ޚަބަރު

ތެލުގެ އަގު ބޮޑުވިޔަސް ކަރަންޓުގެ އަގަށް ބަދަލު ނާންނާނެ: ޝަރީފް

ރިފާ ހަލީލު

ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ތެލަށް އައި ބަދަލާއެކު ކަރަންޓުގެ އަގު ބޮޑުވެދާނެތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.

އެކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތެލުގެ އަގު ބޮޑުވި ނަމަވެސް އެ ކުންފުނިން ދޭ ކަރަންޓުގެ އަގު ބޮޑު ނުކުރާނެ ކަމަށެވެ.

"ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސްޓެލްކޯ އިން ދޭ ކަރަންޓު ހިދުމަތުގެ އަގު ބޮޑު ނުކުރާނެ. ފްލެޓު ރޭޓެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖެހިފައި،" ޝަރީފް ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑުތަނުން ވަނީ އުފުލިފައެވެ. މިވަގުތު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 14.60 ރުފިޔާއަށް ލިބޭ އިރު، ޑީސަލް ލީޓަރެއްގެ އަގަކީ 14.80 ރުފިޔާއެވެ.