ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރުގެ ތެރޭގައި ކުރި ތަޖުރިބާތައް ހަނދާން ނައްތައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާންކުރެއްވުމުގެ ގޮތުން މިރޭ ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައި ނަމަވެސް، އެ ތަޖުރިބާތަކަކީ ހަނދާން ނައްތާލައިގެން ނުވާނެ ކަންކަން ކަމަށެވެ.

"މާތް ﷲގެ މަތިވެރި އޯގާވަންތަކަމާއެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައި ނަމަވެސް، މިދިޔަ ދެ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރި ތަޖުރިބާތައް ހަނދާން ނައްތާލައިގެން ނުވާނެ. ބަލިން ރައްކާތެރިވުމަށްޓަކައި އަޅުގަނޑުމެންގެ އާދައަކަށް ހެދި، ސިއްހީ ރަނގަޅު އާދަތައް އެ ގޮތުގައި ދަމަހައްޓަން މަސައްކަތްކުރުމަކީ މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ބަލީގެ ހާލަތު ނުރައްކާތެރިވާ ފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެ ނަމަ، އެކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކުރިމަގުގައި ކޮވިޑަށް އިޖާބަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޖީއާއި އެކްޝަން ޕްލޭނެއް، ހަލްތު މިނިސްޓްރީން ކަނޑައަޅައިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އުވާލާފައި މިވަނީ ދެ އަހަރު ދުވަހަށްފަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ އިއުލާންކުރީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.