އަކްޝޭ ކުމާރުގެ ''މިޝަން ސިންޑަރެއްލާ'' ޑިޖިޓަލްކޮށް ރިލީސްކުރަން ނިންމައިފިއެވެ.

މީގެ ކުރިން އަކްޝޭގެ ފިލްމުތައް ކަމަށްވާ ''ލަކްޝްމީ'' އަދި ''އަތުރަންގީ'' ވަނީ ހަމައެކަނި ޑިޖިޓަލްކޮށް ރިލީސްކޮށްފައެވެ.

އަކްޝޭގެ ކުރިއަށް އޮތް ފިލްމު ''މިޝަން ސިންޑަރެއްލާ'' ޑިޖިޓަލްކޮށް ރިލީސްކުރުމަށް ހޮޓްސްޓާއަށް ބޮޑު އަގެއްގައި ވިއްކާލާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. ރަންޖީންތު ތިވާރީ ޑައިރެކްޓުކޮށްފައިވާ ''މިޝަން ސިންޑަރެއްލާ''ގެ ޕްރޮޑިއުސަރުން ވަޝޫ އަދި ޖެކީ ބަގްނާނީ، މި ފިލްމު ޑިޒްނީ ޕްލަސް ހޮޓްސްޓާއަށް ވިއްކާލާފައިވަނީ 135 ކުރޯރު އިންޑިއާ ރުޕީސްއަށެވެ.

ބަގްނާނީ ޕްރޮޑަކްޝަންސް އިން މީގެ ކުރިން ރިލީސްކުރި އަކްޝޭގެ ފިލްމު ''ބެލް ބޮޓަމް'' އިން ފިލްމުގެ ޕްރޮޑިއުސަރުންނަށް ކުޑަ ގެއްލުމަކާ ކުރިމަތިވެފައިވާ އިރު، އެކަން ފޫބެއްދުމުގެ ގޮތުންނާއެކު ''މިޝަން ސިންޑަރެއްލާ" ރިލީސްކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށް ވަނީ ނިންމައިފައެވެ.

ބަގްނާނީ އާއެކު އަކްޝޭގެ ކުރިއަށް އިތުރު ފިލްމެއްވެސް ވަނީ ވަރަށް ފަހުން އިއުލާނުކޮށްފައެވެ. އަކްޝޭ ކުމާރު އަދި ޓައިގާ ޝްރޮފް އެކުގައި ކުޅެން ހަމަޖެހިފައިވާ ފިލްމު ''ބަޅެ މިއާ ޗޯޓޭ މިއާ'' ރިލީސްކުރަން ހަމަޖެހިފައިވަނީ ބޮޑު ސްކުރީނުގައި ކަމަށް ވަނީ ކަނޑައަޅައިފައެވެ.

''މިޝަން ސިންޑަރެއްލާ" ގައި އަކްޝޭ ކުމާރާއެކު ރާކުލް ޕްރީތު ފެނިގެންދާނެއެވެ. މި ފިލްމަކީ 2018 ވަނަ އަހަރު ނުކުތް ސައިކޮލޮޖިކަލް ތުރިލާ ތަމަޅަ ފިލްމެއް ކަމަށްވާ ''ރަޓްސަސަން''ގެ ހިންދީ ރިމޭކެކެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާގައި މި ފިލްމު ރިލީސްކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހު އަންނަ އީދާ ދިމާކޮށް ކަމަށްވެސް ހަބަރުތައް ބުނެއެވެ.