ކ. ފުށިދިއްގަރު ފަރަށް 2015 ވަނަ އަހަރުގައި ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި 15 ދުވަސް ތެރޭގައި 100 މިލިއަން ރުފިޔާ ދެއްކުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

ފުށި ދިއްގަރު ފަރަށް ބާޖަކާއި ޓަގް ބޯޓެއް އެރި މައްސަލައިގައި މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމަށްފަހުގައެވެ.

އެކުންފުނީގެ ފަރާތުން މިކަމަށް ލުޔެއް ދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި އެދުނެވެ. އެކަމަކު އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ނިންމެވީ އެ މައްސަލައިގައި އެއްވެސް ލުޔެއް ނުދެވޭނެ ކަމަށެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ވަން" އަށް ވިދާޅުވީ ފަރަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑު ކަމަށެވެ. ނަމަވެސް ގާނޫނު ބުނާގޮތުން ޖޫރިމަނާ ކުރެވޭނެ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ އެކުންފުނި ޖޫރިމަނާކޮށްފައިވަނީ އެ އަދަދުން ކަމަށެވެ.

ނައީމް ވިދާޅުވީ މިނިސްޓަރު އާމިނަތު ޝައުނާ އެގޮތަށް ނިންމެވުމުން 15 ދުވަސް ތެރޭގައި ޖޫރިމަނާއަށް ވާ ފައިސާ ދެއްކުމަށް މިދިޔަ ހަފުތާގައި އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

ދެހާސް ފަނަރަވަނަ އަހަރު ހިނގި މި ހާދިސާގައި ފުށިދިއްގަރު ފަރުގެ 4370 އަކަ މީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

ދާދިފަހުން ރަސްފަރި ފަރަށް ބޯޓެއް އަރައި ލިބުނު ގެއްލުމުގެ ބަދަލަށް 154 މިލިއަން ރުފިޔާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ދައްކައިފައެވެ.