ކޮވިޑުގެ ނެގެޓިވް ޕީސީއާރު ނަތީޖާއަކާ ނުލައި ރާއްޖެ އެތެރެވެވޭ ގޮތް ހަދައިފިއެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާތީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަަވަޅުތަކަށް ބަދަލު ގެނެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި އިއުލާނުގައި ބުނީ، ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް (ދިވެހިންނާއި ފަތުރުވެރިން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް) ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާ ދެމެދު ކޮވިޑަށް ޓެސްޓުކުރުމަކީ އެދެވިގެންވާ ކަމުގައި އެޗްޕީއޭއިން ބުންޏެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑުގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ފަރާތްތައް (ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭގޮތަށް) ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.
އެޗްޕީއޭ އިން އެ ލުއިތައް ދިނުމަށް ނިންމާފައިވާ އިރު، ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ވަނީ ރާއްޖެ އެތެރެވުމުގައި ލުއިތަކެއް ދީފައެވެ. އެމީހުންނަށް ޕީސީއާރާ ނުލައި ރާއްޖެ އެތެރެވޭ ގޮތް ވަނީ ހަދައިފައެވެ. އަދި މިއަދުގެ ނިންމުމާއެކު ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެސް އެ ލުއިތައް ވަނީ ލިބިފައެވެ.
އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރުމުގައި ލުއިތައް ދިނުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު އެޗްޕީއޭ އިން ނިންމިއެވެ. ނަމަވެސް އޭގޭ ދެ ދުވަސް ފަހުން އެޗްޕީއޭ އިން ނިންމީ ވެކްސިންގެ ތިން ޑޯޒް ފުރިހަމަ ނުކުރާ މީހުން ޕީސީއާރު ޓެސްޓު ހަދަން ޖެހޭ ގޮތަށެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެ އަހަރަށް ފަހު އުވާލާފައިވަނީ މިއަދުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު