ރިޔާދު: ސައުދީގައި އެއް ދުވަސްތެރޭ 81 މީހެއްގެ މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.
އެގައުމުގެ ސަރުކާރުން ހާމަކުރިގޮތުގައި ހުކުމް ތަންފީޒުކޮށް މަރުގެ އަދަބު ދެވިފައިވާ އެންމެންނަކީ ވެސް ބޮޑެތި ނިރުބަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ މީހުންނާއި ބޮޑެތި ކުށްތަކަށް އަރައިގެންފައިވާކަން ސާބިތުވެފައިވާ މުޖުރިމުންނެވެ. އޭގެތެރޭގައި ކުށެއް ނެތް ފިރިހެނުންނާއި އަންހެނުން އަދި ކުޑަކުދިން ގަތުލުކުރިކަން ސާބިތުވާ ކުށްވެރިންނާއި އެގައުމުގެ ސަލާމަތާއި އިސްތިގުލާލަށް ނުރައްކާވެދާނެ އުދުވާނެއް ދީފާނެކަމަށް ބެލެވޭ ނިރުބަވެރި ޖަމާއަތްތަކާ ބައިއަތު ހިފާފައިވާ އަދި އެފަދަ ޖަމާއަތްތަކާ ގުޅުމަށް ދަތުރުކޮށްފައިވާ ނިރުބަވެރިން ހިމެނޭކަމަށް ވެސް ސައުދީ ސަރުކާރުން ބުނެއެވެ.
އޭގެ އިތުރުން އެއެންމެންނަކީވެސް ބޮޑެތި ކުށްތައް ކަމަށްވާ ރަހީނުކުރުމާއި، އެކިކަހަލަ އަނިޔާ، ގަދަކަމުން އިއްފަތް ފޭރިގަތުން، ގަވާއިދާއި ހިލާފަށް ގައުމަށް ބަރު ހަތިޔާރާއި ބޮން އެތެރެކުރުން، ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ހަމަލާ ދޭން ރޭވުމާއި ހުކުން ތަންފީޒުކުރާ ވަޒީފާތައް އަދާކުރާ މުވައްޒަފުން މެރުމާއި ފުލުހުންގެ ވެހިކަލްތަކަށް އަމާޒުކޮށް ގޮވާޒާތުގެ ތަކެތި ހަރުކުރަން ރޭވުން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ ކުށްވެރިން ކަމަށެވެ.
އެ އެންމެންނަށްވެސް މަރުގެ ހުކުމް ތަންފީޒުކުރެވިފައިވަނީ އެ ގައުމުގެ ކޯޓުތަކުގައި ޝަރީއަތްތައް ހިންގުމަށްފަހުގައެވެ. އެގޮތުން އެއިން ކޮންމެ މީހަކަށް ޝަރީއަތްތައް ހިންގާފައިވަނީ 13 ފަނޑިޔާރުން ހިމެނޭހެން ތިން މަރުހަލާއެއް ފުރިހަމަކޮށް ކޮންމެ މީހަކަށްވެސް ވަކިވަކިން ކަމުގައި ވަނީ ބަޔާންކޮށްފައެވެ.
އޭގެ އިތުރުންވެސް އެއިން ކޮންމެ ކުށްވެރިޔަކަށް ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ދެވުނުކަމަށާއި ޝަރީއަތްތައް ހިނގަމުންދިޔަ މުއްދަތުގައި އެއެންމެނަށްވެސް ސައުދީގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދެވުނުކަމުގައިވެސް ސައުދީން ވަނީ ހާމަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