75ވަނަ ދަ ބްރިޓިޝް އެކެޑެމީ އޮފް ފިލްމްސް އެންޑް ޓެލެވިޒަން އާޓްސް - ބަފްޓާ އެވޯޑްސް 2022 އިއްޔެ ވަނީ ކުލަގަދަކޮށް ލަންޑަންގެ ރޯޔަލް އެލްބަޓް ހޯލްގައި ބާއްވައިފައެވެ.
މި އަހަރުގެ އެވޯޑު ހަފުލާ ހޮސްޓުކޮށްދިނީ ރެބެލް ވިލްސަންއެވެ. މިދިޔަ އަހަރުގެ ފިލްމުތަކުގެ ތެރެއިން ބަފްޓާއަށް ވާދަކުރި އެންމެ މޮޅު ފިލްމުތަކުގެ ތެރޭގައި 11 ނޮމިނޭޝަނާއެކު ''ޑިއުން'' ކުރީގައި ހިމެނިފައިވާއިރު އެފިލްމާ ގާތުން ''ނޯ ޓައިމް ޓު ޑައި'' ''ބެލްފަސްޓް'' ''ވެސްޓް ސައިޑް ސްޓޯރީ'' އަދި ''ޕަވާ އޮފް ދަ ޑޯގް'' ވާދަކޮށް މި އެވޯޑު ކާމިޔާބު ކޮށްފައިވަނީ ބެނެޑިކްޓް ކަބްބަބެޗް ކުޅެފައިވާ ''ޕަވާ އޮފް ދަ ޑޯގް'' އިންނެވެ. އަދި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުވެސް ލިބިފައިވަނީ މި ފިލްމުގެ ޑައިރެކްޓަރު ޖޭން ކެމްޕިއޮންއަށެވެ.
އެންމެ މޮޅު އެކްޓްރެސްގެ އެވޯޑަށް ވާދަކުރި ތަރިންގެ ތެރޭގައި ''ދަ ހައުސް އޮފް ގުޗީ'' އިން ލޭޑީ ގަގާ، ''ލިކޮރިސް ޕިޒް'' އިން އެލާނާ ހައިމް، ''ކޯޑާ'' އިން އެމީލިއާ ޖޯންސް، ''ދަ ވޯސްޓް ޕާސަން އޮފް ދަ ވޯލްޑް'' އިން ރެނޭޓް ރެންސް އަދި ''އާފްޓަ ލަވް'' އިން ޖޮއޭނާ ސްކޮންލަން ވާދަކޮށް، ޖޮއޭނާ ވަނީ ކެޓެގަރީން އެވޯޑު ކާމިޔާބުކޮށްފައެވެ.
އެންމެ މޮޅު އެކްޓަރުގެ އެވޯޑު ''ކިންގް ރިޗާޑް'' އިން ވިލް ސްމިތު ކާމިޔާބުކޮށްފައިވާއިރު މި ކެޓަގަރީން ''ޑޯންޓް ލުކް އަޕް'' އިން ލިއޮނާޑޯ ޑި ކެޕްރިއޯ އަދި ''ދަ ޕަވާ އޮފް ދަ ޑޯގް'' އިން ބެނެޑިކްޓް ކަމްބަބެޗް ވަނީ ވާދަކޮށްފައެވެ.
ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ''ވެސްޓް ސައިޑް ސްޓޯރީ'' އިން އެރިއާނާ ޑިބޯސް ކާމިޔާކުރިއިރު ސަޕޯޓިން އެކްޓަރުގެ އެވޯޑު ލިބިފައިވަނީ ''ކޯޑާ'' އިން ޓްރޯއި ކޮޓްސަ އަށެވެ.
އެންމެ މޮޅު ކާޓޫން ފިލްމަކަށް ''އެންކަންޓޯ'' ހޮވިފައިވަނީ ގާތުން ''ފްލީ'' ''ލޫކާ'' އަދި ''ދަ މިޝެލްސް ވާސަސް ދަ މެޝިންސް'' އާއި ވާދަކޮށްގެންނެވެ.
އިނގިރޭސިބަސް ނޫން އެހެން ބަސްބަހުގެ ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ''ޑްރައިވް މައި ކާ'' އެވެ.
ގިނަ އެވޯޑުތަކެއް ކާމިޔާބުކުރި ''ޑިއުން'' އަށްވަނީ އެންމެ މޮޅު ސިނެމެޓޮގްރަފީ، އޮރިޖިނަލް ސްކޯ، ޕްރޮޑަކްޝަން ޑިޒައިން، ސައުންޑް އަދި ސްޕެޝަލް ވިޝުއަލް އިފެކްޓްސްގެ އެވޯޑު ލިބިފަފައެވެ.
''ނޯ ޓައިމް ޓު ޑައި'' އަށް އެންމެ މޮޅު އެޑިޓިން ލިބިފައިވާއިރު އެންމެ މޮޅު ކޮސްޓިއުމް ''ކްރުއެލާ' އަށް އަދި ހެއާ އެންޑް މޭކަޕްގެ އެވޯޑު ''ދި އައިސް އޮފް ޓެމީ ފެއި'' އަށް ވަނީ ލިބިފައެވެ.
އިނގިރޭސިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ބަފްޓާ އިން ހޮވާ އެންމެ މޮޅު އިނގިރޭސި ފިލްމަކަށް ''ބެލްފަސްޓް'' ވަނީ ހޮވިފައެވެ. އަދި އިނގިރޭސި ކާޓޫނު ފިލްމަކަށް ''ޑޫ ނޮޓް ފީޑް ދަ ޕިޖަންސް'' ހޮވިފައިވާއިރު ކުރު ފިލްމުތަކުގެ ކެޓެގަރީން އެންމެ މޮޅު ފިލްމަކަށް ހޮވިފައިވަނީ ''ދަ ބްލެކް ކޮޕް'' އެވެ. މީގެ އިތުރުން އިނގިރޭސިންގެ ތެރެއިން އަލަށް ލިޔެ، ޑައިރެކްޓުކޮށް ނުވަތަ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމުގެ އެވޯޑު ''ދަ ހާޑާ ދޭ ފޯލް'' އަށް ވަނީ ލިބިފައެވެ. އާއްމުންގެ ވޯޓުން ހޮވާ އީއީ ރައިސިން ސްޓާގެ އެވޯޑު ކާމިޔާބުކޮށްފައިވަނީ ލަޝާނާ ލިންޗް އެވެ.