރަކާއި ގޮންޖެހުންތަކާއެކުގައެވެ. ރަނގަޅު ތާވަލެއް ހަދައި ކެއުމަށާއި ކަސްރަތު ކުރުމަށް ވަކި ހާއްސަ ގަޑިތަކަކާއި މިންގަނޑެެއް ކަނޑައަޅާށެވެ. އަދި އެއަށް އަމަލު ކުރާށެވެ.
ދާން ހަމަޖައްސާ މަންޒިލަށް ދިއުމަށް ހޭދަވާނީ ކިހާ މުއްދަތެއްކަން އަމިއްލައަށް ތާވަލު ކުރާށެވެ. އަދި އެތާވަލާ އެއްގޮތަށް މަސައްކަތް ކުރަން ފަށައިގަންނާށެވެ.
ގާތުން ކިރުދޭމައިންނަށް ފައިދާހުރި މޭވާއާއި ތަރުކާރީ އަދި ކިރުގެ ބާވަތްތަކުން ކެލޮރީ އަންދަން ކުރާ ޑައެޓަށް ބުރޫ އަރާނެކަމުގެ ކުށްހީ ދޫކޮށްލާށެވެ. ދަރިފުޅަށް ގާތުން ދިނުމަކީ ސިއްހީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ލިބޭކަމެކެވެ. އަންހެނުންނަކީ ހާއްސަ ބަޔަކަށްވަނީ ދަރިފުޅަކު އެމީހުންގެ ހަށިގަނޑުތެރޭގައި ގެންގުޅެ، އެކުއްޖަކު ދުނިޔެއަށް އަައުމަށްފަހު ކުއްޖާގެ ކާނާވެސް އެމައިމީހާގެ ފަރާތުން ލިބޭތީއެވެ. އެހެންކަމުން މިއީ ފަލަވާތީ ހިކެން ކުރަން ޖެހޭ ކަމެއްކަމުގައި ދެކިގެން ދަރިފުޅަށް ގާތުން ދިނުން ހުއްޓާނުލާށެވެ. އޭގެ ބަދަލުގައި ޑައެޓުގައި ނިއުޓްރިޝަން ހިމަނާށެވެ.
ކެއުމުގެ ކަންތައް ވަކި ގަވާއިދެއްގެ މަތިން ވަކި ގޮތަކަށް ބައްޓަން ކުރުމަކީ އެންމެ ފަސޭހައިން ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް އެންމެ މުހިންމު މަސައްކަތެވެ. އެގޮތުން ޕްރޮޓީން ހިމެނޭ ކާތަކެތި ކެއުމަށް ސަމާލުވާށެވެ. ސަބަބަކީ މެޓްބޮލިޒަމް އިތުރުކޮށް ކާހިތްވުން ކުޑަކޮށް އެތެރެހައްޓަށް ނެނގޭ، ކެލޮރީސް މަދު ކުރުމަށް ޕްރޮޓީންގެ ބޮޑު ދައުރެއް އޮންނާތީއެވެ. ޕްރޮޓީން ހިމެނޭ ކާތަކެތީގެ ތެރޭގައި:
- ބިސް
- ތަފާތު ނަޓްސްތަކާއި އޮށްތައް
- ޑެއިރީ
- މަސް
ކެއުމުގައި ހިމެނޭ ތަކެތީގެ ތެރޭގައި ހަށިގަނޑަށް ބޭނުންތެރި ކާނާ ހިމެނުން މުހިންމެވެ. އެހެންކަމުން ވަގުތު ހޯދައިގެން، ކާން ބޭނުން ކުރާ ތަކެތީގެ ތެރޭގައި ހިމެނޭ ލުއި އާންމުކޮށް ކާން ގެންގުޅެވޭ ލުއިކާނާގެ ބާވަތްތައް ދެނެގަނެ އޭގެ ތެރޭގައި ހަށިގަނޑަށް ބޭނުންތެރި ތަކެތި ހިމަނާށެވެ.
ހަކުރު އަޅައިގެން ފޮނިކުރާ ތަކެތި ކެއުމުން ދުރުކޮށް މާމުއި ފަދަ ތަކެތިން ސައިތަށީގެ ފޮނިރަހަ ލެއްވިދާނެއެވެ. ލޮނުގަދަކޮށް ކެއުމުން ދުރުހެލިވުން މަޖުބޫރެވެ. ސަބަބަކީ ލޮނުތަކެތީގައި މާބޮޑަށް ލޮނުހިމަނައިގެން ހަތަރު ވަރަކަށް ފަހަރު ކެއުމުން، ދުވަހެއް ދުވަހަކަށް ލޮނުރަހަ ގަދަވާން ބޭނުން ވާނެއެވެ. އަދި މިއީ ސިއްހީ ގޮތުން ވަރަށް ނުރައްކާތެރި ކަމެއްވެސްވެއެވެ.
މާބަނޑުވުމަށްފަހު ދަރިފުޅު ވިހައިގެން ހަށިގަނޑު އިތުރުކުރާ ބަރުދަން ލުއިކުރުމަށް ކުރަން ޖެހޭ މަސައްކަތް ބޮޑުވެބުރަވެދާނެއެވެ. ނަމަވެސް މިއީ ވަރަށް ފައިދާބޮޑުކަމަކަށް ވަނީނަމަ މިކަންތައް ކިތަންމެ އުދަނގޫވިޔަސް ކުރުން އެންމެ ރަނގަޅުތާއެވެ. ސަބަބަކީ މިހާ އުނދަގުލުން ހަށިގަނޑުން ބަރުދަން ލުއި ކޮށްފިނަމަ އެބައި އިތުރަށް އިތުރުވާން ވަރަށް ދުވަސްނަގާނެއެވެ.
