އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހައި ކޯޓުގެ އަމުރެއް ސަސްޕެންޑު ކުރުމަށްފަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލި އަމުރު ސަސްޕެންޑް ކުރުމަށްފަހު އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަންގައިފިއެވެ.
ހައިކޯޓުގެ އަމުރު ސަސްޕެންޑުކޮށް ބަންދުން ދޫކޮށްލީ ހިތަދޫ، މަންދޫބުގެ ރުޝާން އަހުމަދު ދީދީއެވެ. އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުދީން އަހުމަދެވެ.
މެޖިސްޓްރޭޓް ރަފީއުދީން ކުރި އެ ހުކުމުގައި ބުނެފައިވަނީ ރުޝާންގެ ބަލި ހާލަތަށް ރިއާޔަތްކޮށް އޭނާ ބަންދުކުރަން ހައި ކޯޓުން ނެރެފައިވާ އަމުރު 90 ދުވަހަށް ސަސްޕެންޑުކުރާ ކަމަށެވެ. އަދި 90 ދުވަސް ވަންދެން ބޭސްފަރުވާގެ ކަންކަމަށް ރުޝާން ދޫކުރަން ހުކުމްކުރާ ކަމަށެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކުއެވެ.
އެ ޝަރުތުތަކަކީ 90 ދުވަސް ވަންދެން މައްސަލައިގެ ހެކިވެރިންނާ މުއާމަލާތް ނުކުރުމާއި މެންދަމު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް ގެއިން ބޭރަށް ނުނިކުތުމެވެ.
އެ ހުކުމް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައި ކޯޓުގެ ޝަރީއަތުގައި ޕީޖީން ބުނީ ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަން ޖެހޭނީ މާއްދާތަކުގައި ބަޔާންކުރެވިފައިވާ އަސާސްތަކުގެ މައްޗަށް ކަމަށާއި އިސްތިއުނާފު ރައްދުވާ ރުޝާންގެ މައްޗަށް ދައުވާކުރެވޭ މައްސަލައިގައި ހަވާލާދިން ގާނޫނީ މާއްދާތަކުގައި ބަޔާންކުރެވިފައިވާ އަސާސްތައް އެގޮތުގެ މަތިން ދެމިހުއްޓައި އޭނާ ޝަރުތުތަކާއެކު 90 ދުވަހަށް ބަންދުން ދޫކޮށްލަން ދަށު ކޯޓުން ނިންމި ނިންމުމަކީ ގާނޫނީ އަސާސްތަކާ ހިލާފު ނިންމުމެއް ކަމަށެވެ.
ޕީޖީން ބުނީ މަތީ މަރުހަލާގެ ކޯޓަކުން ޝަރީއަތް ނިންމެންދެން ބަންދުކޮށްފައިވާ ފަރާތެއްގެ ބަންދު ދަށު ކޯޓުން މުރާޖައާކޮށް، މަތީ މަރުހަލާ ކޯޓުގެ ނިންމުން ނުވަތަ ހުކުމް ޒިކުރުނުކޮށް، އެފަދަ ފަރާތެއްގެ ބަންދަށް ބަދަލު ގެނައުމަކީ ދަށު ކޯޓުން މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ކަމަށާއި އެ ހާލަތުގައި އެއީ މަތީ މަރުހަލާގެ ނިންމުމަށް ތަބާނުވާ ހާލަތެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.
ނަމަވެސް މަތީ މަރުހަލާގެ ކޯޓެއްގެ ނިންމުމެއް ނުވަތަ މުޅި ހުކުމް އެއްކޮށް ސަސްޕެންޑްކުރުމަކީ ދަށު ކޯޓަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އަދި އެއީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށްވެސް ޕީޖީން ބުންޏެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ ރުޝާން ބަންދުން ދޫކޮށްލަން ހިތަދޫ ކޯޓުން އެންގިޔަސް، އޭނާ ދޫކޮށްލަން ޖެހޭ ފަދަ ސީރިއަސް ސިއްހީ މައްސަލައެއް ފާހަގަ ކޮށްފައި ނެތް ކަމަށެވެ. އަދި ސިއްހީ ސަބަބަކަށްޓަކައި މީހަކު ބަންދުން ދޫކުރެވޭނީ ފުރާނައަށް ނުރައްކާވާ ފަދަ ސިއްހީ ބޮޑު މައްސަލައެއް ފާހަގަވާ ހާލަތުގައި އެކަނި ކަމަށް ހުކުމުގައިވެއެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ހިތަދޫ ކޯޓުގެ ނިންމުން ބާތިލުކުރުމާ އެކު، ރުޝާން ބަންދުކުރަން ހައި ކޯޓުން އޭރު އެންގި އެންގުން އެގޮތުގައި ދެމި އެބައޮތް ކަމަށެވެ.
ރުޝާން ބަންދުން ދޫކޮށްލި އަމުރަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ފާޑު ވިދާޅުވެފައެވެ. ޝަމީމު ވިދާޅުވީ ހައި ކޯޓުގެ އަމުރެއް ދިރިއޮއްވައި (ބާތިލު ނުވަަތަ ބަދަލު ނުކުރާ ހިނދަކު) އެ ހުކުމެއް ސަސްޕެންޑު ކުރުމަކީ މެޖިސްޓްރޭޓަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މީހަކު ބަންދުން ދޫކޮށްލަން ބޭނުންވާނަމަ ރަނގަޅު ސަބަބެއް ދައްކަން ޖެހޭނެ ކަމަށެވެ.
ޝަމީމަށް ރައްދުދެއްވައި ހިތަދޫ ކޯޓުން ވަނީ ނޫސް ބަޔާނެއް ވެސް ނެރެފައެވެ. ނޫސް ބަޔާން ނެރުނު މައްސަލަ އާއި ހައި ކޯޓުގެ އަމުރު ސަސްޕެންޑްކުރި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު