ބައިނަލްއަގުވާމީ ފެންވަރެއްގައި އަންހެނުންގެ ދުވަސް ފާހަގަކުރެވޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މުޖުތަމައުގައި އަންހެނުންގެ ދައުރުގެ އަގުވަޒަންކުރުމާއި، އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ސަމާލުކަމަށް ގެނެސް، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމާއި، މިންތީގެ ހަމަހަމަ ކަމަށް ބާރު އެޅުން ހިމެނެ އެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، މިންތީގެ ހަމަހަމަކަމާ ގުޅޭ މައްސަލަތަކާއި ފަރަގުތައް ނައްތައިލެވޭނީ، އެ ކަމުގައި ދެ ޖިންސުގެ ބައިވެރިވުން އޭގެ އެންމެ ފުރިހަމައަށް ލިބިގެންކަމެވެ. ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކުގެ ވާހަކައަކީ އިއްޔެއަކު މިއަދަކު ދެކެވެން ފެށި ވާހަކައެއް ނޫނެވެ.

އަންހެނުންގެ ދުވަހު އެކަނި ދިއްކޮށްލާ މާބޮނޑިއަކުން ނުވަތަ ޗޮކުލެޓަކުން ނުވަތަ ކޭކަކުން ހަގީގަތުގައި އަންހެނުންގެ އަގު ވަޒަނެއް ނުކުރެވޭނެ އެވެ. ވަޒީފާ އަދާކުރާ އަންހެނުންނާއި އޮފީސް މޭޒުދޮށުގައި ނުވަތަ ކައުންޓަރެއްގެ ކައިރީގައި ވަޒީފާ އަދާކުރުމަށް އަންހެނަކު ނެތަސް ގޭގައި ހުރެގެން އޭނާ އަދާކުރަނީ އެހާމެ ޒިންމާދާރު ބޮޑު ބުރަ މަސައްކަތެކެވެ. މިހުރިހާ މަސައްކަތަކީވެސް އަގު ނުކުރެވޭނެ މަސައްކަތްތަކެވެ. ކޮންމެ ދުވަހަކު ގުނި ކަމުގައިވިޔަސް އަދަދު ނުކުރެވޭނެ މަސައްކަތްތަކެވެ.

"ހަގީގަތުގައި ބުނާނަމަ ކޮންމެ ކޮންމެ ވަޒީފާއެއް އަދާކުރުމަށް އަންހެނުން އެބަ ޖެހިލުންވޭ. ވަޒީފާގައި އުޅުނު ނަމަވެސް ލިބޭ ކޯސްތަކާއި ސްކޮލާޝިޕްތަކަށް ދާ އަންހެނުން ވަރަށް މަދު. ޖެހިލުންވޭ. ވިސްނަން އެބަޖެހޭ ފިރިމީހާއަށް ކައްކާފަ ކާންދެނީ ކާކުތޯ. ދަރިފުޅު ބަލާނީ ކާކުތޯ. އެންމެނަކީ ފެމިލީއާއެކު އުޅެވޭނެ ބައެއް ނޫން. އެހެންވީމަ ދާން ކިތަންމެ ބޭނުންވިޔަސް ނުދެވެނީ. ބޮޑަށް ގަބޫލު ކުރެވެނީ މީގެ އެންމެ މުހިންމު ވާނީ ފިރިމީހާ އާއި އާއިލާގެ ސަޕޯޓު ހަގީގަތުގަ. ފުރުސަތު އޮތަސް ކުރަން ހުންނަ ކަންކަން ގިނަވެ އެ ފުރުސަތުގެ ބޭނުމެއް ނުހިފޭ."

މިއީ އަންހެނުންގެ ދުވަހާއި ގުޅިގެން "ވަން"ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވި ވާހަކަ އެވެ.

މަރިޔަމް ވިދާޅުވި ފަދައިން މިއީ ހަމަ ހަގީގަތެވެ. ގިނަ ފަހަރު ވަނީވެސް އެހެންނެވެ. ދަރިން ބަލާނެ މީހަކު ނެތި، ފިރިމީހާ ބަލާނެ މީހަކު ނެތި އަންހެނުންނަށް އެ ލިބޭ ފުރުސަތުތައް ގެއްލެނީ އެވެ.

މަރިޔަމް ވިދާޅުވި ގޮތުގައި މީގެ ވިއްސަކަށް އަހަރު ކުރިން އަދި މިހާރުވެސް އަންހެން ކުއްޖަކު އެކަނި ރަށުން ބޭރަށް ފޮނުވަން މައިންބަފައިން ޖެހިލުންވެ އެވެ. މައިންބަފައިން ބިރު ގަންނަނީ އެވެ. އަންހެނަކަށްވީތީ މުޖުތަމައު ދެކޭ ގޮތް ތަފާތު ވެދާނެތީ އެވެ.

ހދ. ނޮޅިވަރަންފަރަށް އުފަން މަރިޔަމް ވިދާޅުވީ ސްކޫލް ދައުރު ނިންމާފައި އޭރުގެ އެންމެ ހަރުދަނާ ވަޒީފާ ކަމުގައި ބައެއް މީހުން ދެކޭ ޓީޗަރު ކަމުގެ ވަޒިފާއަށް ވަނީ އެވެ. (ފަހަރެއްގައިވެސް ޓީޗަރުންނަށް ބަދު ބަސް ބުނަނީކީއެއް ޏޫނެވެ.) ނޮޅިވަރަންފަރު ސްކޫލުގެ ވަގުތީ ޓީޗަރަކަށް ވަދެ އަހަރު ދުވަސް ވީއިރުވެސް ދާއިމީއެއް ނުވި އެވެ. ސެޓުފިކެޓެއް ނެތީމަ އެވެ. އެ ދާއިރާއިން އިތުރަށް ކިޔެވުމަށް އޭނާގެ މަންމަ ވަރަށް ބޮޑަށް ބާރު އެޅި އެވެ.

އެކަމަކު އިންވެސްޓިގޭޝަން ނުވަތަ ތަހުގީގީ ދާއިރާއަށް އޮތް ޝައުގެއްގެ ބޮޑު ކަމުން ސިފައިންނާއި ފުލުހުން ވަކި ދެ މުއައައްސަސާއަކަށް ހެދުމުން އޭރު އިއުލާންކުރި ފުލުހުންގެ ވަޒީފާއަށް ވަރަށް އުއްމީދާއެކު މަރިޔަމް ކުރިމަތިލި އެވެ.

"އޭރު ދެން ބަލާ ފިލްމުތަކުގެ ސަބަބުން ކަންނޭނގެ ތަހުގީގީ ދާއިރާއަށް ޝައުގުވެރިވީ. ދެން 2004 ވަނަ އަހަރު ފަހުކޮޅު ފުލުހަށް ވަންނަން ފުރުސަތު ލިބުނީ. ދެން ޓްރެއިނިން އަށް ދާން ޖެހުނީމަ ފޮނުވަން މަންމަ ޖެހިލުންވި. އެކަމަކު ބައްޕަ ވަރަށް ސަޕޯޓިވް. ފުލުހަށް ވަނުމާ ހަމަޔަށް ދުވަހަކުވެސް އެކަނި ރަށުން ބޭރަކަށް ނުދަން. ފުރަތަމަ ފަހަރަށް ރަށުން ބޭރަށް ދިޔައީވެސް ޓްރެއިނިން އަށް ދާންވެގެން. ދެން ބައްޕަ އަބަދުވެސް ބުނާނެ މަގޭ އަންހެން ދަރިއަކަށް ނުކުރެވޭނެ ކަމެއް ނޯންނާނެޔޭ. ދެން ބައްޕަ މަންމައާ ވާހަކަ ދައްކައިގެން ޓްރެއިނިން އަށް ދާން އޯކޭ ކުރީ." ފުލުހުންގެ ވަޒީފާއަށް ވަދެވުނު ގޮތް ހިއްސާ ކުރަމުން އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވި ގޮތުގައި އަންހެނަކަށް ވީތީ އޭނާއަށް ވެސް ގޮންޖެހުންތަކެއް ދިމާވި ކުރިމަތިވެއެވެ. އެހެން ނަމަވެސް އާއިލާގެ ސަޕޯޓު ލިބޭތީ ކަންކަން ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ދާއިރާގައި އޭނާ އަށް ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި އަދި އެ ދާއިރާއަކީ އަންހެނުންނަށްވެސް ގިނަ ފުރުސަތުތަކެއް ލިބޭ ދާއިރާއެއް ކަމަށް މަރިޔަމް ވިދާޅުވިއެވެ.

ފުލުހުންގެ ޓްރެއިނިން ނިންމާލުމަށްފަހު އެންމެ ފުރަތަމަ މަސައްކަތް ކުރީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގައި ކަމަށާއި އެއިރިވެސް އަންހެނުންގެ މައްސަލަތައް އިންތިހާއަށް ލިބެމުންދާކަން ފާހަގަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަންހެނުންނަށް އަނިޔާ ކުރުމާއި އެކި ކަހަލަ މައްސަލަތައް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ މައްސަލަތައް މަދުކޮށް ހައްލު ކުރެވޭނީ މުޅި މުޖުތަމައު މިފަދަ ކަންކަމާ ދުރުވެ އަންހެނުން ބާރުވެރި ކުރުވައިގެން ކަމަށެވެ.

ފުލުހުންގެ ވަޒީފާގައި އުޅެމުން އިތުރަށް ކިޔަވަން ބޭނުންވެ އަމިއްލައަށްވެސް ފުރުސަތުތައް ހޯއްދެވި ކަމަށާއި އެ ފުރުސަތުތަކުގައި ފުލުހުންގެ އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

"އަސްލު ބޭނުންވަނީ ކެރުން. ކެރުމޭ މި ބުނަނީ ގަބޫލު ކުރަންޖެހޭނެ ކަމެއް ކާމިޔާބު ވާނީ ވަރަށް ގިނަ ކަންކަން ސެކްރިފައިސް (ގުރުބާން) ކޮށްގެންކަން. އެހެންވީމަ އެކަންކަން ގުރުބާންކުރަން ކެރެންވާނެ. ކޮންމެ މީހަކީ އާއިލާގެ ސަޕޯޓު ލިބޭ މީހަކަށް ނުވި ނަމަވެސް އާއިލާއާ ދެކޮޅަށްވެސް ރަނގަޅު ކަމެއް ކުރަން ބޭނުން މީހަކު ހަމަ ކުރަންވީ. މިއީ ތިމާގެ އަމިއްލަ މުސްތަގުބަލު އުޖާލާ ކުރުމަށް ކުރާ ކަމެއްކަމަށް ގަބޫލު ކުރަންޖެހޭނެ." އޭނާ ވިދާޅުވިއެވެ.

ކާމިޔާބުކަމާއެކު ކަންކަން ކުރެވޭނީ ހަގީގަތުގައިވެސް ފިރިންނާއި އަނބިންނާއި އާއިލާގެ ފަރާތުން ހިތްވަރު ލިބިގެންނެވެ. އަދި ބައެއް ކަންކަން ގުރުބާންވެސް ކޮށްގެންނެވެ. އާއިލާއެއް ބިނާކުރުމަށްފަހު ކުއްލި ގޮތަކަށް ދަރިފުޅު އެކަނި ބަހައްޓާފައި ތަނަކަށް ދާން ކޮންމެ މީހަކުވެސް ޖެހިލުންވާނެކަން ކަށަވަރެވެ. ނުވަތަ އެހެން މީހަކާ ދަރިފުޅު ހަވާލު ކުރުމަށްފަހު ދާންވެސް ޖެހިލުންވާ މީހުން މަދެއް ނުވާނެއެވެ.

"ހަގީގަތުގަ އަޅުގަނޑަށްވެސް މިފަދަ ހާލަތެއް އައި. ދަރިފުޅަށް އެންމެ ދެއަހަރުގައި ލިބުނު ކޯހެއްގަ ރާއްޖެއިން ބޭރަށް ދާން ޖެހުނީ. ވަރަށް އުނދަގޫވި. ވަރަށް ބޮޑަށް ދެރަވެސް ވި. ދެން ފެމިލީ އެންމެންނާ އެއްތަނަކުން ބައްދަލުކޮށްފަ ބުނީ ކޯހެއް ލިބިއްޖެޔޭ. މީގެ ވާނީ މިވެނި ދުވަހެކޭ. މިވެނި ކަމެއް ހާސިލުވާނެޔޭ. ދެން ހުންނާނެ ދެއްތޯ ބައެއް ކަންކަން. ދެން ދާން ޖެހޭނީ ދަރިފުޅު ބަހައްޓާފައޭ ބުނިން. އެންމެންވެސް ބުނީ ދާށޭ. ދަރިފުޅު ބަލާނެ މީހަކު ނެތިގެން ނުގޮސް ހުންނާނެ ކަމެއް ނެތޭ. ދާށޭ. ދެން ދިޔައީ. ދަރިފުޅު މަތިން ވަރަށް ބޮޑަށް ހަނދާންވެސް ވޭ، ދެރަވެސް ވޭ. އެކަމަކު ބައެއް ކަންކަމަކީ ގުރުބާނީއެއް ދީގެން ހާސިލުކުރެވޭނެ ކަންކަން. އަޅުގަނޑު ގޮތަށް އެންމެނަށް ނުވެދާނެކަން ވެސް ގަބޫލުކުރަން." އޭނާ ކިޔައިދިނެވެ.