ގާތުން ކިރު ދިނުމަކީ ހަމަ ކަމަކާ ނުލައި ދޫކޮށްލާވަރުގެ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ. އެހެނީ ދަރިފުޅަކަށް ގާތުން ކިރު ދިނުމަކީ ސިއްހަތަށް އެއްވެސް ގެއްލުމެއް ވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ހަށިގަނޑަށް ފައިދާ ކުރާ ފަހުން ބަރުދަން ލުއިކުރުމަށްވެސް އެހީތެރިއަކަށްވާނެ ކަމެކެެވެ.
ތަރުކާރީއާއި މޭވާ އަދި ބަދަނުގެ ބާވަތްތަކާއި އެކިވައްތަރުގެ ޔޯގަޓްތައް ގެއިން ލިބޭނެ ގޮތަށް ހަދާފައި ބަހައްޓާށެވެ. އަބަދުވެސް ތާޒާކޮށް ހުންނަ މޭވާއާއި ތަރުކާރީ ބޭނުން ކުރާށެވެ. ގިނަގިނައިން ދިޔާތަކެއްޗާއި ފެން ބުއިމުގެ އާދަ ހަރުލައްވާށެވެ. ގަވާއިދުން ރޭގަނޑުގެ ނިންޖާއި މެންދުރުގެ ވަގުތުގައި ނަމަވެސް ދަރިފުޅު ނިދާވަގުތު މަންމަވެސް ކުޑަކޮށް ނިދާލުން ވަރަށް މުހިންމެވެ. ފުރިހަމަ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ބަލިވެއިނދެ ވިހާ ގަދަވެގެން، އަންހެނުން ސަމާލުވާންވީ ވަަރަށް މުހިންމު ގިނަ ކަންތައްތަކެއް ހުރެއެވެ. އެފަދަ ކަންތައްތައް ހޯދައި ދެނެގަނެ އެކަންތައްތަކަށް އަމަލީ ސިފަ ގެނައުމަކީ ތިމާގެ އަތުން ތިމާގެ ދިރިއުޅުން ހަލާކުކުރުމުގެ ބަދަލުގައި އާބާދު ކުރުމެވެ.
ދަރިން ލިބުމަށްފަހު ފިރިމިހާ ތިމާ މަތިން ފޫހިވެއްޖެއޭ ދަރިންނަށްޓަކައި އެކުގައި އުޅުނަސް އޭނާގެ ޝައުގު ހުންނަނީ އެހެން އަންހެނުންނަށޭ ބުނާ އަޑު ވަރަށް ގިނައިން އިވެއެވެ. މިފަދަ އަޑު އިވޭއިރު އެހެން އެކަންތައް ވާން ދިމާވާ ސަބަބާމެދުވެސް ވިސްނައިލުން މުހިންމެވެ. މިއީ ރަނގަޅު ކަމެކޭ ބުނަނީއެއް ނޫނެވެ.
މި ކަމުގައި ފިރިހެނުން ވިސްނައިލާން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ، އަންހެނާގެ ސިފަޔަކީ ހަޔާތުގައި އޭނާ ބަހައްޓަން ޖެހޭ ހަމަ އެކަނި ސަބަބު ނޫންކަމެވެ. ރަނގަޅު އަނތްބެއްގެ ފުރިހަމަ ވާން ޖެހޭ ހަމައެކަނި ކަމަކީ ރީތި ސިފައެއް ކަމަށް ދެކުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ބަލަން ޖެހޭނީ އަނބިމީހާގެ ސިއްހަތާއި އޭނާގެ ހަޔާތަށް އަންނަ ފިތުރަތީ ބަދަލުތަކަކީ ވެސް ގުދުރަތީ ގޮތުން އަންނަ އެއްޗެއް ކަމުގައެވެ. އަދި އެކަމުން އަރައިގަނެ، ދުޅަހެޔޮ ސިއްހަތަކަށް ޖާގަ ދިނުމަށް އެހީތެރިކަމާއި އަޅައިލުންދިނުމަކީ ފިރިމީހާ ކުރާން ޖެހޭނެ ކަމެކެވެ. އޭގެ ބަދަލުގައި ތިމާ އަނބިމީހާ ދޫކޮށް ހިލޭ އަންހެނުން ގާތަށް ދިއުމަކީ ވަރަށް ޣައިރު ޒިންމާދާރު ގޮތެކެވެ. ހަމަ އެހެންމެ ބައެއް ކަހަލަ ސިއްހީ މައްސަލަ ތަކަކީ ވެސް އަންހެނެއްގެ ސިފަޔަށް، ނުވަތަ ހަށިގަނޑަށް އެކަމުން ނޭދެވޭ އަސަރުކޮށް، ބަދަލުތައް އަންނާނެ ކަންކަން ދަންނާން ޖެހޭނެ އެވެ.
ދެމަފިރީންގެ ދިރިއުޅުމާއި ކުދީން ލިބި، އެކުދީންގެ މުސްތަގުބަލަށް ޓަކައި މި ހުރިހާ ކަމަކަށް ދެމީހުންވެސް ސީރިއަސްކޮށް ވިސްނައި ފިކުރު ހިންގާނެ ޖެހެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް