ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ފުރަތަމަ ފަހަރަށް ސޮއިކުރައްވާފައި ފައިސާގެ ނޫޓް ދައުރުކުރަން ނެރެފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސްޓޮކް މަދުވުމުން 13 އޮކްޓޫބަރު 2021 ގައި އަލުން ޗާޕުކޮށްގެން ރާއްޖެ ގެނެސް، ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ 20 ރުފިޔާގެ ނޫޓު، ދައުރުވާ ފައިސާގެ ތެރެއަށް މިއަދު ނެރެފައިވާ ކަމަށެވެ.
މިއަދު ނެރުނު 20 ރުފިޔާގެ ނޫޓާ އެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަވެސް އެމްއެމްއޭއިން ބުންޏެވެ.
އަލަށް ޗާޕުކޮށްގެން މިއަދު ނެރުނުނޫޓުގައިވާ ތާރީހަކީ 01 ޖުލައި 2020 ،10 ޛުލްޤައިދާ 1441 އެވެ.
ފައިސާގެ ސްޓޮކް މަދުވުމުން ޗާޕު ކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. މީގެ ކުރިން ވަނީ ފަސް ރުފިޔާ އަދި ދިހަ ރުފިޔާގެ ނޫޓު ވެސް އިތުރަށް ޗާޕުކޮށްގެން ރާއްޖެ ގެނެސްފަ އެވެ. ނޫޓު ތަކުގެ އިތުރުން ވަކި ލާރިވެސް އެމްއެމްއޭ އިން އިތުރަށް ހަދައިގެން ރާއްޖެ ގެނެއެވެ.