ޝައުބާން މަހުގެ ދުވަސްތައް ކުރިއަށްދާއިރު، ރެއާއިދުވާލު އަހަރެމެން މަސައްކަތް ކުރަމުން މިއަންނަނީ ކުރިއަށް މިއޮތް ރޯދައިގެ ތަފާތު ތައްޔާރީތައް ވުމުގައެވެ. އެގޮތުން ގޭތެރޭގެ ޒީނަތާއި ބަދިގޭގެ އާބާތުރަ ފިލުވުމާއި ރޯދައަށް ބޭނުންވާނެ ކަހަލަ ކާބޯތަކެތި ހޯދުމުގެ އިތުރުން ވާން ޖެހޭ އެހެން ތައްޔާރެއް އޮތްތޯ ވިސްނާލިންހެއްޔެވެ؟ ރަޖަބު މަސް ނިމި ޝައުބާންމަހުގެ ދުވަސްތައް މިމާޗުމަހުގެ ދުވަސްތަކާއެކު ކަލަންޑަރުގެ ގަނޑުތަކާއެކު އުކެމުން އަންނައިރު ޖެހިގެން އޮތީ ރޯދަމަސްކަމުގެ ހަނދާން ކޮންމެ ދުވަހަކުވެސް ދާނީ އާވަމުން ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ރޯދައިގެ ތައްޔާރީތައް ތަފާތު އެކި ގޮތް ގޮތުން ކުރިއަށް ދާއިރު އަމިއްލަ ނަފުސާމެދު ވިސްނާލިންހެއްޔެވެ؟ ތިމާ ރޯދަމަހަށް ތައްޔާރުވުމަށް ކުރާނެ ކަންތައްތަކާމެދު އެއްވެސް ފިކުރެއް ކޮށްލިންހެއްޔެވެ؟ ނުވަތަ ކުރާނެ ކަމަކާމެދު ގޮތެއްް ނިންމިންހެއްޔެވެ؟

އެންމެ ރަނގަޅެވެ މިކަހަލަ އެއްވެސް ކަމެއް ނިންމިފައި ނުވާނަމަ އަވަހަށް އަޅުގަނޑާއެކު މިކަމާމެދު ގޮތެއް ނިންމަން ހިނގާށެވެ. މިއީ ހަމަ އެންމެ ކުޑަކުޑަ ވަގުތުކޮޅެއްގެ މަސައްކަތެކެވެ. ތެދަށް ބުނަންޏާ މަސައްކަތެއް ނޫނެވެ. ފޯނުންވެސް މިކަން ނިންމިދާނެއެވެ. ފަހަރުގައި ބޭނުންވެއްޖެ ހާލެއްގައި ނޯޓު ފޮތާއި ގަލަން ނޫނީ ފަންސުރު ބޭނުންވިޔަސް ހަމަ ފޯނުގެ ނޯޓުޕެޑުގައިވެސް މިބައި ނޯޓުކޮށްލެވިދާނެއެވެ.

ރޯދަމަހަކީ ވަރަށް ގިނަ ގޮތްގޮތުން ހަށިގަނޑަށް ބޮޑެތި ބަދަލުތަކާ ކުރިމަތިލާން ޖެހޭ މަހެކެވެ. އާންމުކޮށް ހޭލާ ގަޑިން ފެށިގެން ރޭގަނޑު އަނބުރާ ނިދުމަށް ތަންމައްޗަށް ދިއުމާ ހަމައަށްވެސް ހުރިހާ ކަމަކަށް ބަދަލު އާދެއެވެ. ދުވާލާއި ރޭގަނޑުގެ ހުރިހާ ވަގުތަކަށްވެސް ހަމަޖެހިފައިވާ ކަންތައްތަކުގެ ތާވަލު އެހެން މަސްތަކާ މުޅިންހެން ތަފާތެވެ. ބައެއް މީހުންނަށް މިއީ ވަރަށް ބޮޑު ކުރިމަތިލުމަކަށް ނޫނީ ގޮންޖެހުމަކަށްވެސްވެއެވެ. އެންމެ ބޮޑު އެއްމައްސަލައަކަށް ވާނީ ހަށިގަނޑަށް އަންނަ ބަދަލުތަކެވެ. ބައެއް މީހުން ފަލަވުމާއި އަނެއް ބައިމީހުން ހިކުމާއި، ވައިގެ މައްސަލަތައް ދިމާވުމާއި މިނޫންވެސް އާދައިގެ ކުދިކުދި ސިއްހީ މައްސަލަތައްވެސް ކުރިމަތިވެއެވެ. އެކަމަކު މިފަދަ ގިނަ ކަންތައްތަކަކީ މިމަހަށް ދުރާލައި ތައްޔާރު ވުމުގައި އަމިއްލަ ނަފުސުގެ ތައްޔާރީތައް ނުކުރާތީ ވާގޮތެވެ. ހަމައެކަނި ގެއަށް ބޭނުންވާ ސާމާނު ހޯދައި ބަދިގެއަށް ބޭނުންވާ ތަކެތި ހޯދައި ގޭތެރޭގެ ޒީނަތްތެރިކުރުމާ ހަމައިން ނިންމާލާތީ ދިމާވާ މައްސަލަތަކެވެ.

މިއީ ވަރަށްވެސް ރަނގަޅު އާދައެކެވެ. އަދި އެހާމެ ބުއްދިވެރި ހިޔާލެއްވެސް މެއެވެ. މިކަމަށް ލަސްވެސް ވެއްޖެއެވެ. އެއީ އާންމުކޮށް ޖުމާދަލްއާހިރު މަސް ފެށުމާއެކު ރަޖަބު އަދި ޝައުބާން، މިތިންމަހު ރޯދަހިފުން ވަރަށް ރަނގަޅުކަމަށް ބުނެ މީހުން، ރަމަޟާންމަހުގެ ރޯދަ ހިފުމަށް އާދަވާން މިތިންމަހުގެ ދުވަސްތަކުގައި ރޯދަހިފައެވެ. ކުރިއަށް މިއޮތީ ހަމަ އެންމެ ހަތަރު ވަރަކަށް ހަފުތާކަމަށްވާއިރު މިހާރުއްސުރެ މިކަމަށް ތައްޔާރު ވުމަކީ ރޯދަމަހަށް ލިބޭނެ ބޮޑު އެހީއެކެވެ. އެއް ހަފުތާގެ ކޮންމެވެސް ތިން ދުވަހެއްގައި ޖެހިޖެހިގެން ދެދުވަސް ނުވަތަ ދެދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށްވިޔަސް ރޯދައަށް ހުންނަން ފަށަމާހެއްޔެވެ!

ރޯދައަށް ހުރުމަށް ތައްޔާރުވުމަށް މިއީ ވަރަށް ފައިދާ ހުރި ކަމެކެވެ. ރޯދަމަސް އައުމުގެ ކުރިން ހަށިގަނޑު އެކަމަށް ތައްޔާރުކޮށް ހާނުވާފައި ބެހެއްޓުމުން އޭގެ ފައިދާ ތިމާގެެ އަމިއްލަ ނަފުސަށް ކުރާނެއެވެ. މިގޮތަށް ރޯދަ ހިފަން ފެށުމުން ލިބޭނެ ފައިދާތަކާއި ރޯދަމަހު ލިބޭނެ ލުއިފަސޭހަތައް ގިނަވާނެއެވެ. ސަބަބަކީ ރޯދަމަސް އައުމުގެ ކުރިން އަހަރެމެން ކޮންމެ ދުވަހަކު(މާނައަކީ 24ގަޑިއިރު)، ދެތިން ހަތަރު ފަހަރު ނުވަތަ އެއަށްވުރެވެސް ގިނައިން ކައިބޮއި ހެދުމުން، އެންމެ ދެފަހަރެއްގެ ކެއުމަށް ބަދަލުކޮށް، އަދި އެ ދެ ކެއުމުގެ ދެމެދުގައި އެހާ ގިނަގަޑިތަކެއް ހުސްބަނޑާ ހުންނަން ޖެހުމަކީ ދަތިކަމެކެވެ. ހަމައެހެންމެ އިރުއިރުކޮޅުން ފާޑުފާޑުގެ ކާތަކެތި ކެއުމުގެ އާދަ ނުހަނު ގަދައަށް ކަށީގައި ހިފާފައި ހުރެއެވެ. މިހެން ނުހަނު ހަމަޖެހިލައިގެން ކެއިން ބުއިމުގެ މަޖަލުގައި އުޅެއުޅެފައި ކުއްލިއަކަށް އެއްރެއަކު ދަންވަރު ކައިގެން އޮށޯވެލާ ގޮތަށް އަނެއް ދުވަހުގެ އިރުއޮއްސެންދެން ކެއިންބުއިމާ މުޅިން ދުރުގައި ހުންނަން ޖެހުމުން އުނދަގޫ ނުވެނުދާނެއެވެ. އެހެންކަމުން ރޯދަމަސް އައުމުގެ ކުރިން މަދުވެގެން ހަފުތާއެއްގެ ވިޔަސް ރޯދަހިފުމަކީ ފަހުން ތިމާއަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. މިކަން ތަޖުރިބާ ކޮށްފައިވާ އެތައް ބަޔަކު ބުނާ ގޮތުގައި މިއީ ވަރަށް ފައިދާ ހުރި އަދި މީގެ ސަބަބުން ރޯދަމަހު ރޯދައަށް ހުރުން ނުހަނު ފަަސޭހަވާކަމެކެވެ.

ރޯދަމަސް އައުމުން ބައެއް މީހުންނަށް ހީވެފައި އޮންނަ ވަރަށް ބޮޑު ކުށްހީއެއް އޮވެއެވެ. އެކުށްހީ އަކީ ރޯދައަށް ތިބެ ގިނައިރު ނިދުމަކީ ވަރަށް ރޯދަކުރުވާ ކަމެއްް ކަމެއް ކަމުގެ ހީއެވެ. ނުވަތަ މާއަވަހަށް ހޭލުމަކީ ރޯދަ ބަލިވެ މުޅި ދުވަސް ދިގުވެ ފޫހިކުރުވާ ކަމެކެވެ. އެކަމަކު މިއީ މުޅިން ރަނގަޅު ވާހަކައެއް ނޫނެވެ. ރޯދަމަހު އާންމުކޮށް އެންމެންވެސް ހޭލާ އުޅޭނީ ނުވައެއް ދިހައެއް ޖަހާފަހުންނެވެ. އޮފީސްތަކަށް ދާ މީހުންގެ ގަޑިއަކީ ނުވައެއް ޖަހާއިރަށް ކަމުން އެއްކަލަ ފަތިހުފަތިހާ ނުވަތަ ހެނދުނު ހައެއް ޖަހާއިރަށް ތެދުވި މީހާއަށް ވެސް ސޯނާގަޑީގެ ކަށި ހަޔަކުން އަށަކަށް ބަދަލުކޮށްލެވެއެވެ. ނުވަތަ އޮފީހަށް ނުދާ އެހެނިހެން ވަޒީފާތަކުގައި ނުވަތަ އެހެނިހެން ކަންތަކުގައި އުޅޭ އާންމުންވެސް ހޭލާނީ ދިހައެއް އެގާރަ ޖަހާ ފަހުންނެވެ. ނުވަތަ މެންދުރު ނަމާދަށް ތެދުވާ މީހުންނާއި އަސުރާ ގާތްކޮށްފައި ތެދުވާ މީހުންވެސް އުޅެއެވެ. މިއާދަތަކަކީ އެއްވެސް ހާލެއްގައި ރަނގަޅު އާދަތަކެއް ނޫނެވެ.

މިހާރުވެސް ތަންކޮޅެއް ލަހުން ހޭލުމަކީ ބައެއް މީހުންގެ އާދައެކެވެ. އޮފީސްތަކަށް ދިއުމަށް ތެދުވަން ޖެހޭތީވެ ނުވަތަ ދަރިންގެ ސުކޫލުކަންތަކަށް ހޭލަން ޖެހޭތީވެ ތެދުވާއިރުވެސް، ގަޑިން ހައެއް ނުވަތަ ހަތެެއް ޖަހާއިރަށް ތެދުވުމަކީ އާދައެކެވެ. އެހެންނަމަވެސް މިއާދައިގެ ސަބަބުން ހާރުކެއުމަށް އަސަރުކޮށްފާނެކަން އެނގޭ ހެއްޔެވެ؟ އެހެނީ ކަޅުފަތިހާ ހޭލަން އާދަވެފައި ހުންނަ މީހާއަށް ރޭގަނޑު ފުރަތަމަ ދަމުގައި ހޭލާ އުޅެފައި ދެވަނަ ދަމުގައި ނިދާފައި ތިންވަނަ ދަމުގައި ހޭލައި ހާރުކައި، ފަތިސްނަމާދަށް ތައްޔާރުވެ ރޭގަނޑުގެ ހަތަރުވަނަ އަދި އެންމެ ފަހުދަމުގައި ނަމާދުކޮށް ޒިކުރުކޮށްލުމަށްފަހު ކުރިމަތިލާ ދުވަހަށް ތައްޔާރުވާން ވަރަށް ފަސޭހަވާނެއެވެ.

ވީމާ މިހާރުއްސުރެ މިކަމަށް ތައްޔާރުވާން މަސައްކަތްފަށަމާ ހެއްޔެވެ. ގައިމުވެސް ޝައުބާން މަހުގެ ބާކި މިއޮތް ދުވަސްތަކުގެ ތެރޭގައި ކޮށްލާ މަސައްކަތުން ރޯދަމަސް ފެށޭއިރު ހުންނާނީ މިކަމަށް އާދަވެފައިކަން ޔަގީނެވެ.

އެންމެނަށްވެސް އެނގޭ އަދި އެންމެންވެސް ގަބޫލުކުރާ ފަދައިން ރޯދަމަހަކީ އަޅުކަން އިތުރު ފޯރިއަކާއި ޖޯޝެއްގައި ކުރިއަށްދާ މަހެކެވެ. ހުރިހާ ފަރުޟުތަކަކަށް، ސުންނަތްތައް ވީވަރަކުން އިތުރުކޮށްގެން އެކަންތަކަށް ހާއްސަ ސަަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އެހެންކަމުން މިކަމަށް ދުރާލައި ތައްޔާރުވެލުން މާބޮޑު ފައިދާއަކަށް ވާނެކަންގައިމެވެ.

