ވާހަކަ

ވަކިވާން ޖެހުމުން - 40

4

ސާޅީސްވަނަ ބައި

ހޮސްޕިޓަލުގެ ބޮކިތައް ނިވާލެވިއްޖެއެވެ. މަޑުމަޑުން މީހުން މަދުވާން ފަށައިފިއެވެ. ޝައުފާ ބޭއްވިފައި އޮތީ ހާއްސަ ފަރުވާތައް ދެވޭ ވަކި ޕްރައިވެޓްކޮޓަރިއެއްގައެވެ. އައިސީޔޫއިން ހުރިހާ މެޝިނަރީ ހުރި މިކޮޓަރިއަށް ޝައުފާ ބަދަލު ކުރެވުނުތާ އިރުކޮޅެއް ވެއްޖެއެވެ. އައިސީޔޫގައި އޮތަސް އަދި މިތަނުގައި އޮތަސް މިހާރުދެން ޑޮކްޓަރުން ޝައުފާގެ މަތިން އޮތް އުއްމީދެއްނަމަ އެއުއްމީދަކީ ހަމައެކަނި ކަލާނގެ ހަޒުރަތަށް ދެވިފައިވާ ޔަގީންކަމެއްގެ އުއްމީދެކެވެ.

ޑޮކްޓަރީ އެއްވެސް ފަރުވާއެއް އިތުރަކަށް ޝައުފާއަށް ދެވޭނެކަމުގެ އެއްވެސް އަލިކަމެއް ޑޮކްޓަރުންގެ ޓީމުތަކަކަށް ނެތެވެ. މާލެއިން ހާއްސަ ޑޮކްޓަރުންގެ ޓީމެއް ގޮވައިގެން ޝައުފާގެ އާއިލާ ލާމަށް ދަތުރު ފެށިތާ ހަތަރު ވަރަކަށް ގަޑިއިރު ތެރޭގައި އެމީހުން ތިބީ ލާމު ގަމު ހޮސްޕިޓަލުގައެވެ. ހުރިހާ ޑޮކްޓަރުން އެމީހުންގެ ބަސް ދީފިއެވެ. ޔަގީންކަމުގެ ސޮއި އޮތް ލިޔުން އާއިލާއަށް ދީފިއެވެ. މިހާރުދެން އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ޑޮކްޓަރުންގެ ކިބައަކު ނެތެވެ.

"ދަރިފުޅާ... ބައްޕަ އާއި މަންމައަށް އަދިވެސް ހިތްހެޔޮނުވޭދޯ... އެނގޭ އެހެންކަން ވާނީވެސް... އެކަމަކު މިހާރުދެން ބައްޕަ އާއި މިމަންމައަށް މާފުކޮށްދީ... ދަރިފުޅު ތިހާލުގައި އޮންނަތަން ދެކޭކަށް މަންމަގެ ހިތަކަށް ކެތެއް ނުވޭ.... އަދުދެން މަންމަމެންގެ އޮތީވެސް ވަކި ކޮން އިތުރު އުފާތަކެއް...؟"

ރަހުމާ އަޑުގައި ހަމަގައިމުވެސް މިއަދަކު ދެއްކުންތެރިކަމެއް ނެތެވެ.

"ދަރިފުޅާއި ދަރިފުޅުގެ ބޭބެ ނޫނީ މިމަންމަމެނަކަށް ދުނިޔެމަތިން އިތުރު ދަރިންތަކެއް ނުދެއްވާ.... އުމުރުދުވަހު ފައިސާ އެއްކޮށްގެން އަހަރެމެން ކުރާނެ ކޮންކަމެއް އޮންނާނީ.... ދަރިފުޅުގެ އުފަން މަންމައަށް މިމަންމަ އާއި ދަރިފުޅުގެ ބައްޕަ ގުޅައިގެން އެތައް ވާހަކައެއް ދެއްކިން... އެކަމަކު ދަރިފުޅުގެ މަންމަ އެއްގޮތަކަށްވެސް ދަރިފުޅާ އެއްވެސް ގުޅުމެއް ބާއްވާކަށްވެސް އަދި ހާލުބަލާކަށްވެސް ބޭނުމެއް ނޫން... ދަރިފުޅުގެ ދޮންބައްޕަ ހުރީ ހަތިޔާރު އެޅި ސިފައިންގެ މީހެއްހެން މަންމަގެ ފާރަވެރިކަމުގަ.... ހީވިކަހަލަ ދަރިފުޅު ތީ މުޅިން އެހެން މީހެކޭ....."

ރަހުމާ ހުރީ ޝައުފާގެ ބޯލާކޮޅާ ދިމާލުން އެނދާ ކައިރީގައެވެ. އޭނާއާއެކުގައި އަހުތަރުސަލީމު އިސްޖެހި ފެންކަޅިވެފައި ހުއްޓެވެ. ޝައުފާގެ ވަރުދެރަވެފައިވާ އެސްފިޔަތައް އިތުރަށް ތެމުމުގެ ކުރިން ޝާމިންގެ އަތްތިލައިގަ ހިފައި ބާރުކޮށްލެވިފައިވާ އަތްތިލަ ހަރަކާތްކޮށްލިއެވެ.

އާއެކެވެ. އިތުރަށް ރޯނެ ބޭނުމެއް ނެތެވެ. އޭނާ މައިންބަފައިންގެ ލޯތްބަށް އެދިގެން ރުއި އަހަރުތަކެއް ވޭތުވެއްޖެއެވެ. މިދޮންމަންމައަށް ނަފުރަތު ކުރުމަށް އޭނާގެ އޮތީ ކޮން ހައްގެއް ނުވަތަ ކޮން ބޭނުމެއް ހެއްޔެވެ. ބަނޑުއަޅައި ވިހޭ މައިމީހާ ނުވާ ލޯބި ހަމަގައިމުވެސް މިދޮންމަންމަ އޭނާދެކެ އެބަވޭތާއެވެ. ވީއިރު މިމީހާދެކެ ނުރުހުންވެ ހިތްނުބައި ކުރުމުގެ ވަކި މާނައެއް އެބައޮތް ހެއްޔެވެ.

ތެދެކެވެ. އޭނާއަށް ބައްޕައެއްގެ އެހީތެރިކަމާއި ލޯބި އަދި ހިޔާވަހިކަމާއި ރައްކާތެރިކަން ބޭނުންވި އަހަރުތަކެއް ވޭތިވެގޮސްފައި އެބަވެއެވެ. އެހެންނަމަވެސް ކިތަންމެ ބާރަށް އަޑުން އަޑުނަގައި ހަޅޭއްލަވައި ރޮއި ބަދުބަސް ގޮވިޔަސް އެދުވަހެއް އެނބުރި ނާންނާނެއެވެ.

އަދި ބައްޕައެއްގެ ރައްކާތެރިކަމާއި ލޯތްބާއި ހިޔާވަހިކަން ނުލިބުމުގެ ސަަބަބުން އޭނާގެ ޅަފުރާގައި ލިބުނު އަނިޔާތަކަށް ބަދަލެއްވެސް ނުހޯދޭނެއެވެ. އަދި އިންސާފެއްވެސް ނުހޯދޭނެއެވެ.

ހަމައެހެންމެ އެކަންތަކުގައި ބައްޕަ އާއި ދޮންމަންމަ ކުށްވެރިކުރާނެ ތަނެއް ޖާގައެއް ވަކި އެބައޮތް ހެއްޔެވެ. ނުވަމަސް ވަންދެން ބަނޑުގައި ބާއްވައިގެން ގައިގައި ވޭން އަޅައިގެން އޭނާ ދުނިޔެއަށް ގެނައި މަންމަ އެހުރިހާ ކަމެއް ދިމާވިއިރު ހަމަ ދާދި ގާތުގައި ހުއްޓެވެ. އޭނާއަކަށް މަންމަ ގާތުގައި އެއިން ވާހަކައެއް ބުނާނެ ހިތްވަރެއް ނުލިބުނުކަމީ ހަގީގަތެކެވެ.

އެކަމަކު މަންމައެއްގެ ނަޒަރު ދަރިފުޅަކާމެދު އެހާ ކަނުވެ ފަރުވާކުޑަވުމަކީ ކިހިނެއްވާނެ ކަމެއް ހެއްޔެވެ. މަންމަ އޭނާގެ ކިބައިން ސަލާމަތްވެ އަމާންވެގަތް ގޮތަށް މިއަދު މިހާލުގައި އޮތްކަން އެނގުނީމަވެސް އަންނާކަށް އެއްބަހެއްނުވިއެވެ. ވީއިރު އޭނާއަށް މިމަންމަ ކުށްވެރިކޮށް ހިތްބަރުކުރުމުގެ ސަބަބުން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ.

އެހެންނޫނަސް މިހާރު، މިވަގުތުދެން، އެއްވެސް މީހަކަށް އެއްވެސް ބަރު ހިތެއް ބާއްވައިގެން އެފަކީރު ވަކި ކުރާނީވެސް ކީއްހެއްޔެވެ. އަމިއްލަ ފުރާނަ ހަށިގަނޑާ ވަކިވާން ޖެހޭ ވަގުތު ގާތްވަނީކަމުގެ ހަބަރު އޮތީ ލިބިފައެވެ. މިދުނިޔެމަތީގެ ފެންނާނެ އިތުރު އެއްވެސް ކުލައެއް މިންވަރު ކުރައްވައިފިނަމަ ކުރާނެކަމަކާ މެދު ވިސްނާލާނެ ވަގުތެއް ނެތެވެ.

އެއަށްވުރެ މިފެންނަމުންދާ މަންޒަރާއި ލިބިފައިވާ ވަގުތުކޮޅުގެ ބޭރުން އިތުރަށް ވަގުތެއް ނުލިބޭނެކަން މަންޒަރެއް ނުފެންނާނެކަން އެނގޭ ހިނދު، މިވަގުތުކޮޅު، މިހިނދުކޮޅު ހަޔާތުގެ ފުރިހަމަނުވާ އުފާތައް ދުރުކޮށްލާފައި ލިބެން ހުރި އުފާތަކުން ހިތްހަމަޖެހުން ލިބިގަތުން މާފައިދާކަން ބޮޑެއް ނޫން ހެއްޔެވެ.

"މަންމާ.... ބައްޕާ..."

ޝައުފާގެ ދުލުން އެބަސް ބުނާނެ ހިނދަކަށް ހިތާހިތުން އެދިއެދި ހުރި އަހުތަރުގެ ލަދުގެންފައިވާ ކަޅި ދަރިފުޅާ ދިމާލަށް އުފުލާލެވިއްޖެއެވެ. މިއީ އޭނާގެ އަތުން ހަލާކުކޮށްލެވުނު ދިރިއުޅުމެއްގެ ތޮށިގަނޑެކެވެ. ހަމަގައިމުވެސް ޒިޔާދެކޭ އެއްހަމައެއްގައި އޭނާ މިދަރިފުޅު ބަލައި ބޮޑުކުރި ދުވަހެއްނަމަ އޭނާ ފަހުރުވެރި ކުރުވާނެ އަންހެންދަރިއަކަށް މިއަންހެންދަރިފުޅު ވީސްކަން ޔަގީނެވެ.

އެކަމަކު ދުނިޔޭގެ ކުލަޒީނަތާއި ވަގުތުގެ އޮއިވަރުގައި އޭނައަކަށް ދެދަރިން ހަމަހަމައެއް ނުކުރެވުނެވެ. ނުވިތާކަށް މިދަރިފުޅު ގެނެސް އަމިއްލަ ނަންދީގެން އަމިއްލަ ހިޔަލެއްގައި ބެހެއްޓުމުގައި އޭނާ މާބޮޑަށްވެސް ލަސްކުރީއެވެ.

"ޝައު އެއްވެސް މީހަކަށް ހިތްބަރެއް ނޫން..... އެހެންނޫނަސް ޝައުއަކަށް އެހައްގެއް ނުދެއްވާ..... ޝައުއަކަށް މަންމަދެކެވެސް އަދި ބައްޕަދެކެވެސް އަދި އެހެންމީހެއްދެކެވެސް ރުޅިއެއް ނާދެވޭނެ.... ރުޅި އަންނާނެ ވަގުތެއް ޝައުގެ ހަޔާތަކު ނެތެއްނު...."

ޝައުފާ ވާހަކަދެއްކީ ހިތުގެ އަޑިން ތެދުނިޔަތަކާއެކުގައި އެއްވެސް ފޮރުވުމެއް ނެތި ސީދާ ސާދާ ކަމާއެކުގައެވެ.

"އެކަން މަންމަމެނަށް ވެސް އެނގެއެއްނު... މާފުކުރާނީ ހިތްހެޔޮ ކުރާނީ ބަރުހިތެއް އޮތްނަމައެއްނު... އެވާހަކަ ދެން ނުދައްކާ.... މިހާރުދެން ޝައު މަންމަމެންނާ ވަކިވާން ޖެހިފައި އޮތްވައި އެއްވެސް ބޭކާރު ވާހަކައެއް ދައްކައިގެން ވަގުތު ބޭކާރު ކުރުމުގެ ބޭނުމެއް ނެތެއްނު.... އެހެންނޫންތަ ބޭބޭ...."

ޝާމިންގެ އަތުގެ ތެރޭގައި އޮތް ޝައުފާގެ އިނގިލިތައް ތުރުތުރު އެޅުމަކާއެކު އަނެއްކާވެސް ޝާމިންގެ އަތްތިލައަށް ބާރުކޮށްލެވިއްޖެއެވެ. ޝައުފާގެ ވަރުދެރަ އަޑުން ހިނިތުންވެފައި އޮވެ އެބުނެލި ބަސްތައް އެންމެންގެ ހިތްތައްވެސް ފުޑުފުޑުކޮށްލިކަން ޔަގީނެވެ. އަދި ޝާމިން....

ޝާމިންގެ ހިތުގައި އިތުރަށް ފުރޭނެ އުތުރިއަރާނެ ތަނެއް ނެތީ ކަހަލައެވެ. އޭނާގެ ކަރުނަތައް ހިކިފައިވާ ކަހަލައެވެ. ޝައުފާއާ ގާތުގައި އެނދުގެ ކަނެއްގައި އިނދެ އުނގުގައި ޝައުފާގެ ބޯބާއްވާލައިގެން ގައިމަތީގައި އަޅާފައިވާ ހުދު ފޮތިގަނޑު މަތިން އުނަގަނޑުގައި އެއްއަތުން ހިފަހައްޓައިގެން އިން އިރު އޭނާގެ އަސަރެއް ނެތް ކަޅި ހުރީ ޝައުފާގެ މޫނަށް ހުއްޓިފައެވެ.

އަހުތަރުގެ ދެމަފިރިންނާއެކުގައި ހުރި ޒިޔާދަކަށް ޝައުފާގެ މިހާލު ދެކޭކަށް ކުޅަދާނަ ވަނީއެއް ނޫނެވެ. އޭނާގެ ހިތް ފަޅަފަޅައިގެން ދާ ކަހަލައެވެ. ނޯޔާއަށް މިމަންޒަރު ދައްކާނެ ހިތްވަރު ނެތުމާއެކުވެސް ޝައުފާއަށްޓަކައި އޭނާ ނޯޔާވެސް ގެނެސްދިނެވެ. އެހެންނަަމަވެސް ނޯޔާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތުމުން އޭނާ އަވަހަށް އެކުއްޖާފުޅު އެތަނުން ފޮނުވާލައިފިއެވެ. މިހާރުދެން އޭނާއަށްވެސް ކެތް ކުރެވެނީއެއް ނޫނެވެ.

"އޭހ ކޮއްކޯ... ވިޔާނުދާ އަނގަ ނުތަޅާ.... ފުރާނައަކީ އެއްވެސް ޑޮކްޓަރަކަށް ނުވަތަ ބޭސްވެރިއަކަށް ދެވޭނެ އަަދި ގެންދެވޭނެ އެއްޗެއް ނޫނޭ... މީހާ ދިރިހުންނާނީ މިވެނި ގަޑިއެއްވަންދެންކަމަށް އެމީހުނަށް ބުނަން އެނގޭނީ ކިހިނެއް...؟ އެއްވެސް މީހަކު މަރުވާނޭ ގަޑިއެއް ސާއަތެއް އެނގޭކަށް ނޯވެއޭ..."

ޒިޔާދުގެ އަޑުގައި ހުރި ހަރުކަށިކަމަށްވުރެ އެއަޑުގައި ހުރި ވޭން މާބޮޑެވެ.

"އޯހ..ބޭބޭ.... ތީ ވަރަށް ބޮޑު ތެދެއް... އެކަމަކު މެޝިނުން އެބަފެނޭދޯ.... މިމާސްކު... މިކިރިޔާވެސް ނަގާއިރަށް އަހަރެންގެ ނޭވާ ކުރުވެގަންނާނެ... މިކަމަކާ އަހަރެންނަކަށްވެސް ދެކޮޅެއް ނުހެދޭނެދޯ...؟"

ޝައުފާ އޭނާގެ ނޭފަތާއި އަނގަ ނިވާކޮށްފައިވާ މާސްކަށް އިޝާރާތްކޮށްލިއެވެ.

"އެކަަމަކުވެސް ހެޔޮ.... ކާކަށް އެނގޭނީ ދެން ވާނެގޮތެއް... މިރޭ ފަތިސްވާއިރަށް ކޮއްކޮ ރަނގަޅުވެ ގަދަފަދަވެސް ވެދާނެއެއްނު... އަހަރެން އަދިވެސް ޑޮކްޓަރުންގެ އިތުރު ފަރުވާތަކަށް އެދޭނަން... އަދިވެސް ދުނިޔޭގެ އެކިހިސާބުތަކުގައި މޮޅެތި ބައިވަރު ޑޮކްޓަރުން އެބަތިބި.... އެމީހުން ނުގެނެވުނަސް އެމީހުންގެ މަޝްވަރާ ލިބިދާނެއެއްނު..."

ޒިޔާދު ހަރުއަމުރުވެރި ގޮތެއްގައި ބުނެލިއެވެ. އަދި އަހުތަރާއި ރަހުމާއަށް ބަލައިލިއެވެ. ކޮންމެވެސް ކަމެއް ހަނދާންކޮށްދޭ ކަހަަލަ ގޮތަކަށެވެ.

"ބައްޕަމެން އަންނާނަން ޑޮކްޓަރުންނާ ބައްދަލުވެލާފަ... އިރާދަކުރެއްވީތީ މިހާރު އެސްޕީއޯޓޫ އެކަކުން ނަމަވެސް މައްޗަށް އެބަޖެހޭތާ.... ވެންޓިލޭޝަނަށް ލާން ޖެހުނަސް އެކަންވެސް ކުރަން ބައްޕަމެން ހަމަ ތައްޔާރު...."

އަހުތަރު ނުކުމުގެން ދިއުމުގެ ކުރިން ޝައުފާގެ ބޮލުގައި ފިރުމާލިއެވެ. އަދި ރަހުމާވެސް ޝައުފާގެ ބޮލުގައި އަތްފިރުމިއެވެ.

އެމީހުން ނުކުމެގެން ދިއުމުން ލައްޕާލެވުނު ދޮރާ ދިމާއަށް ބަލަން އިން ޝާމިނުގެ މޫނާ ދިމާއަށް އަތް ގެންގޮސް، ކޯތާފަތުގައި އޭނާގެ ފިނިވެފައިވާ އިނގިލިތައް ޝައުފާ ޖައްސާލިއެވެ. އޭރު އިރުކޮޅެއް ކުރިން ޝާމިންގެ ލޮލުން އޮހޮރުނު ކަރުނައިން ތެމި ހިކިފައިވާ ކޯތާފަތުގައި ހުރި ކަރުނައިގެ ހިކިކަން ޝައުފާއަށް އިހުސާސްކުރެވުނެވެ.

"އޭހް ފިރިމީހާ.... ނުރޮއްޗޭ..."

ޝާމިން ޝައުފާއަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަވުމާއެކު އޭނާގެ ލޮލުން ޝައުފާގެ ކަޅިރަވައިން ދެއްކި އެތައް ބައިވަރު ވާހަކަތަކަަކަށް ޖަވާބުދާރީ ވިކަހަލައެވެ.

ހިތާއިހިތުގެ ގުޅުމަށް ލޮލުން ވައުދުވުމުގައި ސިކުންތުކޮޅެއް ހޭދަވިއެވެ. އެއާއެކު އަނެއްކާވެސް ހިތްވަރުގެ ތަށި ފުރިގެން ބަންޑުންވެގަތެވެ. ދާދި ދެންމެއަކާ ޖެހެންދެން ނުހަނު ހިތްވަރުގަދަ ޝާމިންގެ ހިތްވަރާއި ބާރާއި އާރު ނިކަމެތިވެ ވަރުދެރަވެ ބަލިކަށިވެއްޖެއެވެ. އޭނާގެ އުނގުގައި މިއޮތީ އޭނާގެ މުޅި ހަޔާތެވެ.

ދެދުނިޔޭގައިވެސް އޭނާ އިތުރު އެހެން އަންހެނަކަށް ދުވަހަކުވެސް ބޭނުން ނުވާފަދަ ފުރިހަމަ ނުހަނު ލޮބުވެތި އޭނާގެ ލޯބިވެރިޔާއެވެ. މިއީ އޭނާގެ މުޅި ދުނިޔެއެވެ. މިދުނިޔެއާ ނުލައި އޭނާގެ އޮންނާނީ ކޮން ހަޔާތެއް ހެއްޔެވެ. އޭނާގެ ދިރިއުޅުމުގައި ޝައުފާއަކީ ހަމައެކަނި އޭނާގެ އަނބިމީހާއެއް ނޫނެވެ.

އެކަމަކު މިއީ އޭނާގެ އެންމެ ގާތް އެންމެ އިތުބާރު ކުރެވޭ ރަހުމަތްތެރިޔާވެސްމެއެވެ. އޭނާގެ ދެދަރިންގެ މަންމައެވެ. ވީއިރު މިއަންހެން މީހާއާ ނުލައި އޭނާ ހަޔާތުގެ ދުވަސްތައް ވޭތުކުރާނީ ކޮންފަދައަކުން ކިހިނެއް ހެއްޔެވެ.

"ކުދިންނަށްޓަކައި ޝާމިން ހިތްވަރު ކުރަން ޖެހޭނެ.... މަންމައަށްޓަކައި.... މާމައަށްޓަކައި... ދައްތަމެނަށްޓަކައި... ކުރިންވެސް ބުނިން އެހެން މީހަކާ އިން...."

"ޝްޝްޝް..."

ޝާމިން އަވަސް އަވަހަށް ޝައުފާގެ އަނގަމަތީގައި އަތްއަޅައި އެވާހަކަ ހުއްޓުވައިފިއެވެ.

"ހަޝްޝް..."

އަނެއްކާވެސް އޭނާއަށް ބުނެވުނީ އެވަރަށެވެ. ދައްކަން ބޭނުން ހުރިހާ ވާހަކަތަކެއް ކަރުނައާއެކު ކަރުތެރޭގައި ތާށިވެފައިވާ ކަހަލައެވެ. ދުލުން އެއްވެސް ބަހެއް ބުނާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

"ވައުދުވޭ... ނުރޯނެކަމަށް ވައުދުވޭ... އަހަރެންގެ މަހާނައަށް ފަސްއަޅައި ކަށްފެން ޖަހާއިރު ހިނިތުންވެ ހުރެ ފަހުގެ ސަލާން ކުރަން ވައުދުވޭ..."

ޝައުފާގެ އަތްތިލައިގައި ބާރަށް ހިފަހައްޓާލެވުމާއެކު ޝާމިންގެ ހިތް އިރައިގެން ދިޔަކަހަލައެވެ. އެހިތުގައި ނާޅާ އެންމެ ވޭނެއްވެސް ނެތް ކަހަލައެވެ.

"އަހަރެމެންގެ ޖަންނަތާއި ފިރުދައުސަކީ ހަގީގީ ޖަންނަތުލްފިރުދައުސުގެ ދެކުދިންނަސް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވައުދުވޭ... މިސްކިތުގައި ދީނީ ގޮތުން މީހުން ހޭލުންތެރިކުރުވާ ފަދަ ތަކެތި ސައިންސާއި ޓެކްނޮލޮޖީ އަދި ގުރުއާނުގެ އަލީގައި އެބައިތައް ކުރިއަރައިގެންދާ ގޮތް މީހުންނަށް ކިޔަވައިދީ މީހުން ހޭލުންތެރި ކުރާނެކަމަށް ވައުދުވޭ... ތިއީ ފިސާރި ހުޅުވިފައިވާ ސިކުނޑިއެއްގެ ވެރިއެއް... އޭގެ ބޭނުން އެހެން މީހުންނަށްވެސް ހިފޭނެކަހަލަ ގޮތަކަށް ކަންތައް ކުރާތި...."

ޝައުފާގެ އަޑު ހުރީ ކުރެހިފައި ނަމަވެސް އޭނާ ހިތްވަރުކޮށްފައި ޝާމިނަށް ވަސިއްޔަތް ކުރަމުން ދިޔައެވެ..

"ކަމަނާއާ ނުލައި އަހަރެން ތިހުރިހާ ކަމެއް ކުރާނީ ކިހިނެއް....؟"

ޝާމިނަށް ޝައުފާގެ މޫނުގައި މޫނު ޖައްސާލެވުމާއެކު ބޭއިހުތިޔާރުގައި ރޮވިއްޖެއެވެ.

"ކަމަނާ..... އަހަރެން އުމުރުން ދުވަސްވެ މުސްކުޅި ވާނީ ކާކާއެކީ....؟ ކަމަނާ ނެތި މުސްކުޅިވާ ދުވަހު އަހަރެންގެ ކަންފަތްދޮށުގައި ތާކުންތާކު ނުޖެހޭ މޮޔަ ވާހަކަ ދައްކާނީ ކާކު....؟"

ޝާމިން އޭނާގެ އަނބިމީހާ، އިންތިހާއަށް އެމީހެއްދެކެ އޭނާ ލޯބިވާ ލޮބުވެތި އަނބިމީހާގެ މޫނަށް ބަލައިލިއެވެ. ފުންނޭވާއަކަށް ފަހު އަނެއްކާވެސް އޭނާގެ ދޫހަރަކާތްކޮށްލިއެވެ.

"ކަމަނާ ނެތިސް، އަހަރެން އުމުރުގެ ފަހު އަހަރުތަކުގައި ހަމަނުޖެހޭ ލޯބީގެ ވާހަކަ ކިޔައިދޭނީ ކާކުގެ ކަންފަތްދޮށުގައި...؟ ކާކުގެ އަތުގައި ހިފައިގެން އަހަރެން ހަވީރު ހިނގާލަން ދާނީ...؟ ރޭގަނޑު އަހަރެންގެ މޭގައި ބޯޖައްސާލައިގެން އޮވެ ނިދެމުންދާއިރު ކުސްޖަހާފަ 'ވަރަށް ލޯބިވޭ' ބުނާނީ ކާކު...؟"

ޝާމިންގެ ހިނދެއްހިނދަކަށް ކަރުނައިގެ ތެރެއަށް ހިނދެމުންދިޔަ ބަސްތައް އަޑު އަހަން އޮތްއިރު ޝައުފާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ކޮންމެވެސް ނޭނގޭ އުފާވެރިކަމެއްގެ ކުލަވަރެވެ. ހީވާގޮތުންނަމަ ޝާމިންގެ އެލޮބުވެތި ބަސްތައް އޭނާގެ ހިތާއި ނަފުސު އިންތިހާއަށް އުފާ ކުރީއެވެ.

"އަހަރެން މަނިކުފާނާ ވަކިވެގެން ދަނީއޭ ބުނީ ކާކު...؟ މަނިކުފާނުގެ ލޮލުން އަހަރެން ދުނިޔެ ދެކޭނަން... ބަލާނަން... މަނިކުފާނުގެ ކަންފަތުން އަހަރެން އަޑު އަހާނަން.... އެއީ ކީއްވެގެންކަން އެނގެއެއްނު... މަނިކުފާނުގެ މޭގައި އަހަރެންގެ ހިތް އޮންނާނެ.... އެހިތް ވިންދު ޖަހަނީ މަނިކުފާނުގެ ހިތުގެ ވިންދުތަކާއެކު.... އަޑު އަހާބަލަ.... އަހަރެމެންގެ ހިތުގެ ތެޅުން.... އަހަރެމެންގެ ހިތް ވިންދު ޖަހަނީ އެކީގަ... އެބައިވޭތަ....؟"

ޝައުފާ އެބުނި ޖުމްލަތައް އެއީ މީގެ ކުރިން ޝާމިން ބުނެފައިވާ ބަސްތަކެކެވެ. ތެދެކެވެ. އެދެމީހުންގެ ހިތުގެ ވިންދު އެއިވެނީ އެއް އަޑެއްގެ ގޮތުގައެވެ. ހީވާ ކަހަލައެވެ. އެއީ އެކަކުގެ މޭގެ ތެރޭގައި އެކުއެކީގައި ވިންދު ޖަހާ ދެހިތެކެވެ.

"އަދިވެސް ޒިމޫ ނާދޭތަ...؟ މިހާރުދެން އަހަރެން ވަރުބަލި ވެއްޖެ..."

ޝައުފާ މަޑުމަޑުން ބުނެލިއެވެ.

"އަހަރެން މަނިކުފާނުގެ މޭގައި ލައްކޮށްލަދީފާނަންތަ... ދެން.... ފެންފޮދެއް ދީފާނަންތަ..... ވަރަށް ބޮޑަށް ކަރުހިއްކަނީ.....؟"

"ހަޝް....ބުނާކަށް ޖެހޭ ވާހަކައެއް ނޫންތީ..."

ޝާމިން އަވަސްއަވަހަށް ޝައުފާގެ ދެކޮޑުގައި ހިފައި ތެދުކޮށް ގާތަށް ގެނެސް މޭގައި ޝައުފާގެ ހަށިގަނޑު ލައްކޮށްލިއެވެ. އަދި ފެންތަށި ނެގުމަށްޓަކައި ޖެހިގެން ހުރި މޭޒާ ދިމާއަށް އަތްދިއްކޮށްލިއެވެ.

"ޝާމިން...."

ދޮރު ހުޅުވާލާފައި ވަން ޒިމްނާގެ އަޑު އާދަޔާހިލާފަށް ހޮސްޕިޓަލެއް ތެރޭ، މިފަދަ ހިމޭން ވަގުތެއްގައި، އިވުނީ ބާރަށެވެ.

"އަދިކިރިޔާ ތިއާދެވުނީ.... ޝައު ޒިމޫގެ ވާހަކަ ދައްކާތާ ކޮންއިރެއް.... މިހާރުދެން ފެންފޮދެއް ދޭށޭ ކިޔާވަރަށް ކަރުހިކެންދެން ޒިމޫގެ ވާހަކަ އެއަހަނީ..."

ޝާމިން ހިނިތުންވެލާފައި އަނެއްކާވެސް ފެންތަށި ނެގުމަށް ފަރިވެލިއެވެ.

"އަން... މިފެންފުޅިން ފެންތަށްޓެއް އަޅާދޭނަން... މަޑުކުރޭ...."

މޭޒުމަތީގައި ހުރި ފެންތަށި ނެގުނަ ނުދިނުމަށްޓަކައި ޒިމްނާ އަވަހަށް ކުރިއަށް ޖެހި އަތުގައި އޮތް ދަބަހުން ތަށްޓަކާއި ފެންފުޅިއެއް ނަގައި އެތަށްޓަށް ފެން އަޅަން ފެށިއެވެ.

"ޝާއު... ދޫންޏާ..."

ޝާމިން އަތަށް ފެންތަށި ދިއްކޮށްލަމުން ޒިމްނާ އެތަނުގައި ހުރި ގޮނޑީގަ އިށީނެވެ. ޒިމްނާގެ އަޑަށް ވަރުދެރަވެފައިވާ އެސްފިޔަތައް ތަޅުވާލަމުން ޝައުފާ ބަލައިލިއެވެ.

ރަހުމަތްތެރިޔާގެ ކުލަމަރުވަމުންދާ ދެލޮލުގެ ކަޅި ފެނުމާއެކު ޒިމްނާއަށް ތެޅިގަނެވުނެވެ. އޭނާ މިގެނައި ހަބަރު ދޭނީ ކިހިނެއް ކޮން ދުލަކުން ކޮން ލަފުޒަކުންބާވައެވެ.

އޭނާއަކަށް މިމަންޒަރު ބަލާކަށް ކުޅަދާނައެއް ނޫނެވެ. އެއްފަހަރާ އޭނާގެ ލޯކުރިމަތިން އެތައް މަންޒަރުތަކެއްގެ ފޮޓޯތައް އޮޅެމުން ނިއުޅެމުން ގެއްލިގެން ދިޔައެވެ. އޭނާ ޝާއުފާ ދަންނަތާ އެތައް އަހަރެއްވެއްޖެއެވެ. އަދި މިވީ އަހަރުތަކުގެ ތެރޭގައި ފަހަރެއްގައިވެސް ޝައުފާގެ ދުލުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ދެރައެއް ދިނުމަށް ވާހަކައެއް ދެއްކި އަޑު އޭނާ އަހާފައެއް ނުވެއެވެ. އަދި ހަމައެހެންމެ ދުވަހަކުވެސް އޭނާ ޝައުފާގެ ފަރާތުން މީހަކަށް އަނިޔާވެރި ބަހެއް ބުނިއަޑުވެސް އަހާފަނެތެވެ. ވީއިރު މިކުށެއް ނެތް އަނެކުންގެ ދިރިއުޅުންތަކަށް އެއްވެސް ފަރުވާލެއް އަމުދުން ނުބަހައްޓާ އާދައިގެ ސާދާ އަންހެންމީހާއަށް މިވަރުގެ އަނިޔާއެއް ދިނުމަށް އެމީހަކު ވިސްނީ ކީއްވެބާވައެވެ. އެމީހަކަށް ޝާމިން އެހާވަރަށް މުހިންމުވުމުން އެވާހަކަ ޝާމިން ގާތު ބުނަން ބޭނުން ނުވީމަ ޝައުފާގެ ކުރިމައްޗަށް ނައީ ކީއްވެގެން ހެއްޔެވެ. އެންމެ ކުޑަމިނުން މިހެން ވެދާނެއޭ މިހެން ވާން ބޭނުން ނޫންނަމަ އަމިއްލައަށް ދުރަށް ދިއުމަށް އިންޒާރެއް ދިންނަމަވެސް ޝައުފާއަށް މިހާލު ޖެހޭކަށް ނުޖެހުނީސްކަންނޭނގެއެވެ. ނޫނީ ޝާމިން ގާތުގައި ޝައުފާގެ ފުރާނަ ބޭނުމިއްޔާ އޭނާގެ ފަރާތަށް އެނބުރެން ދައުވަތުދިންނަމަ ފަހަރެއްގައި ޝާމިން ޝައުފާއަށްޓަކައި އެގުރުބާންވީސްކަން ނޭނގެއެވެ.

އެކަމަކު އަނިޔާވެރިޔާ މިއިން އެއްވެސް ކަމަކަށް ވިސްނާނުލައި ޝައުފާގެ ފުރާނައާ ކުޅެން ނިންމީއެވެ. އެމީހާއަށް ޝާމިން މުހިންމުވާ ވަރަށް ލޯބިވިނަމަ ޝާމިނަށް ހިތްދަތިކަމާއި ހިތާމަ ދޭކަށް ބޭނުމެއް ނުވީސްތާއެވެ. މާތްކަލާކޯއެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ!

ޒިމްނާއަށް ލެނގިލެވުނީ ފާރުގައެވެ. އޭނާގެ ގައިން ވަރުދޫވަނީ ކަހަލައެވެ. ކުރިއަށް ޖެހި ޝައުފާގެ އަތުގައި ހިފާލަން އޭނާ ބޭނުމެވެ. މާފަށް އެދެން ބޭނުމެވެ. މިއެކުވެރިޔާގެ އެއްވެސް ބޭނުމެއް ނުހިފުނޭ ބުނަން ބޭނުމެވެ. ކޮންމެވެސް ހިސާބަކުން ކޮންމެވެސް ދާއިރާއަކުން އޭނާ ޝައުފާއާ މެދު ފަރުވާކުޑަ ކުރެވުނުކަމުގެ ކުށް އިހުސާސްކުރެވެނީއެވެ. އެއްވެސް ފިކުރެއް ނެތި އަމިއްލަ ހަޔާތުގެ ކުޑަކުޑަ ދުނިޔެއެއް ބިނާކޮށްގެން އަމިއްލަ ދުނިޔެއެއްގައި އުޅެމުންދިޔަ މިއަންހެންމީހާއަށް ހެދުނު ގޯހަކީ ކުށަކީ ކޮބައިބާވައެވެ. މިވަގުތު މަރާ ދިމާއަށް އޭނާ އެގެންދާ ގޮތް ނޭނގޭ ބައްޔަކީ ކޮންކުށެއްގެ ސަޒާހެއްޔެވެ. ޝައުފާގެ ކުށަކީ ޝާމިން ހެއްޔެވެ. ޝާމިނާ ގުޅުން ބަދަހިކޮށް ދިރިއުޅުމެއް ފެށުން ހެއްޔެވެ. ޝާމިނަށް ދަރިން ވިހެއުން ހެއްޔެވެ. ނިހާޔަތަށް ޝާމިންދެކެ ލޯބިވުންހެއްޔެވެ.

"އޭހ... ޒިމޫ... ކީއްވެ ދުރުގަ ތިހިރީ.... މަދެކެ ރުޅިންތަ...!؟"

ޒިމްނާއަށް ރޮއިގަންނާކަށްވެސް ނޭނގުނެވެ. ހިތަށް ކުރި އަސަރުން މުޅި މީހާ ރޫރޫ އަޅައިގެންދިޔައެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކަލާކޯއެވެ. ޝައުފާގެ އަޑުގައި އެއްވެސް ދިރުމެއް ނެތެވެ. އެހެން މިންވަރު ނުކުރައްވާށިއެވެ. މާތްކަލާކޯއެވެ. އެވޭނުން ޝައުފާ ސަލާމަތްކޮށްދެއްވަވާށެވެ! ޔާރައްބިކަލާކޯއެވެ. އެގޮތަށް އޭނާގެ ނޭވާ ހުސްވިޔަނުދެއްވާށެވެ! ޒިމްނާގެ ހިތުގެ ދުލުން އެތައް ދުއާއެއް ކުރެވެމުންދިޔައެވެ. މެދުކެނޑުމެއް ނެތި ކުރެވެމުންދާ ދުއާތަކެކެވެ.

"އޭހް.. ޒިމޫ... އާދެބަލަ... މިކޮޅަށް އާދެބަލަ... ތިހިރީ ކޮންފާޑަކަށްތަ...؟ މިތަނަށް ވަނީމަ ކިހިނެއް އެންމެނަށްތިވަނީ...!؟"

ޝާމިންގެ އަތުން އަތް ދޫކޮށް ޝައުފާ ޒިމްނާއަށް އަތްދިއްކޮށްލިއެވެ.

"ޝާމިން... ޒިމޫ ގާތު ބުނެބަލަ... އަންނާށޭ... ޅިޔަންކޮއްކޮ ބުނަންދެން ފޫކަހާފަ ތޯއްޗެ....."

ޝާމިނަކަށް ޒިމްނާއަށް ގޮވަން ދޫހަރަކާތް ކުރިނަމަވެސް އަޑު ބޭރެއް ނުވިއެވެ. ހީވާގޮތުން އޭނާގެ އަޑު އަރުގެތޭގައި ތާށިވީއެވެ. ހިތަށާއި ސިކުނޑިއަށް ކުރަމުންދާ ފުންއަސަރުން އަރުތެރެ ބެދި އަޑުނެރޭނެ ހިތްވަރެއް އަޑުފޮށީގަވެސް ނެތީއެވެ.

