ޚަބަރު

ފުވައްމުލަކުގައި ގުރުއާނާ ބެހޭ މަރުކަޒެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ފުވައްމުލަކު ސިޓީގައި ގުރުއާނާ ބެހޭ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އެ މަސައްކަތް ރައިސާ ޕްރައިވެޓް ލިމިޓަޑާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި ރައިސާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ހިއުމަން ރިސޯސް މެނޭޖަރު މުސްތަފާ މުހައްމަދުފުޅެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށް އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވީ ފުވައްމުލަކު ސިޓީގައި ގުރުއާނާ ބެހޭ މަރުކަޒެއް އިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.

އެއް އަހަރުތެރޭ ދެ ފަންގިފިލާއަށް އިމާރާތްކޮށް ނިންމަން ހަވާލުކުރި މި މަރުކަޒަކީ ސަރުކާރުން 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ ޕްރޮޖެކްޓެކެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިމަކާއި ލައިބްރަރީއެއް އަދި މީޓިން ރޫމެއް ހަދަން ނިންމާފައިވާ އިރު، ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭ ތަނެއް އިމާރާތްކުރަން ވަނީ ހަމަޖެހިފައެވެ.