ބައެއް ފަހަރު މިފަދަ ކަންތައް ކުރާހިތް ވިޔަސް މުޖުތަމައުގައި ތިމާގެ ރައްޓެހިން ނުވަތަ ދަންނަ މީހަކު މިކަހަ ކަމެއް ނުކުރާތީ ނުވަތަ މީހަކު މަލާމާތުގެ ދެރަ ބަހެއް ބުނެފާނެތީ މިފަދަ ކަމެއް ކުރަން ޖެހިލުންވެސްވެދާނެއެވެ. އެހެންނަމަވެސް ވިސްނާލަމާހެއްޔެވެ. ރޯދަމަހަކީ އަހަރަކު އެއްފަހަރު އަންނަ މަހަކަށްވެފައި، އެއީ ނިމުމަށްފަހު އަނެއްކާވެސް އަނެއް އަަހަރު އަންނަންދެން އިތުރަށް ދިމާވާނެ ދުވަހެއް ނޫނެވެ. ވީއިރު މިމަހުގެ ހުރިހާ ރަނގަޅަކާއި ހެވެއް ލިބިގަތުމަށް މަސައްކަތް ކުރާނީ ހަމަ ތިމާ ނޫންހެއްޔެވެ. މީހަކު ބުނެފާނެ ބަހަކަށް ޖެހިލުން ނުވާށެވެ. މާދަމާ އެމީހާ ތިމާއަށް އޭނާގެ ހެޔޮކަމުން ބައެއް ދޭކަށް ނާންނާނެއެވެ. އެވަރު ދަންނާށެވެ. އަމިއްލަ ނަފުސައިގެން ކުރިއަށް ދާން ޖެހޭނީ ތިމާ އަމިއްލައަށްކަން ދަންނާށެވެ.

ވީމާ އަވަހަށް ނޯޓުކޮށްލާށެވެ. މިފަހަރު ތަރާވީސް ކުރަން ދާނީ ކޮން މިސްކިތަކަށް ހެއްޔެވެ؟ ހަތިމު ކުރާނީ ކިތައް ފަހަރު ހެއްޔެވެ. ގުރުއާން ކިޔެވުމަށް ހާއްސަ ކުރާނީ ކޮން ގަޑިތަކެއް ހެއްޔެވެ. ކޮންމެ ނަމާދެއްގެ ފަހުން ކޮންމެވެސް މިންވަރަަކަށް، ދެސޮފުހާ ވަރު ކިޔެވުމަށް ކަނޑައަޅަމާހެއްޔެވެ. ދެން ރަސްމީކޮށް ކިޔަވާނެ ދެގަޑިއެއް ހަމަޖައްސަމާހެއްޔެވެ. ފަތިސްނަމާދުން ނިމިގެން ކިޔެވިދާނެއެވެ ދެން ރޭގަނޑު މަޣުރިބާއި އިޝާއާ ދެމެދު ނޫނީ ހާރުކެއުމަށްފަހު ފަތިސް ނަމާދަށް ބަންގިއާ ދެމެދު ކިޔެވިދާނެއެވެ. އިތުރަށް ކުރާނެ އެކަހަލަ އެހެންކަމެއް ހަމަޖައްސަން ބޭނުން ނަމަ އެކަމެއްވެސް ނޯޓުކޮށްފައި ފޯނުގެ ރިމައިންޑާއަށް ލާށެވެ. އަދި އޮފީހުގެ މޭޒުމަތީގައި ނުވަތަ ގޭގެ ރީތިވާ މޭޒުމަތީގައި ކުޑަނޯޓުފޮތުގައި ފެންނާނެހެން ބާއްވާށެވެ. މިއަށްވުރެ މިކަހަލަ ކަންތަކަށް އިތުރު ފުރިހަމަ އެއްބާރުލުމެއް ބޭނުންވާނަމަ ރައްޓެހި ކުދިންކޮޅެއްގެ ގުރޫޕެއް ތައްޔާރުކޮށް އެމީހުންނާއެކު މިކަންތައް ހިއްސާ ކުރެވިދާނެއެވެ. އޭރުން އެއޮތީ ރޯދަމަހުގެ ހާއްސަ ކަންތައްތަކުގެ ލިސްޓުޕްލޭން ތައްޔާރުކުރެވިފައެވެ.

އިރުއިރުކޮޅާ މާގިނައިން ފެން ބުއިމަކީ ގިނަގިނައިން ފާހާނާއަށް ދާން ޖެހޭނެކަމަކަށް ވާތީ ފެންބުއިމާ ވަރަށް ދުރު މީހުން އުޅެއެވެ. އެހެންނަމަވެސް ރޯދަމަސްކަހަލަ ދުވާލު ހަތަރުދަމު ދިޔާއެއްޗެއްވެސް ނުބޮއި ހުންނަން ޖެހޭ ދުވަސްތަކުގައި މީހާ ޑީހައިޑްރޭޓް ވުމުގެ ފުރުސަތު ދީގެން ނުވާނެއެވެ. އެފަދަ ގޮތަކަށް ކަންތައް ދިމާވެއްޖެނަމަ ނަތީޖާ ވަރަށް ދެރަވާނެއެވެ. އާންމުކޮށް އަންހެނުން އަދި މަދުފަހަރެއްގައިވިޔަސް ފިރިހެނުންވެސް ކުޑަކަމުދާ ނިޒާމުގެ ކުދިކުދި މައްސަލަތަކާ ރޯދަމަހު ކުރިމަތިލާން ޖެހެއެވެ. އެހެންވާން ޖެހެނީ ރޭގަނޑު ހާރުކެއުމަށްފަހު ފެން ބުއިން އަދި ފެންގިނަ އެހެނިހެން ތަކެތި ބޭނުން ކުރުމުން ދުރުހެލިވާތީއެވެ.

އެހެންކަމުން މިހާރުއްސުރެ ދިޔާތަކެއްޗާއި ފެނާ ތަންކޮޅެއް ރައްޓެހިވެލަމާހެއްޔެވެ. އޭރުން މިއާދައިން ރޯދަމަހަށް ފައިދާވާނެކަން ޔަގީނެވެ. އަދި ހަމައެހެންމެ ކެއުމުގައި ލޮނާއި ހަކުރު މަދުކުރަން އަވަސްވެގަންނަމާ ހެއްޔެވެ. އެހެނީ ރޯދައަށް ހުރެފައި، ރޯދަ ވީއްލުމަށްފަހު އެއްޗެއް ކާލާއިރު ލޮނުރަހަ ގަދަކޮށް ކާން އާދަވެފައިވާނަމަ، އޭގެ އަސަރުނުކޮށެއް ނުދާނެއެވެ. ލޮނުރަހަ ގަދަ އަދި ފޮނިރަހަ ގަދަވީމަ އަނގަޔަށް ވަރަށް މީރުވާނެއެވެ. އެކަމަކު އަނގައަށް މީރުވާގޮތަށް ހަށިގަނޑަށް ވެސް އަރާމެއް ލިބެން ވާނެތާއެވެ. އެހެންކަމުން މިހާރު ލޮނާއި ފޮނިރަހަ މަޑުކުރަން ފެށުމުން ރޯދަމަހު ކާތަކެތީގެ ލޮނާއި ފޮނި ރަހަ މަޑުކުރުމުން ލިބޭ ފައިދާ ބޮޑު ވާނެއެވެ. އެހެންނޫނަސް ހަކުރާއި ލޮނުގެ ހަރަދުވެސް ކޮންމެވެސް ވަރަކަށް ކުޑަވެދާނެ ތޯއްޗެކެވެ.

މިހާރުވެސް އަންނައުނު ދޮވެ އިސްތިރިކުރުމަކީ އެކަމަށް ހާއްސަކޮށްގެން ގަޑި ކަނޑައަޅައި ނޫނީ އެކަމަށް ދުވަސް ކަނޑައަޅާފައި އޮންނަ ކަމެކެވެ. ދިވެހިންގެ ތެރޭގައި ހުންނަ ރިވެތި އާދަތަކުގެ ތެރޭގައި އެންމެ އާދައިގެ މީހާވެސް އަންނައުނު ލުމުގައި ކަމަށް ހާއްސަ ހެދުން ހިޔާރު ކުރެއެވެ. މިގޮތުން އޮފީސް ހެދުން ނުވަތަ ޕާޓީ، ޖަލްސާ، ބައްދަލުވުންތަކުގެ ހާއްސަ ހެދުން ނިދަންލާން ބޭނުމެއް ނުކުރާނެއެވެ. އަދި ހާއްސަކަންކަމަށް ހާއްސަ ހެދުން ހުރެއެެވެ. އެއީ ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ބަލަހައްޓާ ކަންތަކެވެ.

ނަމާދަށް ލާނެ ހާއްސަ ހެދުމާއި ނިދާހެދުން މިއީ ކޮންމެ ދެދުވަހުން އެއްދުވަހު ބަދަލު ކުރާ އެއްޗިއްސެވެ. މީގެ އޮތީ ކިތައް ޕެކޭޖް ހެއްޔެވެ. ގުނާލަމާހެއްޔެވެ. ދެން ހަފުތާއަކު ތިންޕެކޭޖުން ވާނެތާއެވެ. އޭރުން ހުކުރު ދުވަހު ދޮންނަ ގޮތަށް ގެންގުޅެވިދާނެއެވެ. އެކަމަކު ކުރިއާލައި އޮފީހަށް ދާން ލާ ހުރިހާ އެއްޗެއްހެން ދޮވެ އިސްތިރިކޮށް ކޮނޑުތަކުގައާއި ބުޅިތަކުގައި އަޅުވައި ހަމަޖައްސާލުމުން ބޮލުން އެރިހުންވެސް ދިޔައީއެވެ. މިއީވެސް ތިމާ ތައްޔާރުވުމަށް ކުރެވިދާނެ ހާއްސަ ކަމެކެވެ. ހުކުރު ހެދުމާއި ތަރާވިސް ހެދުން ވަކިކޮށްލާށެވެ. އެންމެ އާދައިގެ މީހާއަށްވެސް ރޯދަމަހުގެ އަޅުކަމުގެ ވަގުތުތައް މުހިންމުވާނެކަމަށް ގަބޫލުކުރަމެވެ. އެހެންކަމުން މުއްސަނދިނޫނަސް ތިމާގެ ފެންވަރުން ހައެއްކަ ހެދުން ގެންގުޅޭ މީހާއަށްވެސް ރޯދަމަހު އަންނައުނު ގެންގުޅޭނެ ގޮތުގެ ވަކި ތާވަލެއް ތައްޔާރުކުރެވިދާނެއެވެ.

މިހާރު ހުރިހާ ކަމެއް ކުރުމުގައި ސްމާޓް ފޯނާއި، ލެޕްޓޮޕް، ޕީސީ އަދި އިންޓަނެޓްގެ މުހިންމުކަން އޮތީ ދިރިހުރުމަށް ލަމުން މިދާ ނޭވާއާ އެއްހަމައަކަށް މުހިންމުވެފައެވެ. ސާފުވަޔާ ނުލައި ނޭވާ ހިނގުމަށް ދަތިވާހެން ސޯޝަލް މީޑިޔާއާ ނުލައި ދިރިއުޅުމުގެ ކިތަންމެ ކަމެއް ފުރިހަމައެއް ނުވެއެވެ. އެހެންނަމަވެސް ރޯދަމަހު އަހަރެމެން ކުޑަކުޑަ ބަދަލެއް ގެނައުމަށް ހިތްވަރުކޮށްލަމާހެއްޔެވެ. މިސާލަކަށް އިންޓަނެޓުން ތަފާތު މައުލޫމާތުތައް ހޯދުމާއި ކަންތައްތަކަށް ލޯ ހުޅުވި ހޭލުންތެރިވުމަށް ވަގުތު ހޭދަކުރުމާއި މުނިފޫހިފިލުވުމަށް ސޯޝަލް މީޑިޔާ ބޭނުން ކުރާ ގޮތަށް ކުޑަކޮށް ނަމަވެސް ވަގުތުކޮޅެއް ފޮތް ކިޔުމަށް ނުވަތަ މުހިންމު މައުލޫމާތު ހުރި އެއްޗެހި އަޑު އެހުމަށް ސަމާލުކަން ދެމާ ހިނގާށެވެ. އޭރުން ވަރަށް ގިނަ ވަގުތުވެސް ސަލާމަތް ކުރެވިދާއެވެ. އަދި ލޮލަށް އަރާމެއް ލިބުމާއެކީ އަޑުއަހައިގެން ހަނދާނުގައި ހަރުލާ މިންވަރުވެސް ބޮޑުވާނެއެވެ. ފޯނުންވިޔަސް ބަލާމަންޒަރުތައް މަދުކޮށް އަހާ އަޑުތައް ގިނަ ކުރެވިދާނެއެވެ. މީގެ ހެޔޮފައިދާއަކީ ވަގުތު ސަލާމަތް ކުރެވި އެއަޑުއަހާ ވަގުތު އެހެން މަސައްކަތެއް ކުރުމަށް ފުރުސަތު ލިބުން ނުވަތަ ހަށިގަނޑަށް އަރާމެއް ހޯދަން ވަގުތުލިބުމެވެ.

އަންހެނުންނަށް ރޯދަމަހު މައްސަރުކަންތަކާ ލައިގަނެ ރޯދަނުހިފުނަސް އެއީ ގަޟާ ކުރަން ޖެހޭ، މާނައަކީ ފަހުން ހިފަން ޖެހޭ ރޯދަތަކެކެވެ. ރޯދައަށްހުރުމާއި ނަމާދުކޮށް ގުރުއާން ކިޔެވުންފަދަ ކަންތައްތަކުން ދުރުވިޔަސް ކުރެވޭނެ އެހެންކަންތައް ހުންނާނެއެވެ. ފަހުދިހައިގެ ސަވާބުވެސް ހަމައަށް ލިބޭނެ ގޮތްތައް ހުންނާނެއެވެ. މިކަމަށް މިހާރު ތައްޔާރުވީމަ ވާނެ ފަސޭހަ ބޮޑުވާނެއެވެ. އަވަހަށް އެންމެ ރަނގަޅު އެންމެ ސައްހަކަން ބޮޑު ހެޔޮދުއާތަކާއި ޒިކުރުތައް ހޯދަން ހިނގާށެވެ. އަޑުއެހުމަކީ ވެސް އަޅުކަމެކެވެ. ހެޔޮބަސްތައް އަޑުއެހޭނެއެވެ. ގުރުއާން ކިޔަވާ އަޑު އެހޭނެއެވެ. ހެޔޮވާހަކަތަކާއި އިބުރަތްތެރި ވާހަކަވެސް އަޑު އެހޭނެއެވެ. އެހެންކަމުން އެދުވަސްތަކުގައި އަޅުކަން ގެންދާނެ ގޮތަކާމެދު ވިސްނައި ނޯޓުކޮށްލާށެވެ.

ކޮންމެއަކަސް ރޯދަމަހަށް ތައްޔާރުވުމުގައި އަމިއްލަ ނަފުސު ހިސާބުކޮށްލާ މިމަހަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު ފަސޭހަ، ހަމަޖެހޭ މަހަކަށް ވުމަށް މަސައްކަތް ފަށަންވީ ވަގުތުކުޑަތަންވެ ނިމިއްޖެއެވެ. އަވަހަށް ބާކީ މިއޮތް ދުވަސްކޮޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހިތްވަރުކޮށްލާފައި މަސައްކަތް ފަށަމާ ހެއްޔެވެ. ކާމިޔާބާއި ހިތްހަމަޖެހުމަކީ މިންނެތް މަސައްކަތުން ހޯދޭނެ އުފާތަކެކެވެ. އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް އަމިއްލައަށް ނުކުރި ހިތްވަރެއް އެހެން މީހަކު ނުކުރާނެއެވެ. އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓާށެވެ.