ރާއްޖޭގައި ހުރި އެންމެ ހައި ޕްރޮފައިލް އެއް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ރ. އުނގޫފާރު، އުނގޫފާރު އެފްސީގެ ކޯޗު ކަމާ ހަވާލުވުން ވެގެން ދިޔައީ ކުޅިވަރުގެ ބޮޑު ހަބަރަކަށެވެ. މާލޭގައި އޮތް ފުރަތަމަ ޑިވިޝަންގެ ކްލަބުތައް ދޫކޮށް، މޯހަން އަތޮޅު ތެރެއަށް ދިޔަ ދިޔުން ވެގެން ދިޔައީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބާއްވަން ތައްޔާރުވާ ދިވެހި ޕްރިމިއާ ލީގަށް އަތޮޅު ތެރޭގެ ކްލަބުތަކުންވާ ތައްޔާރީތައް ދައްކުވާލަދިން ކަމަކަށެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން 2023/2024 ވަނަ އަހަރު ފަށަން ނިންމާފައިވާ ދިވެހި ޕްރިމިއާ ލީގުގެ އޯޕަން ބުރަށް ރަށް ރަށުގެ ކްލަބުތައް ފޯރިއާއެކު ތައްޔާރުވާން ފެށި ފެށުމާއެކު މޯހަންވެސް ވަނީ އުނގޫފާރާއެކު އިއްޔެ ތަމްރީނުތައް ފަށާފައެވެ.
މި އަހަރުގެ ފުޓުބޯޅަ ސީޒަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފެށި މޯހަން، އެ ކްލަބުން ދުރަށް ދާން ޖެހުނީ ޕްރެސިޑެންޓްސް ކަޕަށް ފަހުއެވެ. އުނގޫފާރާ މޯހަން ހަވާލުވީ ޖެނުއަރީ އަށްފަހު އިތުރު ޓީމަކާ ހަވާލުނުވެ ހުރުމަށް ފަހުއެވެ. މިދިޔަ އަހަރުގެ ފުޓުބޯޅަ ސީޒަންގައި މޯހަން ފެނުނީ ސުޕަ ޔުނައިޓެޑް (ސަސް) އާއި ކްލަބު އީގަލްސްއިންނެވެ. ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ. ކުރިން ނިއު ރޭޑިއަންޓަށްވެސް ކޯޗުކަން ކޮށްދިން މޯހަންއަށް އަތޮޅު ތެރެވެސް އަލެއް ނޫނެވެ.
މީގެ ކުރިން މަހިބަދޫއާއި ކުޑަހުވަދޫގެ އިތުރުން ކެލާ ފަދަ ރަށްރަށުގައިވެސް މޯހަން ކޯޗިންގެ ތަޖުރިބާ ކޮށްފައިވާ އިރު، އަތޮޅު ތެރެއިން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2017 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުޑަހުވަދުއާއެކު ހޯދުމެވެ. އެފަދަ ތަޖުރިބާތަކަކީ މޯހަން އިއްޔެ އުނގޫފާރާއެކު ފެށި ދަތުރުގައި އެންމެ ބޮޑު އެހީއަކަށް ވާނެ ތަޖުރިބާތައް ކަމަށް މޯހަން ދެކެއެވެ. އުނގޫފާރުން މޯހަންއަށް ހޫނު މަރުހަބާއެއް ކިޔައިފައިވާ އިރު، އެރަށުގެ ހިތްގައިމު ކަމުގައި ހުރެ މޯހަން ވަނީ "ވަން" އަށް ހާއްސަ ވަގުތު ކޮޅެއް ހުސްކޮށްދީފައެވެ.
"ވަރަށް ގިނަ ރަށްރަށުން ގުޅި. ހިތަށް އެރީ ބަޔަކު އެގޮތަށް އެދޭ އިރުގައި އެހީއެއް ދެވޭތޯ ބަލާނަމޭ. ކޮންމެހެން މޮޅު މީހަކަށް ވެގެން ނޫން މި މަސައްކަތާ ހަވާލުވީކީއެއް. އެކަމަކު އެނގުނު މިންވަރަކުން ކިޔައިދޭން. ފުދޭވަރަކަށް ގިނައިން އަތޮޅު ތެރޭގައި މަސައްކަތް ކުރެވުނު ކުރިންވެސް. މަހިބަދޫއާއި ކުޑަހުވަދޫގައިވެސް އުޅެވުނު. ކުރިން ހަނިމާދުއާއި ކެލައަށްވެސް ކޯޗުކަން ކޮށްދިނިން. އަތޮޅު މުބާރާތް، ޒޯން ޗެމްޕިއަންޝިޕް އޮތް އިރުގެ ކުރިން އެއީ. ހުންނާނެ ވަރަށް ބޮޑެތި ކާމިޔާބީތައް އެޓީމުތަކަށްވެސް ހޯދައިދީފައި. އެކަމަކު ވަކި އެހެންވެގެންވެސް ނޫން އަތޮޅު ތެރެއަށް މިސްރާބު ޖެހީ. އެއީ ބައެއްގެ އެދުމުގެ މަތިން ހަމަ،" މޯހަން ބުންޏެވެ.
މޯހަންއަށް ވަގުތު އެބައޮތެވެ. އެފްއޭއެމުން ޖޫން މަހުގެ ތެރޭގައި ލީގު ބުރުގެ އަތޮޅުތަކުގެ ކުޅުން ފަށަން ނިންމާފައިވާ އިރު، އުތުރު ޒޯނުގެ 16 ރަށަކުން ޖުމުލަ 17 ޓީމު ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އުނގޫފާރު އެފްސީ ހިމެނެއެވެ. ޗެލެންޖުތަކަކާ އެކުވެސް މޯހަންގެ އަމާޒު ހުރީ ފުޓުބޯޅަ ސީޒަންގެ އެންމެ ބޮޑު މުބާރާތް، ދިވެހި ޕްރިމިއާ ލީގަށް އުނގޫފާރު އެފްސީގެ ނަން ގެންދިޔުމަށެވެ.
"2023-24 ފުޓުބޯޅަ ލީގަށް (ޕްރިމިއާ ލީގަށް) ކޮލިފައިވޭތޯ މަސައްކަތް ކުރުން އެންމެ ބޮޑު ޓާގެޓަކީ. އުނގޫފާރުންވެސް ޓާގެޓަކީ އެއީ. އެހެން ނަމަވެސް ފާހަގަކޮށްލަން ބޭނުންވޭ މޮޅު ކޯޗެއް އައިނަމަވެސް، ދަށް ކޯޗެއް ހުރި ނަމަވެސް ޔަގީން ކަމެއް ނޯންނާނެ އެކަހަލަ ޓާގެޓް ތަކަކަށް. ޔަގީންކަން ނުދެވުނަސް އެކަމަށް މަސައްކަތް ކޮށްދޭނަން،" މޯހަން ބުންޏެވެ.
މޯހަންގެ ނަޒަރުގައި ވެލި ދަނޑެއްގައި ފަރިތަކުރަން ޖެހުމަކީ އުނގޫފާރު ޓީމަށް އޮތް ޗެލެންޖެކެއެވެ. އެކަމުގެ ސަބަބުން ކުޅުންތެރިންގެ ހުނަރުހުރި މިންވަރު ދެނެގަންނަން އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށްވެސް މޯހަން ފާހަގަކުރިއެވެ.
"ވެލީގައި ޓްރެއިން ކުރުމަކީ އެއް ގޮންޖެމަށް ވެގެން ދާނީ. ޑެވަލޮޕްމަންޓް ވާ މިންވަރު ބަލަން، ޑެވަލޮޕްކުރަން އެހާ ފަސޭހައެއް ނުވާނެ. ޓެކްޓިކްސް ކަންކަން ޖައްސާއިރުވެސް އުނދަގޫތަކެއް ހުންނާނެ. ޓާފް ދަނޑެއް ނެތުން އެއީ ކޮންމެވެސް ވަރަކަށް ދިމާވާނެ އުނދަގޫ ކަމެއް. ދެން ފަސްޓް ޑިވިޝަނާ ހުންނާނެ ތަފާތަކީ، މި ކުޅުންތެރިންނަށް ތަންކޮޅެއް ތަފްސީލު ކޮށްދޭން ޖެހޭނެ. އެހެން ނަމަވެސް މަސައްކަތުން އެކަން ހާސިލްވާނެ. ހިތްހަމަ ޖެހުމަކަށް ވާނީ ކުޅުންތެރިން ކުރިއަރާތަން ފެނުން. އުންމީދުކުރަނީ ވަރަށް ރަނގަޅު ކުރިއެރުންތަކެއް ފެންނާނެ ކަމަށް،" މޯހަން ފާހަގަކުރިއެވެ.
އެފްއޭއެމުން 2023/2024 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގު ފުޅާކުރާ އިރު، ރާއްޖެ ބެހިގެންދާނީ ހަތަރު ޒޯން ލީގަކަށެވެ. ޒޯން އެކެއް ނުވަތަ ނޯތު ޒޯން ލީގުގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ އެވެ. ޒޯން ދޭއް ނޫނީ ސެންޓްރަލް ޒޯން ލީގުގައި އޮތީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އެވެ. ޒޯން ތިނެއް ނޫނީ ސައުތު ޒޯން ލީގުގައި އޮތީ ތ، ލ، ގއ، ގދ، ޏ، ސ އެވެ. އަދި ޒޯން ހަތަރަކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަން ނޫނީ މާލޭ ލީގެވެ. މި ލީގުގައި ހިމެނޭނީ މާލެ، ހުޅުމާލެ، ވިލިމާލޭގެ ޓީމުތަކެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން ކުޅެން ލީގުތަކަށް ބެހޭ އިރު، ނޯތު ލީގުގައި 16 ޓީމު ކުޅޭނެއެވެ. ސެންޓްރަލް ލީގުގައި 18 ޓީމު ކުޅޭނެއެވެ. އަދި ސައުތު ލީގުގައި 19 ޓީމު ބައިވެރިވާނެއެވެ. ކޮންމެ ލީގެއްގައި އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ޑިވިޝަން އޮންނަ ގޮތަށް ފޯމެޓް އޮތް ނަމަވެސް މި ވަގުތު ޓީމުތަކުގެ އަދަދަށް ބަލާ އިރު، ކޮންމެ ޒޯނެއްގައި އޮންނާނީ ދެ ވަނަ ޑިވިޝަނުން ފެށިގެންނެވެ.
އޭއެފްސީ ޕްރޯ ލައިސަންސް ކޯޗަކާއެކު ތަމްރީނުތައް ކުރުމަކީ އުނގޫފާރުން ދެކެމުން އަންނަ ދުރު ރާސްތާ ހުވަފެނުގެ ކޮޅުމަތިކަމަށް ބުނެވިދާނެއެވެ. ފުޓުބޯޅައިގެ ތެރެއަށް ވަންނަން އެ ރަށް ތައްޔާރަށް އޮތްކަން ދައްކުވައިދިން މަންޒަރަކަށް މޯހަން ކޯޗު ވެއްޖެއެވެ. އަތޮޅުތަކުގެ ޓީމުތަކުގެ މިސްރާބު ހުރީ އެންމެ އުހަށްކަން ފެންނަން ފެށުން އެއީ ފުޓުބޯޅައަށް ލިބޭނެ ހެވެއްކަންވެސް ޔަގީނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު