އަތޮޅުތެރޭ ރަށްރަށުގައި މަސައްކަތްކުރާ ޑޮކްޓަރުން އަވަސް އަވަހަށް ބަދަލުވާތީ ތެލެސީމީއާ ބަލި މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ހެލެތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ހެލެތު މިނިސްޓްރީގައި މިއަދު ބޭއްވި "ގައިޑްލައިން މެނޭޖްމެންޓް އޮފް ޓްރާންސްފިއުޝަން ޑިޕެންޑެންޓް ތެލެސީމީއާ އިން މޯލްޑިސް" ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަސީމް ވިދާޅުވީ، މިހާތަނަށް މާލެ އާއި އަތޮޅުތެރޭގައި ތެލެސިމީއާއަށް ފަރުވާކުރަމުން ދިޔައީ ތަފާތު ގޮތްގޮތަށް ކަމަށެވެ. ނަމަވެސް މިއަދު ލޯންޗު ކުރެވުނު ގައިޑްލައިނުގެ ސަބަބުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތެލެސީމިއާއަށް ފަރުވާކުރާނީ އެއްގޮތަކަށް ކަމަށް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ރާއްޖޭގައި ތެލެސީމީއާ ބަލިމީހުންގެ ގޮތުގައި 546 ވަރަކަށް މީހުން ތިބިއިރު އޭގެ ތެރެއިން ގިނަ މީހުން ނިސްބަތްވަނީ އަތޮޅުތެރެއަށް ކަމަށާއި އެހެންކަމުން މާލޭގައި ތެލެސީމިއާއަށް ފަރުވާދޭ ގޮތާ އެއްގޮތަށް އަތޮޅުތެރޭގައި ފަރުވާ ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިހާތަނަށް މާލޭގައި އަދި ރާއްޖެތެރޭގައި ތަފާތު ގޮތްގޮތަށް ތެލެސީމިއާއަށް ދިޔައީ ފަރުވާ ދެމުންކަން އަޅުގަނޑު ފާހަގަކޮށްލަން. މިއަދުން ފެށިގެން ގައިޑްލައިންއާ އެއްގޮތަށް ކަންކަން ދާ ކަމަށްވަންޏާ އެ ބޭފުޅުން އެ ވިދާޅުވިގޮތަށް އެކަންތައް ހިނގައިދާނެ. ދިވެހިރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ގޮތުގައި އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 546 އަދަދަކަށް އެބައުޅޭ. އޭގެ ތެރެއިން ގިނަ އަދަދަކީ އަތޮޅުތަކަށް ނިސްބަތްވާ މީހުން. އެހެންވީމާ މާލޭއެކޭ އެއްގޮތަށް ދޭ އުސޫލެއްގެ ދަށުން ފަރުވާ ދިނުމަކީ ވަރަށް މުހިންމު ކަމެއް،" ނަސީމު ވިދާޅުވިއެވެ.

މި ސަރުކާރުގެ މައިގަނޑު އެއް އަމާޒަކީ މާލެއާ އެއްވަރަށް އަތޮޅުތެރޭގައި ވެސް ސިއްހީ ހިދުމަތް ކުރިއެރުވުން ކަމަށާއި އެގޮތުން އަތޮޅުތެރޭ ހޮސްޕިޓަލުންނާއި ސިއްހީ މަރުކަޒުތަކުން ހުރިހާ ބައްޔަކަށް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ނަސީމް ވިދާޅުވިއެވެ.

"މި ސަރުކާރުގެ މައިގަނޑު އެއްއަސާސަކީ މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް ހުރިހާ ދާއިރާއަކުން ސިއްހީ ފަރުވާ ލިބިދިނުން. ހަމަ މިއާއެކު ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ އަތޮޅުތެރޭ ހޮސްޕިޓަލުތައް ވެސް ސިއްހީ މަރުކަޒުތަކުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޑޮކްޓަރުން އަވަސް އަވަހަށް ބަދަލުވަމުން ދިއުން. މީގެ ސަބަބުން ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކުގެ ފަރުވާގެ ފެންވަރު ހިފެހެއްޓުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭ. މިފަދަ ގައިޑްލައިނެއް އޮތުމުގެ ސަބަބުން އަވަސް އަވަހަށް ޑޮކްޓަރުން ބަދަލުވި ކަމުގައި ވިޔަސް ފަރުވާ އެއް ހަމައެއްގައި ހިފެހެއްޓިދާނެކަމީ އަޅުގަނޑު ޝައްކުވާކަމެއް ނޫން،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އަތޮޅުތެރޭގައި މަސައްކަތްކުރާ ޑޮކްޓަރުން ތެލެސީމީއާ ޕްރޮޓޮކޯލަށް ހޭލުންތެރިކުރަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތް އެންމެ ލުއި ގޮތެއްގައި ވީހާވެސް އަވަހަކަށް ކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ތެލެސީމީއާ ބަލިމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ތެލެސީމިއާގެ ފަރުވާއަށް ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ ބީޓާ ތެލެސީމީއާގެ އެންމެ ދޮށީ އުމުރުގެ މީހާއަކީ 42 އަހަރުގެ މީހެއް ކަމަށާއި ތެލެސީމީއާ ކުދިން އުފަންވާ މިންވަރު ދަށްކުރުމަށްޓަކައި މާލޭގައި ކުރެވޭ ކައިވެނިތަކުގެ ތެރެއިން ތެލެސީމިއާ ކުދިން ލިބޭ ފަދަ ހާލަތެއް އޮންނަ ދެ ކެރިއަރުން ކައިވެނި ކުރުމުގެ ކުރިން ފެމިލީ ކޯޓާ ގުޅިގެން ޖެނެޓިކް ކައުންސިލް ސެޝަންތަކެއް ދިނުމަށް ފަށާފައިވާ ކަމަށެވެ. އަދި ޖެނެޓިކް ކައުންސިލް ސެޝަންތައް އަތޮޅުތެރެއަށް ފުޅާކުރުމަށްޓަކައި މިދިޔަ އަހަރު އެ ދާއިރާއިން މީހުން ތަމްރީނު ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.