"....ޝަ... ޝާއު..."

ޒިމްނާ ކުރިއަށް ޖެހި ޝައުފާގެ ދިއްކުރެވިފައިވާ އަތްތިލައިގައި ހިފާލިއެވެ. އެވަގުތު ޝައުފާގެ ހިކިފައިވާ ތުންފަތްމަތީ ހިނިތުންވުމެއް ކުޅެލިއެވެ. އެހެނަސް ވަރުދެރަވެގެން ގޮސް ޝައުފާއަށް މިހާރުދެން ވާހަކަދެއްކުން އެހާ ފަސޭހައެއް ނޫނެވެ.

"އެއްވެސް ވާހައެއް ދައްކާނެ ކަމެއް ނެތް... އަރާމުކޮށް މަޑުމަޑުން އޮވެލާ... ހަމަޖެހިގެން...."

ކިތަންމެ ވިސްނައިގެން އަކުރުތަކަކުން ގުޅުވައިގެން ބުންޏަސް ވަކި މޮޅު އިތުރު ވާހަކައެއް ނުބުނެވޭނެތާއެވެ. ކިޔޭނީ ހަމަ އެކައްޗެއް ނޫންހެއްޔެވެ. ޒިމްނާ ހިތްވަރު ކުރީ މޫނުމަތިން ހިތާމައިގެ އަސަރެއް ފާޅުވިޔަނުދީ ލޮލުން ކަރުނައިގެ ތިއްކެއްވެސް ނިރާނުލައި ހިނިތުންވެ ހުރުމަށެވެ.

"ނުބުންޏަސް އިތުބާރު ކުރަމޭ.... އެނގޭ ހުރިހާ ކަމެއްވެސް ކުރާނެކަން...."

ޝައުފާ ބޭނުންވީ ޒިމްނާއަށް ވަރަށް ބައިވަރު ވާހަކަތައް ބުނެދޭށެވެ. ދަރިންނާއި ޝާމިނާ ހަވާލުވެދޭށޭ ބުނުމަށެވެ. ޝާމިނަށް އާ ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެދޭށެވެ. އޭނާއަށް ފަހު ގޭގައި ވީރާނާވެ ފަޅުވެފައި ޝާމިން އިންނުދޭށޭ ބުނުމަށެވެ. ނޯޔާއަށް ރަނގަޅު މަންމައެއް ހޯދައިދިނުމަށް ޒިޔާދަށް ހެޔޮލަފާ އަންހެނަކު ހޯދާދިނުމުގައި އެހީތެރިވެދީ ވީހާވެސް އަވަހަށް ޒިޔާދުގެ ކައިވެނިކުރުވުމަށް ބާރުއެޅުމަށެވެ. އަދިވެސް މިފަދަ ކިތަންމެ ވާހަކައެކެވެ. އެހެންނަމަވެސް މިއިން އެއްވެސް ވާހަކައެއް ދުލާ ހަމައަށް ނައެވެ. އެހެންނަމަވެސް އެސްފިޔަތައް ތަޅުވާލަމުން ޒިމްނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި އޭނާގެ ދެލޮލުގެ ތެރެއިން ޒިމްނާއަށް ދުލުން ނުބުނި އެތައް ވާހަކައެއް ފެނުނު ކަހަލައެވެ.

ޝައުފާއަށް އޮކްސިޖަން ދޫކޮށްފައި ހުރި ފެންއެއްޗަށް ބަލާލުމަށްފަހު ޒިމްނާގެ ކަޅި ހުއްޓުނީ މެޝިނާ ދިމާއަށެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެން ދިއުމާއެކު ޝައުފާގެ އަތުން އަތް ދޫކޮށްލެވުނެވެ. އަދި ހުއްޓުން އަރާފައި ފާޑަކަށް އިން ޝާމިންގެ ކޮނޑުގައި ހިފައި ތަޅުވައިގަނެވުނެވެ.

"މި... މި... އޮކްސިޖަން.... ތިރީސް.... އޮނަތިރީސް..." ޝާމިންގެ މޫނުގައި ހިފައި މެޝިނާ ދިމާއަށް އަނބުރާލާފައި ޒިމްނާ ބެދިފައިވާ އަޑުން ބުނެލީ ބިރުވެރި ރާގަކަށެވެ.

މެޝިން ފެނުމުން ޝާމިނަށް ތެޅިގަނެވުނެވެ. އެހެންނަމަވެސް އޭނާގެ މޭގައި ލައްކޮށްލެވިފައިވާ ޝައުފާގެ ހަށިގަނޑަށް ލޮޅުމެއް އަރާފާނެތީ މަޑުމަޑުން އިނީ ލިބުނު ސިހުމުގެ އަސަރެއް އެހަށިގަނޑަށް ނުކުރާނެހެން ގުޑިވެސްނުލައެވެ.

"މަ... މި... މީ... މަ ޑޮކްޓަރަށް... ނަރުހަކަށް އަންގަން މިދަނީ...."

ޒިމްނާ އެޅީ ދެތިންފިޔަވަޅެވެ. ޒިމްނާ ނުކުމެގެން ދިޔަ ދޮރާ ދިމާއަށް ދިރުމެއް ނެތް ލޮލަކުން ބަލަން އޮވެފައި ޝައުފާ ކަޅި އުފުލާލީ ޝާމިނާ ދިމާއަށެވެ.

"ކި... ކިހިނެއްވީ...؟ ކީއްވެ ކޮންތާކަށް ޒިމޫ އެދިޔައީ... ކޯޗެއް މެޝިނުން ފެނިގެން...؟"

ޝައުފާ އޭނާގެ ކަނދުރާ މެޝިނާ ދިމާއަށް އެނބުރޭތޯ މަސައްކަތް ކުރަމުން އަހާލިއެވެ. މިހެން ވެދާނެކަމަށް ނުހަނު ހުށިޔާރުވެ އިން ޝާމިން ޝައުފާގެ ކޯތާފަތުގައި އިނގިލިތަކުން މަޑުމަޑުން ފިރުމާލިއެވެ. އަދި ޝައުފާގެ ސަމާލުކަން މެޝިނާ ދިމާއަށް ނޭނބުރުމަށް މަސައްކަތްކުރިއެވެ.

"ކަނބުލޯ.... އެދިޔައީ ކަނބުލޮގެ އޮކްސިޖަން މައްޗަށް ޖެހި މެއިންޓެއިން ކުރާތީ ޑޮކަޓަރަށް އަންގާލަން....."

"ޝާމިން..." ޝައުފާ ހެވިލާފައި ގޮވާލިއެވެ. ވަރަށް މަދުން ނޫނީ ޝައުފާ އޭނާއަށް ނަމުން ނުގޮވާނެއެވެ. އެހެންކަމުން އަބަދުވެސް އެހެން ނަމުން ގޮވާލައިފިނަމަ އާދަޔާހިލާފަށް ލޯބި އޭނާއަށް އިހުސާސްކުރެވެއެވެ. އެހެންނޫނަސް ޝައުފާ އޭނާއަށް ނަމުން ގޮވާލާ އަޑު އިވިފައި ތިބި އެންމެންހެން ފާހަގަ ކުރާ ހާއްސަކަމެއް އެގޮވުމުގައި ވެއެވެ.

"ވަރަށް ލޯބިކޮށް ގޮވާލާނީ.... ޝާމިން...." ތެދެކެވެ. ޝާމިނަށް ޝައުފާ ގޮވާ ގޮތުގައި ވަރަށް ތަފާތު ގޮތެއް ހުރެއެވެ.

"މިޝައު ޝާމިނަށް ގޮވާނީ ވަރަށް އެހެންކަހަލަ ގޮތަކަށް.... ހީވާނީ ވަރަށް ބައިވަރު ސަޕްރައިޒް ޕްރެޒެންޓްތަކެއް އެއްފަހަރާ ދޭން އުޅޭހެން..."

ތެދެކެވެ. ޝާ ކިޔާފައި މިން ކިޔާއިރު ހަމަ ކުއްލިއަކަށް ވަރަށް މަހުރަޖުން އަރަބިރާގަކަށް ނޫނު ފާޅުވާގޮތަށް ގޮވާލާއިރު އަޑުއަހާ ކޮންމެ މީހަކަށްވެސް އެއުޅެނީ ވަރަށް އުފާވެރި އެހާމެ ލޮބުވެތި ކަމެއް ދިމާވެގެންކަމުގެ އިހުސާސްކުރެވޭނެއެވެ.

"ޝާމިންއަކަށް ދޮގުހަދާކަށްވެސް ނޭނގެއެއްނު... ދެން ކީއްކުރަން މާ ނޫން ވާން ތި ބޮޑުމީހެއްގެ ގޮތް ދައްކަނީ....!"

ޝައުފާ ހެވިލާފައި އޭނާގެ މޫނުގައި ފިރުމަމުން ދިޔަ ޝާމިންގެ އިނގިލިތަކުގައި ހިފެހެއްޓިއެވެ. އަދި އެއިނގިލިތަކުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލަމުން އެސްފިޔަތައް އުފުލާލާފައި ޝާމިނަށް ބަލައިލިއެވެ. ހަމަވެގެންދިޔަ ހަތަރުކަޅިއާއެކު ޝައުފާގެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަ ނިރާލުމުގެ ކުރިން ޝާމިންގެ ހިތްފުރިގެން ބަންޑުންވެގަތެވެ. ގިސްލަން ބޭނުން ނުވުމާއެކުވެސް ގިސްލެވިއްޖެއެވެ. އިހުތިޔާރަކާ ނުލައި ޝައުފާގެ މޭގައި އޮޅުލައިގަނެވިއްޖެއެވެ. މިވަގުތު ބަލިމީހަކީ ޝައުފާއެއް ނޫން ކަހަލައެވެ. ބަލިވެ އެނދުމަތިކުރެވި ތަންމަތި އަރާފައި އޮތީ ޝައުފާ ނޫން ކަހަލައެވެ. އެކަމަކު ބަލިއެނދުގައި ހަޔާތުގެ އެންމެ ފަހު މިނެޓުތައް ގުނަމުން އެދަނީ ޝާމިން ކަހަލައެވެ.

"އޭ... ޝާމިން... ބަލަ... ބަލާބަލަ.... ހަޝްޝްޝް...."

ޝާމިންގެ ބޮލުގައި މޫނު ޖައްސާލަމުން ޝައުފާ ވަރުދެރަ އަޑަކުން ގޮވާލިއެވެ.

"މިހާރުދެން ތިހެން ނުހަދާ.... ޝާމިނެއް ނުރޯނެއެއްނު... ޝާމިން ރުއީމަ ޝައުފާއަށް ވާނީ ކިހިނެއް....؟ ބަލާބަލަ... މިވަގުތުކޮޅު... އަހަރެމެން ވަކިވާންޖެހުނު ވަގުތުކޮޅު.... މިހިނދުކޮޅު.... އަހަރެމެންގެ ފުރާނަ އެކުގައި ވުމަށް ހަށިގަނޑުން ވަކިވާން ޖެހޭނެ.... އެގޮތް ގަބޫލުކޮށްބަލަ.... މިހަށިގަނޑު ވަރަށް ބަލިކަށިވެއްޖެއެއްނު.... ޝައުގެ ފުރާނަ މިހަށިގަނޑު ދޫކޮށް ޝާމިން ގާތަށް އެއަންނަނީ... އެހެން ހިތަށް އަރުވަބަލަ.... ޝާމިންގެ ލޮލުން ޝައު ދުނިޔެ ބަލާނެ.... ޝާމިންގެ މޭގައި ޝައުގެ ހިތް ވިންދު ޖަހާނެ... ޝާމިންގެ ރޫހުގައި ޝައު ދިރިހުންނާނެ.... އެއަށްވުރެ ވަކިން ބޮޑު އުފަލެއް ލިބޭނީ ކާކަށް.... ބަލާބަލަ.... މިއީ ވަގުތީ ތަނެއް.... ދުނިޔެއަކު އަބަދަކު ނޫޅެވޭނެ..... ދާއިމީ މަންޒިލަށް ދާން ދަތުރު ހަދަން އަންނަ ތަނެކޭ މިއީ.... ވީއިރު ފުރާގަޑި ޖެހުމުން އެކަމާ ކަންބޮޑުވެ ޝަކުވާ ކުރުމަކީ ކިހާ މޮޔަކަމެއް...."

ޝައުފާ ވާހަކަ ދެއްކިއެވެ. އެކަމަކު ވަރަށް މަޑުމަޑުން އެހާމެ އުނދަގުލުންނެވެ. ބައެއް އަކުރުތައް ކިޔުމުގައި އަކުރަށް ބާރުލާން ޖެހެއެވެ.

އާއެކެވެ. އޭނާގެ ނޭވާ އުފުރެނީއެވެ. ހިތުގެ ތެޅުން ހިމޭންވެ ހަމަޖެހެނީއެވެ. ކޮންމެވެސް ނޭނގޭ އަލިކަމެއްގެ އިހުސާސް އޭނާއަށް ކުރެވެނީއެވެ. ކޮންމެވެސް މީރުވަހެއް އޭނާގެ ބަލިވެވަރުދެރަވެފައިވާ ނޭވާ ތާޒާކޮށްދެނީއެވެ. މިތަނުގައި ބަލާމީހަކަށް އޭނާ ހާސްވާހެން އެހީވަނީ ކީއްވެހެއްޔެވެ. އޭނާގެ ހިތަށް ތަސައްލީއެއް އެބަލިބެއެވެ. ޝާމިނާ ވަކިވާން ޖެހުމުން އޭނާގެ ރޫހު މިހާވަރަށް ތެޅޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާގެ ރޫހު ބުނާ ކަހަލައެވެ.

"އޭހ އަހަރެންގެ ހަލާލު ފިރިމީހާއެވެ. އަހަރެން ދާން ޖެހިއްޖެއެވެ. ދުނިޔެމަތީގައި އަހަންނަށް ކަލޭ ދެއްވި ގޮތަށް ސުވަރުގޭގައިވެސް އެހެން މީހަކަށް ކަލޭ ނުދެއްވައި އަހަންނަށް ދެއްވާށިއެވެ. އަހަރެން ކަލެއަށް އިންތިޒާރުކުރުމުގައި އެތާނގައި އަހަރެން އިންނަން ޖެހޭ ތަނުގައި އިންނާނަމެވެ. ކަލޭ ކަހަލަ ތޯހިރު ހުލްގުހެޔޮ އީމާންތެރިއަކަށް ބަލަބަލާ ފާރައަށް ބައިވަރު ރީތި ހޫރުން އެތާނގަ ތިބޭނެއެވެ. އެކަމަކު އަހަރެން ކަލޭ އަހަރެންގެ އުނގަށް ލައިދެއްވުން އެދި އަހަރެންގެ ވެރިރަސްކަލާނގެއަށް ދުއާ ދަންނަވާ އާދޭސްދަންނަވާނަމެވެ. ކަލޭތީ އަހަރެންގެ ދެދުނިޔޭގެވެސް ހަމައެކަނި އަހަރެންގެ ފިރިމީހާއެވެ."

ޝާމިން ހިތްވަރުކޮށްލާފައި ބޯއުފުލާލިއެވެ. އަދި ޝައުފާގެ ސަރުސޫނުމަކުލުގެ ރީދޫކުލައަށް ފޫޑިދޮންކުލައަކަށް ބަދަލުވަމުންދިޔަ ޝައުފާގެ މޫނަށް ބަލައިލިއެވެ. ތިރީ ތުންފަތުގައި ދަތް އަޅާލުމާއެކު ހިންދިރުވާލަމުން ޝާމިން ޝައުފާގެ ނިއްކުރީގައިި ބޮސްދިނެވެ. އަދި ލޮލުގައި، ކޯތާފަތުގައި، ތުންފަތުގައި މުޅި މޫނުގައި، ކުޑަކުއްޖަކު އޭނާގެ މަންމަގެ މޫނުގައި ލޯބިކުރާ ފަދައިން ޝައުފާގެ މޫނުގައި ލޯބިކުރުމުގައި މޮޔައެއްހެން އޭނާ ތެޅެމުންދިޔައެވެ.

"މީހުން ބުނޭ އީމާންތެރިކަމުގައި ނިމިދިޔައީމަ، ﷲއަށްޓަކައި ގުޅި ވަކިވެއްޖެ ދެމީހަކު އެކުއެކީގައި ލައްވާނެއެވެ. މަހުޝަރު ކުރެވޭނީ ލޯބިވާމީހުންނާއެކީގައެވެ. ﷲ އާއި އެކަލާނގެ ރަސޫލާ ނުނީ އެހެން ފަރާތަކަށް ހިތުގެ އަޑިން އެދި ލޯބިވާނަމަ އެއީ ކަމަނާ... އެހެން މީހަކަށް މިހާވަރަކަށް ނޭނދެން.... ގިނަގިނައިން އިރުއިރުކޮޅާ ލޯބިވެއޭ އައިލަވް ޔޫ އޭ ނުބުނީ އެބަސް މާނަކުރާތީ.... އެކަމަކު މިހާރުދެން މިބުނަނީ... އަހަރެން ޝައުދެކެ ވަރަށް ވަރަށް ލޯބިވޭ... ކަމަނާއާ ކިތަންމެ ވަކިން ދުރުގައި އުޅެން ޖެހުނަސް ފަރަގެއް ނުވާވަރަށް ބޮޑަށް ލޯބިވަން... އެހާވަރަށް އެކުގައި ދުވަހަކު ނެތަސް މިވީ ދުވަސްތަކުގައި ކަމަނާ އަހަންނަށް ދީފައިވާ ލޯތްބާއި ކުލުނު އުމުރުގެ ބާކި އޮތްތަނުގައި އެކަނި އުޅުމަށް ފުދޭ ފުދިފައި އިތުުރުވެސްވޭ..... އަހަރެން...."

އަނެއްކާވެސް ޝާމިންގެ އަޑު ކުރެހެމުން ގޮސް ބެދިއްޖެއެވެ. އެކަމަކު މިފަހަރު ޝައުފާ އޭނާގެ ތުރުތުރު އަޅާ ތުންފަތް ޝާމިންގެ ލޮލުގައި ޖައްސާލިއެވެ. އަދި ޝާމިންގެ މޫނުގައި މޫނު ޖައްސާލިއެވެ. ޝައުފާގެ މިލޯބިލޯބި އަދާއިން އަނެއްކާވެސް ޝާމިނަށް ކުޑަހިތްވަރެއް ލިބުނު ކަހަލައެވެ. އޭނާ ބޭނުންވާ އެންމެ މުހިންމު ވާހަކަ ބުނަން ދުލަށާއި އަޑަށް ވަރުގެނެވުނެވެ.

"އަހަރެން ކަމަނާއާ ބައްދަލުވާނެ ދުވަހަކަށް އިންތިޒާރު ކުރުމުގައި، ހެއްދެވި ފަރާތަށް ކަމަނާއާއެކުގައި ލެހެއްޓެވުމަށް އެދި ދުއާ ކުރުމުގައި މުޅި އުމުރު ހޭދަ ކުރާނީ މިސްކިތުގައި.... ހަމަގައިމުވެސް އަހަރެމެންގެ ވެރިރަސްކަލާނގެ އެއްވެސް އަޅަކު އަތް އުފުލައި އެކަލާނގެ ހަޒުރަތުގައި ކަމަކަށް އެދެފިނަމަ، ހުސްއަތާ އެމީހަކު ދާކަށް ނުޖެހޭނެ. ލަހުންވިޔަސް އެކަލާނގެ އަޅުން ކުރާ ދުއާ އިޖާބަކުރައްވާނެ... އިންޝާﷲ.... ކަމަނާއަށްފަހު އަހަރެންގެ ހަޔާތުގައި އަހަރެމެންގެ ދެކުދިންނާއި ކަމަނާގެ ހަނދާންތައް ނޫން އެހެން އެއްޗަކަށް ނުވަތަ މީހަކަށްވިޔަސް ދޭނެ ވަގުތެއް ނޯންނާނެ.... ހުސްވަގުތެއް ނޯންނާނެ..."

ޝާމިންގެ އަޑުގައި އިންތިހާއަށް ވޭނާއި ރިހުން ހުއްޓެވެ. ހަގީގަތުގައި މިފަދަ ހިނދުކޮޅެއް އިހުސާސްކުރުމަކީ އެފަދަ ކަމަކާ ކުރިމަތި ނުލާ މީހަކަށް ފަަސޭހަ ކަމެއް ނޫނެވެ. ހިތަށް ކުރާނެ އަސަރާއި ސިކުނޑިއަށް ކުރާނެ ބާރެއް ނޭނގޭނެއެވެ. ވަކިވެގެން އެދަނީ އިންތިހާއަށް ލޯބިވާ އަނބިމީހާއެވެ. އެނބުރި މިދުނިޔެމަތިން ދެނެއް ބައްދަލުވުމެއް ފެނިލުމެއްވެސް އަޑެއްވެސް އިވުމެއްހާވަރުވެސް ނެތް ގޮތެއްގައެވެ. އެފަދަ ކަމެއް ހިތަށް ސިފަކުރެވޭހެއްޔެވެ. ވާނެ ގޮތް ފަހުމުވޭބާވައެވެ. ނުވާނެއެވެ. ވޭނެވެ. ހިތާމައެވެ. ނިހާއީ ހިތްދަތިކަމެވެ.

"ކަމަނާ.... ކަމަނާދެކެ ވަރަށް ލޯބިވާ ފިރިމީހާއޭ މިއީ.... ކަމަނާ ވަކިވެގެން ތިދަނީ މިފިރިމީހާއާ ކޮންފަދަ ޒިންމާއެއް ހަވާލުކޮށްފަ... ކަމަނާ މިފިރިމީހާއަށް ބާރަށް ރޯލާނެ ހުއްދައެއް ދީބަލަ.... ކަމަނާ ނެތުމަށްފަހު އެކަނި އިނދެގެން ހަމަ އެންމެ ފަހަރަކު ބާރަށް ކަމަނާއަށް ގޮވާލާފަ ރޯލާނެ ނަސީބުދީފާނަންތަ.... އޭގެ ފަހުން އެއަށްފަހު ކަމަނާގެ ހަނދާނުގައި ދުވަހަކުވެސް ނުރޯނަން... ލޮލުން އަންނަ ކަރުނައެއް ނުހިފެހެއްޓޭނެ... އެކަމަކު ގިސްލާފައި އަޑުނަގާ ނުރޯނެކަމަށް ވައުދުވަން...."

ޝައުފާގެ ތުންފަތްމަތީގައި އާދަޔާ ހިލާފު ނަލަނަލަ ހިނިތުންވުމެއް ކުޅެލައިފިއެވެ. ހީވާގޮތުން ޝާމިން އެދެއްކި ވާހަކައިން ޝައުފާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނީއެވެ. ޝައުފާ ބޯހަލުވާލިއެވެ. އާނއެކޭ ބުނެލި ކަހަލަ ގޮތަކަށް އެސްފިޔަތައް ތަޅުވާލިއެވެ. އަދިދެން ވަރަށް މަޑުމަޑު ލުއި ހިނިތުންވެލުމަކާއެކު ޝާމިންގެ އަތްތިލަގެނެސް ތުންފަތުގައި ޖައްސާލިއެވެ. އެއާއެކު ތުރުތުރު އަޅަމުންދިޔަ ޝައުފާގެ ފިނިދެތުންފަތް ތެޅިލައިފިއެވެ. ވަރަށް މަޑުމަޑުން ވައިއަޑުން ޝައުފާ ކޮންމެވެސް ދެތިން ލަފުޒެއް ކިޔައިިފިއެވެ..... އަދިދެން....

***********ނުނިމޭ***********