ޚަބަރު

ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު އާއިލާއެއް ރާއްޖެ ގެނެސްފި

މުހައްމަދު އިޝާން

ހަނގުރާމަވެރި ސަރަހައްދެއްގައި ހާލުގައި ޖެހިފައިވާ ދިވެހި އާއިލާއެއް ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ އެފަދަ ފަރާތްތައް ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ކުރަމުންދާ ކަމަށެވެ.

އެފަދަ އާއިލާތަކުގެ ތެރެއިން އެއް އާއިލާ މިއަދު ރާއްޖެ ގެނެސްފައިވާކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އެ އާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އެހެންކަމުން ހާލުގައި ޖެހިފައިވާ މީހުން ރާއްޖެ ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތެއް ކުރަމުންދާކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެ އައިސް އެއްވެސް ބާވަތެއްގެ ޖިނާއީ ތަކުލީފެއް އުފުލުމެއްނެތި ނުވަތަ ކަމާގުޅުންހުރި ރިހިބިލިޓޭޓިވް ޕްރޮގްރާމެއްގައި ބައިވެރިނުވެ އެފަދަ ފަރާތްތައް މީގެ ކުރިން މުޖުތަމައަށް ދޫވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މައްސަލަ ނިމުމަކަށް ގެނައުމަށާއި އެފަދަ ހާލަތްތަކުގައި ވިކްޓިމައިޒްވާ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ދީނީ، އިޖުތިމާއީ އަދި ނަފްސާނީ ފަރުވާ ދެވޭނެހެން ގާނޫނުތަކާއި ގަވާއިދުތައް މިހާރު އިސްލާހުކޮށްފައިވާ ކަމަށެވެ. އަދި ހަނގުރާވެރި ސަރަހައްދުތަކުން ގެންނަ މީހުން ރިލިބިލިޓޭޓް ކުރުމަށް ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތް ކޮށްފައިވަނީ އަދި މިހާރުވެސް ކުރެވެމުންދަނީ ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކާއި ބައިނަލްއަގުވާމީ އެހީތެރިކަމާއި ލަފަޔާއި އިރުޝާދު އެކަށީގެންވާ މިންވަރަށް ލިބިގެން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ސަލާމަތާއި ރާއްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ދިވެހި ރައްޔިތުންގެ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކުރަންކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.