ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބޭސްފަރުވާގެ ހިދުމަތްދޭ ހެލްތު އިންޝުއަރެންސް ސްކީމުގައި އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިން ބައިވެރިކުރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.
މި މައްސަލައަކީ މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅުން، އަމިއްލަފުޅަށް ޕްރިމިއަމް ދައްކާގޮތަށް އެ ފަރާތްތައް އެ އިންޝުއަރެންސް ސްކީމުގައި ބައިވެރިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެވެ.
މި މައްްސަލައާ ބެހޭގޮތުން އާއްމު ކޮމިޓީގައި މަޝްވަރާކޮށް ދިރާސާތަކެއް ވަނީ ކޮށްފައެވެ. އެ މަސައްކަތުގެ ތެރެއިން ދުނިޔޭގެ އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ އާއިލާގެ މެންބަރުންނަށް އެފަދަ ސްކީމެއްގެ ދަށުން އެއްވެސް އިނާޔަތެއް ފޯރުކޮށްދޭތޯ ވަނީ ބަލައިފައެވެ.
އެގޮތުން އިންޑިއާ، ސްރީލަންކާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ އާއިލާތަކުގެ މެންބަރުންނަށް އެފަދަ ސްކީމެއްގެ ދަށުން އެއްވެސް އިނާޔަތެއް ފޯރުކޮށްދޭތޯ ވަނީ ބަލައިފައެވެ. ނަމަވެސް ކޮމިޓީން ބުނެފައިވަނީ އެ ފަރާތްތަކަށް އެފަދަ އެއްވެސް އިނާޔަތެއް ފޯރުކޮށްދެމުން ނުދާ ކަމަށެވެ.
މަޖިލިސް މެންބަރުންނާއި، މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދެނީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުންނެވެ.
އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ، މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ، ފިރިމީހާ، އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން، ރާއްޖެއާއި ސާކު ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭންވާނެ ކަމަށެވެ.
އެ ގާނޫނުގެ (ޅ)ގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މަޖިލިސް މެންބަރުކަމުން ވަކިވާ ހިސާބުން މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން އެމީހެއްގެ އަނބިމީހާ، ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށް ހަމަޖައްސާފައި އޮންނަ ހެލްތު އިންޝުއަރެންސް ސްކީމް ނިމުމަކަށް އަންނާނެއެވެ.
މި މައްސަލަ ދިރާސާކޮށް އެކަމާ ބެހޭގޮތުން މަޖިލީހުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި އާންމު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި އެ ކޮމިޓީން ބުނެފައިވަނީ، އެ ގާނޫނުގެ (ޅ)ގެ ދަށުން ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭންޖެހޭ، މަޖިލިސް މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް 24،000 ރުފިޔާގެ ޕްރިމިއަމްއެއް މަޖިލީހުގެ އިދާރާއިން ކޮންމެ އަހަރަކަށް ދައްކަމުން އަންނަ ކަމަށެވެ.
ކޮމިޓީން ބުނެފައިވަނީ މި މައްސަލައަށް މަޖިލިސް ތަޅުމުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ފޮނުވީ އެ މައްސަލައަކީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މަސްލަހަތު އެކަމުގައި ހިމެނޭކަމަކަށްވާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު