އެމެރިކާގެ ރިޔާސީ ގަނޑުވަރަށް ކިޔަނީ ވައިޓްހައުސްއެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރަށް ކިޔަނީ ކްރެމްލިންއެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ ބާރުކަމަށްވީމާ މުޅި ދުނިޔޭގައިވެސް މި ދެގަނޑުވަރު ވަރަށް މަޝްހޫރެވެ. ނަން ބުނެފިއްޔާ އެންމެނަށްވެސް އެއީ ކޮންތަނެއްކަން އެނގެއެވެ. ނޫސްތަކުގައިވެސް އާއްމުކޮށް ލިޔެފައި ހުރެއެވެ. ކްރެމްލިނުން ބުންޏެވެ. ވައިޓްހައުސްއިން ބުންޏެވެ. އެހެން އެލިޔަނީ އެ ދެގައުމުގެ ސަރުކާރުގެ އެންމެ މަތިން ބުނި ނުވަތަ އެންގި އެއްޗެއްކަން ހާމަކުރުމުގެ ގޮތުންނެވެ. މިދުވަސްވަރު ވަރަށް ގިނައިން ފެނެއެވެ. ކްރެމްލިނުން މިވެނިހެން އެވެނިހެން ބުނެފިއެވެ. ކޮންމެއަކަސް ނޫސްތަކުގެ ސުރުޚީގައި ކްރެމްލިން ވަރަށް ގިނައެވެ.
އެއީ ނަން އިވުނީމަވެސް ސިއްސައިގެންދާ ކަހަލަ ހައިބަތުހުރި ނަމެކެވެ. ކްރެމްލިން، މިއީ ރޫސީ ލަފްޒެކެވެ. މާނަޔަކީ ކިއްލާއެވެ. ބޮޑެތި ކޯއްޓޭތަކުން ރައްކައުތެރި ކުރެވިފައިވާ ސަހަރުތަކުގައި އަދި އެޔަށްވުރެވެސް ވަރުގަދަކޮށް ރައްކައުތެރި ކުރެވިފައިވާ ކިއްލާޔަކީ ކްރެމްލިންއެވެ. ރަޝިޔާގެ ބޮޑެތި ހުރިހާ ސަހަރުތަކުގައިވެސް ކްރެމްލިން ހުރެއެވެ. މިސާލަކީ ކަޒާން ކްރެމްލިންއާއި ނޮވްގޮރޮޑް ކްރެމްލިންއެވެ. މިހުރިހާ ކްރެމްލިންތަކަކީ އެ ތަންތަނުގައި ހުންނަ އެންމެ ވަރުގަދަ ބޮޑު ކިއްލާއެވެ. މިހާރު ދުނިޔޭގެ އެންމެންވެސް ދަންނަ ކްރެމްލިންއަކީ މޮސްކޯގެ ބޮޑު ކިއްލާއެވެ. ރޫސީ ވެރިކަމުގެ ހެޑްކުއާޓަރެވެ. ރޫސީންގެ ރިޔާސީ ގަނޑުވަރެވެ.
އެއީ އެންމެ އިމާރާތެއް ނޫނެވެ. އެއީ އެތައް ގަނޑުވަރަކާއި އެތައް ފައްޅިޔަކާއި އެތައް ކޯއްޓޭއެއްވެސް ހިމެނޭހެން ވަށައި އުސް ފާރެއް ރާނާފައިވާ ބޮޑު އެކުވެންޏެކެވެ. ޗައިނާގެ ބެއިޖިންގުގެ ތެރޭގައި އޮންނަ ފޯބިޑެން ސިޓީ ފަދައިން މޮސްކޯގެ ތެރޭގައި އޮންނަ އެފަދަ ސިޓީއެކެވެ. އެމެރިކާގެ ވައިޓްހައުސްްއާ ޚިލާފަށް މޮސްކޯގެ ކްރެމްލިންއަށް ވަރަށް ދިގު ތާރީޚެއް ލިބިގެންވެއެވެ. ގާތްގަޑަކަށް ހާސްއަހަރުގެ ތާރީޚެއް އެތަނާއި ގުޅިފައިވެއެވެ. މީގެ ތެރެއިން އެންމެ ފަހު ހަތްސަތޭކަ އަހަރު އެތަނަށް ކިޔަމުން އައީ ކްރެމްލިންއެވެ. އޭގެކުރިން ގްރެޑްއެވެ. މޮސްކޯއަށް ރަޝިޔާގެ ވެރިކަން އަލުން ބަދަލުވީ 1917 ވަނަ އަހަރު ގެނެވުނު ކޮމިއުނިސްޓް އިންގިލާބުގައި ރަސްކަން އުވާލައި ޖުމްހޫރިއްޔަތަކަށް ބަދަލުވީފަހުންނެވެ.
އެހައިތަނަށް ރަޝިޔާގެ ވެރިރަށަކީ ސެންޓް ޕީޓާރސްބާގެވެ. އެހެންވީމާ ރަޝިޔާގެ ވެރިކަން މޮސްކޯއަށް އަލުން ބަދަލުވިތާ އަދި ކިރިޔާ 105 އަހަރެވެ. މޮސްކޯއަށް ވެރިކަން ބަދަލުވިފަހުން ވެރިކަމުގެ ކިއްލާއަކީ ކްރެމްލިންއެވެ. އެންމެ އިސް ލީޑަރުން ތިއްބަވަނީވެސް އެތާގައެވެ. އެންމެ މަތީ އޮފީސްތައް ހުންނަނީވެސް އެތާގައެވެ. އަދި ވެރިކަންކުރާ ޕާޓީގެ މައި އޮފީހާއި އެމީހުންގެ ބައްދަލުވުންތައް ބާއްވާ މާލަންވެސް ހުންނަނީ އެތާގައެވެ. ރަޝިޔާގެ ރަސްކަމުގެ އެންމެ ފަހު ދުއިސައްތަ އަހަރު ވެރިރަށަކީ ސެންޓް ޕީޓަރސްބާގް ކަމަށްވިޔަސް އޭރުވެސް މޮސްކޯއަކީ މުހިންމު ސަހަރެކެވެ.
އެއީ އޭރުވެސް އެންމެ ބޮޑު ސަހަރެވެ. އެހެންވީމާ މޮސްކޯ ކްރެމްލިންއަކީ ރަޝިޔާގެ ރަސްރަސްކަލުންނާއި ބޮޑެތި ބޮޑެތި އަމީރުން މޮސްކޯއަށް ވަޑައިގެންފައި ތިއްބަވާ ގަނޑުވަރުތައް އެކުލެވޭ ކިއްލާއެވެ. ނުވަތަ އެކުވެންޏެވެ. އެންމެ އިހުޒަމާނުން ފެށިގެންވެސް ކްރެމްލިންގައި ފެންވަރުގެ ގަނޑުވަރުތަކާއި ޓަވަރުތަކާއި ކޯއްޓޭތައް ހުރެއެވެ. މިހާރު އެފެންނަ ބައްޓަމަށް އެފަރުމާގެ އިމާރާތްތައް އެތަނުން ފެންނާންފެށީ މީލާދީން ސާދަވަނަ ސައްތައިގެ ތެރޭގައެވެ. އިޓަލީއާއި ފްރާންސާއި ޖަރުމަނީން އޭރުގެ އެންމެ މަޝްހޫރު ކުޅަދާނަ ފަންނާނުން ގެނެސްގެން މައިގަނޑު ގޮތެއްގައި ކްރެމްލިން އެކުވެނީގައި އާރާސްތު ކުރެވުނީ ގަނޑުވަރުތަކާއި ފައްޅިތަކާއި ޓަވަރުތަކެވެ.
މޮސްކޯގެ ކްރެމްލިންއޭ އެކިޔާ ކިއްލާގެ ތެރޭގައި މިއަދު ހަ ގަނޑުވަރާއި ހަތަރު ފައްޅިޔާއި އެތައް ޓަވަރަކާއި ކޯއްޓޭތައް ހިމެނެއެވެ. މީގެ ތެރެއިން އެއްގަނޑުވަރަކީ ކްރެމްލިންގެ ބޮޑު ގަނޑުވަރެވެ. ރަޝިޔާގެ ރައީސްގެ އެޕާޓްމަންޓުތަކާއި އޮފީސްތައް ހުންނަނީ އެގަނޑުވަރުގައެވެ. ކްރެމްލިންގެ އެއްގަނޑުވަރު މިހާރު ހަދާފައިވަނީ ދާރުލްއާސާރަކަށެވެ. އެއީ ކްރެމްލިންގެ މިއުޒިއަމެވެ. އެއީ ރޫސީވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުވެ މޮސްކޯއަށް ވެރިކަން ބަދަލުވި ހިސާބުން ފެށިގެން ގާއިމު ކުރެވިފައިވާ މިއުޒިއަމެކެވެ. ދޭސީންނާއި ބިދޭސީންނަށްވެސް އާއްމުކޮށް ހުޅުވައިލެވިފައިވާ މިއުޒިއަމެކެވެ.
މިއީ ދުނިޔޭގެ ގައުމެއްގައި މިހާރުވެސް ބޭނުންކުރާ ރިޔާސީ މިފަދަ ގަނޑުވަރެއްގައި އާއްމުންނަށް ހުޅުވާލާފައި ހުންނަ މިޒާތުގެ ހަމައެކަނި މިއުޒިއަމެވެ. ބޭރު ގައުމުތަކުން ރަޝިޔާއަށް އަރައިގެން ހިންގާފައިވާ އުދުވާންތަކާއި ހަނގުރާމަތަކުގައި މޮސްކޯގެ ކްރެމްލިން ވަނީ ވަރަށް ބިރުވެރި ވަރަށް ނާމާން ކިތަންމެ ކިތަންމެ ތަޖުރިބާއެއްކޮށްފައެވެ. މޮންގޯލިއަނުން މީލާދީން 1237ގައި މޮސްކޯއަށް އަރައި ކްރެމްލިންގައި ހުޅުޖަހައި އަންދާލިއެވެ. މަލާބާރީން މާލެއަރައި ބޮޑު ގަނޑުވަރު އަންދާލިފަދައިންނެވެ. މީލާދީން 1368 ގައި ތުރުކީންވެސް މޮސްކޯއަށް އަރައި ކްރެމްލިންއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައެވެ.
ޕޮލެންޑުގެ ލަޝްކަރުތައްވެސް 1610 ވަނަ އަހަރު މޮސްކޯއަށް އަރައި ގާތްގަޑަކަށް ދެ އަހަރު ވަންދެން އެތަނުގައި ދެމިތިއްބެވެ. ކްރެމްލިންއަށް އެންމެ ފަހުން ވަދެގަތް ބޭރުގެ ލަޝްކަރަކީ ފަރަންސޭސި ސިފައިންނެވެ. އެމީހުން މީލާދީން 1812 ވަނަ އަހަރު ކްރެމްލިން ހިފައި އެތަނުގެ އެތައް އިމާރާތެއް ގޮއްވާލައި ބޮޑެތި ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ. ރަޝިޔާއަށް 1917 ވަނަ އަހަރު ކޮމިއުނިސްޓް އިންގިލާބު އައިއިރު ރަޝިޔާގެ ވެރިރަށަކީ ސެންޓް ޕީޓާރސްބާގެވެ. އިންގިލާބު ދޮންވެ ފައްކާވީވެސް ސެންޓް ޕީޓަރސްބާގުގައެވެ. އިންގިލާބުގެ ލީޑަރުން ތިއްބެވީވެސް އެރަށުގައެވެ.
އެހެންނަމަވެސް ކޮމިއުނިޒަމަކީ ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ވެރިން ވަރަށް ބިރުގަންނަ އަދި ނަފްރަތުކުރާ ފަލްސަފާޔަކަށްވާތީ މި އިންގިލާބު ނާކާމިޔާބުކޮށްލަން ހުޅަނގު ޔޫރަޕުގެ ބާރެއް ނުވަތަ ބާރުތަކެެއް ސެންޓް ޕީޓަރސްބާގަށް އަރައިގަތުމުގެ ބިރުވެރިކަން އޮތެވެ. އިންގިލާބުގެ ލީޑަރުން ކަމުގައިވާ ލެނިންއާއި ސްޓާލިންގެ ހިތުތެރޭގައިވެސް އެ ބިރުވެރިކަން ވަރަށް ބޮޑެވެ. ސެންޓް ޕީޓަރސްބާގް އޮންނަނީ ރަޝިޔާގެ އެންމެ ހުޅަނގު އުތުރުން ފިންލެންޑުގެ އިމާ ނުހަނު ގާތުގައެވެ. ޖަރުމަންވިލާތާވެސް ނުހަނު ގާތުގައެވެ. އެހެންވީމާ ލެނިން އާއި ސްޓާލިންއަށް އެރަށުގައި ތިއްބެވުން ރައްކާތެރިކަމަށް ފެނިވަޑައިނުގެން ރަޝިޔާގެ ތަންކޮޅެއް އެތެރޭގައި އޮންނަ މޮސްކޯއަށް ބަދަލުވެވަޑައިގެން ކްރެމްލިން ކިއްލާގައި ގާއިމުވެވަޑައިގަތީއެވެ.
ކްރެމްލިންއަކީ ކިއްލާއެއް ފަދަ ސަހަރެއްގެ މެދުތެރޭގައި ހުންނަ ކިއްލާއަކަށްވާތީއެވެ. އެތަނުގައި ސަރުކާރު ހިންގުން ރައްކައުތެރިކަމަށް ފެންނާތީއެވެ. ކޮންމެއަކަސް އެވިސްނުން ގޯހެއްވެސް ނުވިއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަނީގެ އަތްދަށުގައި ރަޝިޔާނުވެ ސަލާމަތްވީ މޮސްކޯ ތަންކޮޅެއް ދުރުގައި އޮންނާތީއެވެ. އެކަމަކުވެސް މޮސްކޯއާ ގާތްގަޑަކަށް ދިހަވަރަކަށް މޭލު ކައިރިއަށް ޖަރުމަނު ސިފައިން ކުރިއެރިއެވެ. އެހިސާބުން ދެން އަނެއްއަތަށް ކަންކަން ބަދަލުވާން ފެށީއެވެ. އެހިސާބު ކައިރިއަށް ޖަރުމަނު ސިފައިން ކުރިއެރީމާ ވަގުތީގޮތުން ކްރެމްލިން ހުސްކޮށްފައި ރަޝިޔާގެ ވެރިޔާ ސްޓާލިން މޮސްކޯވެސް ދޫކުރައްވައި އެއަށްވުރެ އެތެރޭގައިވާ ސަމާރާއަށް ބަދަލުވެވަޑައިގަތެވެ.