ހަވީރީ ހިނގުމުގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ފިހާރަ ބަންދުކޮށް އެތަނުން ދެމުން ގެންދިޔަ ހިދުމަތްތައް އެސްޓީއޯ ޓްރޭޑް ސެންޓަރަށް ބަދަލު ކުރަން އެކުންފުނިން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެސްޓީއޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހަވީރު 18:00 އިން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ވިޔަފާރި ބަންދުވާނެ ކަމަށާއި، އެތަނުން ދެމުން ދިޔަ ހިދުމަތްތައް ބުދަ ދުވަހުން ފެށިގެން ލިބޭނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ކަމަށެވެ. ނަމަވެސް މި މުއްދަތުގައި އެސްޓީއޯގެ އޮންލައިން ފިހާރަ، "އީ-ސްޓޯރް" މެދުވެރިކޮށް ކަސްޓަމަރުންނަށް ވިޔަފާރި ކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
އެކަމުގެ ސަބަބުން ކަސްްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް އެސްޓީއޯގެ އިއުލާނުގައި ބުނެފައިވެއެވެ.
އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހިންގަމުން އަންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް މިހާރު ހުރީ މަރާމާތަށް ބަންދުކޮށްފައެވެ.
ބޮޑު ބަދަލަކާއެކު އެ ފިހާރަ މިމަސް ތެރޭގައި ހުޅުވާލާނެ ކަމަށާއި އަލަށް ހުޅުވާއިރު އެ ފިހާރާގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތަކުގެ މުދާ ވިއްކާނެ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވަނީ ކުރިން ވިދާޅުވެފައެވެ. އަދި އޭގެތެރޭގައި އާއްމު މުދާ ވިއްކާ ކުންފުނިތަކާއި އިލެކްޓްރޯނިކްސް ސާމާނު ވިއްކާ މަޝްހޫރު ކުންފުނިތައް ވެސް ހިމެނޭނެ ކަމަށް އަމްރު ވަނީ ވިދާޅުވެފަ އެވެ.