ދުނިޔެ

މެޑޯންނާގެ މޫނުން ޒުވާންކަން ފާޅުވިޔަސް އަތުން ފެންނަނީ މުސްކުޅިކަން!

މީގެ ސާޅީހަކަށް އަހަރުކުރިން މުޅިދުނިޔެ ސިއްސުވާލި މަޝްހޫރު ލަވަކިޔުންތެރިޔާ އެމެރިކާގެ މެޑޯންނާ މިހާރު ކޮބައިބާވައެވެ. އުމުރުން މިހާރު 63 އަހަރުވީ މެޑޯންނާ ވަނީ އޭނާގެ 21 އަހަރުވީ ފިރިހެން ދަރިފުޅު ރޯކޯއާކު މިހަފުތާގެ ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ލަންޑަނުގެ ރެސްޓޯރަންޓަކުން އާއްމުންނަށް ފެނިފައެވެ.

ކަޅު ހަރުވާޅަކާއި ކަޅު ކޯޓެއް ލައިގެން ރޭގަނޑުގެ ވަގުތެއްކަމުގައި ވިޔަސް ބޮޑު ކަޅު އަވިއައިނެއް އަޅައިގެން ހުރި މެޑޯންނާ ފެނުނީ އޭނާގެ އުމުރަށްވުރެ މާބޮޑަށްވެސް ޒުވާންކޮށެވެ. އޭނާގެ މޫނު ވަރަށް އޮމާންވެފައި ޒުވާނެވެ. އެހެންނަމަވެސް އޭނާގެ އަތުން ފެނުނީ އެ އުމުރުގެ މީހެއްގެ ކިބައިން ފެންނާނޭ މުސްކުޅިކަމުގެ އަލާމާތްތަކެވެ. ނާރުތައް ފުފިފައި ހުރުމާއި ރޫޖެހިފައި ހުރުން ބޮޑެވެ.

މެޓީރިއަލް ގާރލް ފަދަ ލަވަތަކުން 80ގެ އަހަރުތަކުގެ ތެރޭގައި މިއުޒިކްގެ ދުނިޔޭގެ މެދުއުޑުގައި ފިޔަޖެހި މެޑޯންނާޔަކީ ޒާތްޒާތުގެ އިންޖެކްޝަނުގެ އެހީގައި އޭނާގެ އަތާއި މޫނާއި ކަނދުރާގައި ރުލެއް ޖެހިޔަނުދީ ޒުވާންކޮށް ބެހެއްޓުމަށް ވަރަށް މަސައްކަތްކުރާ މީހެކެވެ. މީގެ ހަ އަހަރު ކުރިން އޭނާގެ މޫނަށްވުރެ އަތުގެ އޮމާންކަން ބޮޑެވެ. މިފަހަރު މިފެނުނީ އެޔާ މުޅިން އިދިކޮޅު މަންޒަރެކެވެ.

ކުރީ ޒަމާނުގައި ވިދާލިގޮތަށް މިހާރު އެވަރުގެ ވިދުމެއް ނެތަސް އަދިވެސް އޭނާ ލަވަކިޔަައެވެ. އެކްޓްވެސް ކުރެއެވެ. މިހާރު އެންމެ ބުރަކޮށް ކުރާ މަސައްކަތަކީ އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް ތައްޔާރުކުރުމުގެ މަސައްކަތެވެ. މެޑޯންނާ މިހާތަނަށް ދެ ކައިވެންޏެއް ކޮށްފައިވާއިރު އެންމެފަހުން އިނީ އޭނާއަށްވުރެ ދިހަ އަހަރު ހަގު މީހެއްކަމަށްވާ ގައި ރިޗީއާއެވެ. އެކައިވެނި ވަނީ 2008 ވަނަ އަހަރު ރޫޅިފަަައެވެ. މެޑޯންނާ މިހާރު ރައްޓެހިވެގެން އުޅެނީ އޭނާއަށްވުރެ ގާތްގަޑަކަށް ސާޅީސް އަހަރު ހަގު ޒުވާނެއް ކަމުގައިވާ އަހުލާމް މާލިކާއެވެ. އަހުލާމަކީ މެޑޯންނާގެ ޓީމުގައި ހިމެނޭ ނެށުންތެރިޔެކެވެ. މިދެމީހުން ރައްޓެހިވެގެން އުޅެނީ 2018 ވަނަ އަހަރުން ފެށިގެންނެވެ.

މެޑޯންނާގެ އުމުރު ބޮޑުވިޔަސް އަދި އަތާއި މޫނު އެއްގޮތް ނުވިޔަސް އަހުލާމު ހުންނަނީ މެޑޯންމާޔާހެދި މޮޔަވެފައެވެ. މެޑޯންނާޔަށް ހަ ކުދިން ލިބިފައިވާއިރު އޭގެތެރެއިން ގިނަ ކުދިންނަކީ ކައިވެނިން ބޭރުގައި ލިބިފައިވާ ކުދިންނެވެ.