ދުނިޔޭގައި ފުރަތަމަ ފަހަރަށް އޫރުގެ ގުނަވަން ބޭނުންކޮށް ހިތުގެ ޓްރާންސްޕްލާންޓު ހެދި މީހާ މަރުވެއްޖެއެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް މެރީލޭންޑް މެޑިކަލް ސެންޓަރުން މި އަހަރުގެ ޖެނުއަރީމަހު މެރީލޭންޑް ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔަ ސާޖަރީގައި އުމުރުން 57 އަހަރުގެ ޑޭވިޑް ބެނެޓްގެ ހިތުގެ ޓްރާންސްޕްލާންޓު ހަދާފައިވަނީ ޖެނެޓިކަށް ބަދަލުގެނެވިފައިވާ އޫރެއްގެ ހިތް ބޭނުންކޮށްގެންނެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ގެންދެވިފައިވާކަން ޖެނުއަރީމަހު އިއުލާނުކޮށްފައިވާއިރު ސާޖަރީއަށްފަހު ބެނެޓްގެ ހިތް ރަނގަޅަށް މަސައްކަތްކުރަމުން އައިސްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ބެނެޓްގެ ހާލަތު މީގެ ކުޑަދުވަސްކޮޅެއް ކުރިން ގޯސްވާން ފަށައި މިމަހުގެ 8 ވަނަ ދުވަހު މަރުވެފައިވާކަމަށް ވަނީ ބުނެފައެވެ.

ހިތުގެ ޓްރާންސްޕްލާންޓު ހެދުމުގެ ކުރިން ބެނެޓް އަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހިތުގެ ބަލީގައި ބޮޑުވަރުވެ ލައިފް ސަޕޯޓުގެ އެހީގައި ފަރުވާދެމުން އައިސްފައިވާ މީހެކެވެ. އަދި ހިތުގެ ޓްރާންސްޕްލާންޓެއް ހެދޭނެ މަގު އޭނާއަށް އޭރު ތަނަވަސްވެފައި ނުވަނީ އޭނާގެ ބަލި ހާލަތު ބޮޑުވުމުގެ ސަބަބުންނެވެ.