ފުރާނައަށް ނުރައްކާވާ ފަދަ އެމަޖެންސީ ހާލަތެއްގައި މެނުވީ ނިވާކަން ކުޑަ ހެދުން ލައިގެން ހިދުމަތް ހޯދަންދާ މީހުންނަށް އއ. އުކުޅަހު ހެލްތު ސެންޓަރުން ފަރުވާ ނުދޭން އެ ސެންޓަރުން ނިންމައިފިއެވެ.

އުކުޅަހު ސިއްހީ މަރުކަޒުން މިދިޔަ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މަރުކަޒަށް އެކިއެކި ހިދުމަތްތައް ހޯދަންދާ ފަތުރުވެރިން ވަރަށް ނިވާކަން ކުޑަ ހެދުން އަޅައިގެން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެކަމަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ހެދުން އެޅުމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިންގަނޑާވެސް ހިލާފު ކަމެއް ކަމަށް ބުންޏެވެ.

އެހެންކަމުން އެ މަރުކަޒުން ދެން ހިދުމަތް ދޭނީ ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ހެދުން އެޅުމުގެ މިންގަނޑާ އެއްގޮތަށް ހެދުން އަޅައިގެންދާ ފަރުތުވެރިންނަށް ކަމަށްވެސް ހެލްތު ސެންޓަރުން ބުންޏެވެ.

މިއީ ހަމައެކަނި ފަތުރުވެރިންނާ އަޅާ ފިޔަވަޅެއްތޯ "ވަން" އިން ސުވާލުކުރުމުން އެ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއީ ހިދުމަތް ހޯދަންދާ ދިވެހިންނަށްވެސް އަންގާފައިވާ އެންގުމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ފަތުރުވެރީންގެ ނަން ފާހަގަކޮށްފައި ވަނީ ނިވާކަން ކުޑަ ހެދުން އަޅައިގެން ފަރުވާ ހޯދަންދާ ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރުވުމުން ކަމަށްވެސް އޮފިޝަލު ވިދާޅުވިއެެވެ.

މަރުކަޒުން އިތުރަށް ބުނީ، އެތެރެ ފެންނަ އަދި މާކުރު ހެދުމުގައި ހިދުމަތް ހޯދަން ދާ މީހުން، ހެދުން ބަދަލުކޮށްގެން އަންނަން އެދޭނެ ކަމަށެވެ. އަދި އެމީހުންނަށް ހިދުމަތް ދޭނީ އެކަށީގެންވާ ހެދުމެއްގައި އެނބުރި އައުމުން ކަމަށްވެސް ބުންޏެވެ.

އުކުޅަހުގައި 30 އަށްވުރެ ގިނަ ގެސްޓުހައުސް ހުންނަ އިރު ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދުގައި އޮންނަ ގޮތުން ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން، ގެސްޓްހައުސްގެ އޮފީހާއި ރިސެޕްޝަން އޭރިއާ ފަދަ އާންމުކޮށް މުވައްޒަފުން އުޅޭ ހިސާބަށް އަންނަ އިރު، އަދި ރަށުތެރެއަށް ނުކުމެ އުޅޭ އިރު، ހެދުން އަޅަން ވާނީ ވަކި މިންގަނޑުތަކަކަށެވެ.

އެގޮތުން ފިރިހެނަކު ނަމަ އެންމެ ކުޑަމިނުން ޓީޝާޓާއި ސޯޓު ލައިގެން ހުރުމާއި އަންހެނުން، އެންމެ ކުޑަމިނުން ޓީޝާޓާއި ބްލައުޒް ނުވަތަ ގަމީހާއި ސްކާޓް، ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯޓުލުން ހިމެނެއެވެ. އޭގެ އިތުރުން އަންހެނުން، ގައި ފެންނަ ވަރުގެ ތުނި ހެދުން ނުވަތަ މޭމަތީގައި އައްސާފައި ހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުން ކަމަކަށް ނުބެލެވޭނެ ކަމަށްވެސް ގަވާއިދުގައި އޮވެއެވެ.