މުނިފޫހިފިލުވުން

"ގަންގޫބައި ކަތިޔަވަޑީ" ނެޓްފްލިސްއަށް

އާލިއާ ބަޓް ކުޅެފައިވާ ކާމިޔާބު ފިލްމު ''ގަންގޫބައި ކަތިޔަވަޑީ'' ނެޓްފްލިކްސްގައި ދެއްކުމަށް ނިންމައިފިއެވެ.

އިންޑިއާގައި ކޮވިޑުގެ ތިންވަނަ ރާޅަށްފަހު ކޭސްތައް މަދުވާން ފެށުމާއެކު ސިނަމާތަކުގައި ދެވަނައަށް އެޅުވި ފިލްމު، ސަންޖޭލީލާ ބަންސާލީގެ ''ގަންގޫބައި ކަތިޔަވަޑީ'' އަންނަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ.

''ގަންގޫބައި ކަތިޔަވަޑީ'' ސިނަމާތަކުގައި އަށް ހަފުތާ ވަންދެން ދައްކަން ހަމަޖެހިފައިވާ އިރު، އެ މުއްދަތުގެ ތެރޭ އެ ފިލްމު ނެޓްފްލިކްސްގައި ރިލީސްކުރަން ހަމަޖެހިފައިވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަދި ޑިސްޓްރިބިއުޓަރެއް ކަމަށްވާ ޖަޔަންތިލާލް ގާޑާ ވަނީ އިންޑިއާގެ ފިލްމީ ހަބަރުތައް ގެނެސްދޭ މީޑިއާއެއް ކަމަށްވާ ''ބޮލީވުޑް ހަންގާމާ'' އަށް ޔަގީންކޮށްދީފައެވެ.

ޕެންޑެމިކުގެ ތެރޭގައި ޑިޖިޓަލްކޮށް ފިލްމު ރިލީސްކުރުމުގައި އިންޑިއާގައި ގެންގުޅެފައިވާ އުސޫލަކީ ފިލްމު އަޅުވާ ތާރީހުން ފެށިގެން ހަތަރު ހަފުތާއަށް ފަހު ޑިޖިޓަލްކޮށް ރިލީސްކުރުމެވެ.

''ގަންގޫބައި ކަތިޔަވަޑީ''، އަށް ހަފުތާ ފަހުން ޑިޖިޓަލްކޮށް އެޅުވުމަށް ނިންމީ ފިލްމު ރިލީސްކުރި ފަހުންތޯ ސުވާލުކުރުމުން ޖަޔަންތިލާލް ބުނެފައިވަނީ އެންމެ ކުރިންވެސް ނިންމާފައިވަނީ އަށް ހަފުތާވަންދެން ބޮޑު ސުކްރީނުގައި ދެއްކުމަށްފަހު ޑިޖިޓަލްކޮށް ނެޓްފްލިކްސްގައި ރިލީސްކުރުމަށް ކަމަށެވެ.

''ގަންގޫބައި ކަތިޔަވަޑީ'' ސިނަމާތަކުގައި އަޅުވާފައިވަނީ ފެބްރުއަރީ 25 ގައެވެ. މިހާތަނަށް ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި ފިލްމު ވަނީ ބޮކްސް އޮފީހުގައި 100 ކުރޯރު އިންޑިއާ ރުޕީސް ފަހަނައަޅައި ގޮސްފައެވެ.