މުނިފޫހިފިލުވުން

ވަރިވީ ހަޔާތަށް އިތުރު ބައިވެރިޔަކު އައިސްގެނެއް ނޫން، އިތުރު ބައިވެރިޔަކު ނުވެސް ނެތް: އާމިރު ހާން

މިއަދު އުމުރުން 57 އަހަރު ފުރުން ފާހަގަކުރަމުން އަންނަ ބޮލީވުޑް ތަރި އާމިރު ހާން އޭނާގެ ރޫޅިފައިވާ ކައިވެނީގެ ވާހަކަދައްކައިފި އެވެ.

ނިއުސް 18 އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނެފައިވަނީ ކިރަން ރާއޯ އާއި އޭނާއާ ދެމީހުން ވަރިވީ ހަޔާތަށް އިތުރު މީހެއް އައިސްގެން ކަމަށް ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ކިރަން ރާއޯއާއެކު އޮތް 15 އަހަރުގެ ކައިވެނީގެ ގުޅުން ނިމުމަކަށް ގެނެސްފައިވަނީ ކައިވެންޏަށް އިހުތިރާމު ކުރާތީ ކަމަށާއި ދެމީހުންވެސް ދެމަފިރިންގެ ގޮތުގައި އެކުގައި އުޅެން ބޭނުން ނުވާތީ ވާހަކަ ދައްކައިގެން ކަމަށް އާމިރު ހާން ވަނީ ބުނެފައެވެ. އަދި ވަރިވި ނަމަވެސް އެ ދެމީހުންގެ މެދުގައި ލޯތްބާއި އަޅައިލުން އޮންނަކަމުގައި އާމިރު ހާން ވަނީ ފާހަގަކޮށްފައެވެ.

އާމިރު ހާން ބުނީ އޭނާގެ ފުރަތަމަ އަންހެނުން ރީނާއާ އެކުވެސް މިހާތަނަށް ވަނީ ރަނގަޅު ގުޅުމެއް ދަމަހައްޓަމުން އައިސްފައިކަމަށާއި އެގުޅުން އެގޮތުގައި އޮންނަނީ ރީނާއަކީ ރަނގަޅު އިންސާނަކަށް ވެފައި އާމިރަކީވެސް ރަނގަޅު މީހެއްގޮތުގައި ރީނާ ގަބޫލުކުރާތީ ކަމަށެވެ. އާމިރު ހާން އަދި ރީނާގެ ގުޅުމާ ގުޅޭގޮތުން އޭނާ ބުނެފައިވަނީ ދެމީހުން ކައިވެނި ކުރީ ވަރަށް ޅަ އުމުރުގައި ކަމަށާއި ދެމީހުން ވަރިވެފައިވަނީ ސުލްހަވެރިކޮށް ކަމަށާއި އަދި ގިނަބަޔަކަށް ގަބޫލުކުރެވިފައިވާ ގޮތާއި ހިލާފަށް އެ ގުޅުން ނިމުމަކަށް އައީ އާމިރުގެ ހަޔާތަށް ކިރަން އައުމުން ނޫން ކަމަށެވެ. އެ ދުވަސްވަރު ކިރަންއާ އެކުގައި މަސައްކަތްކުރަމުން އައިސްފައިވީ ނަމަވެސް އެފަދަ ގުޅުމެއް އުފެދުނީ އޭގެ ފަހުން ކަމުގައި އާމިރު ހާން ވަނީ ބުނެފައެވެ.

ކިރަން އާއި އާމިރު ހާން މިދިޔަ އަހަރު ވަރިވެފައިވާއިރު އެދެމީހުންނަށް ވަނީ އުމުރުން 10 އަހަރުގެ އާޒާދު ރާއޯ ލިބިފައެވެ. އަދި ކުރީގެ އަންހެނުން ރީނާ އާއެކު އާމިރު ހާންގެ ދެކުދިން ކަމަށްވާ 40 އަހަރުގެ ޖުނައިދު ހާން އަދި 25 އަހަރުގެ އީރާ ހާން ތިބެއެވެ.

އާމިރު ހާން އަދި ކިރަން ވަރިވުމުގެ ފަހަތުގައި އާމިރު ހާން އާއެކު ފިލްމު ''ޑަންގަލް'' އަދި ''ތަގްސް އޮފް ހިންދުސްތާން' ގައި އެކުގައި ފެނިގެން ދިޔަ ބަތަލާ ފާތިމާ ސަނާ ޝެއިހް އާއި ގުޅުވައިގެން މީޑިއާގައި ގިނަ ވާހަކަތައް މީގެކުރިން ފެތުރިގެން ގޮސްފައިވީނަމަވެސް އެވާހަކަތައް ދެމީހުންވެސް ވަނީ ދޮގުކޮށްފައެވެ.