މަރިޔަމް ވިދާޅުވީ އަންހެނަކަށް ވީތީ ނުވާނެ ކަމެއް ވަރަށް މަދުވާނެ ކަމަށެވެ. ނަމަވެސް ބޭނުންވަނީ މުޖުތަމައު އަދި އާއިލާގެ އެހީތެރިކަން ކަމަށެވެ. އަދި މުޖުތަމައުން އަންހެނުންނާ ދޭތެރޭ ދެކޭގޮތް ބަދަލު ކުރުން ކަމަށެވެ.

ފުލުހުންގެ ދާއިރާއަކީ އަންހެނުންނަށް ކުރިއަރައިގެން ދިޔުމަށް ވަރަށް ފަސޭހަ ދާއިރާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އޭނާ މިހާރު ހުރި މަގާމަށް ވާސިލު ވެވުނީވެސް މި ދާއިރާގައި އަންހެނުންނަށް އޮތް ފުރުސަތު ބޮޑުތަނުން ފުޅާވުމުން ކަމަށް މަރިޔަމް ގަބޫލުކުރައްވައެވެ.

މީގެ ކުރިން އިންވެސްޓިގޭޝަން އޮފިސަރަކަށްވެސް މަސައްކަތް ކުރައްވާފައިވާ މަރިޔަމް ވިދާޅުވީ މިހާރު އޭނާގެ މަގާމަކީ ފްރޯޑް އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ ހެޑް ކަމަށެވެ. އަދި މިހިސާބަށް އާދެވުނީ އޭނާގެ ފިރިމީހާގެ ސަޕޯޓާއި ދިން އެއްބާރުލުމުގެ ސަބަބުންކަން އޭނާ ވަނީ ހާއްސަގޮތެއްގައި ފާހަގަކުރައްވާފަ އެވެ.

މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" އެވެ. އެހެންކަމުން މާދަމާއަށް ޓަކައި، މުސްތަގުބަލަކަށް ޓަކައި މިންތީގެ ތަފާތު ކުރުންތައް ނައްތާކުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ.

ތާރީހަށް ބަލާއިރު، ތާރީހީ ހާދިސާތައް އަދުގެ ޖީލުތަކާ ހަމައަށް ގެނައުމުގައި ނުވަތަ ކިޔައި ދިނުމުގައިވެސް އަންހެނުންނާމެދު ތަފާތުކުރުންތައް ގެންގުޅެފައިވާ ކަން ހާމަވެގެންދެ އެވެ. ދިވެހިރާއްޖޭގައި ރަސްކަމާއި ރަނިކަމުގެ ކޮއިލުގައި ހިތާމަވެރި އަދި ގަބޫލުކުރަން ފަސޭހަ ނޫން އެތައް ހާދިސާތަކެއް ހިނގާފައިވާކަމަށް ތާރީހު ހެކިދެ އެވެ.

އެ ގޮތުން، ތާރީހުގެ ފަތްފުށްތަކުގައި ލިޔެފައިވާ މި ފަދަ އެކި ހާދިސާތަކުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންގެ ދައުރު ގެނެސް ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅެފައިވާކަން އެ ފަދަ ލިޔުންތަކުން ފެންނަންއޮތްކަމީވެސް ހަގީގަތެކެވެ.

މިންތީގެ ހަމަހަމަކަން ގެނައުމުގައި އަންހެނުން ސިފަކޮށްދޭ ގޮތާއި، އަންހެނުންނަށް ލިބިދޭ ފުރުސަތުތަކާއި، އާއިލާއާއި މުޖުތަމައުން ލިބޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން މުހިންމު ދައުރެއް ކުޅެ އެވެ. ހަމަ އެހެންމެ މި ހަމަހަމަކަން ގެނެސް، ތަހުޒީބުވެފައިވާ، އަންހެނުންނާ މެދު އެއްހަމައިގެ ނަޒަރިއްޔާތަކުން ދެކޭ މުޖުތަމައެއް ބިނާކުރުމަށް އަންހެނުން އަމިއްލައަށް އަދާކުރާން ޖެހޭ ޒިންމާއާއި އެމީހުންގެ ކެރުންތެރިކަންވެސް އެހައިމެ މުހިންމެވެ. މަރިޔަމް ރަޝީދާއަކީ މި ރޮނގުން ފެންނާން ހުރި ހަރުދަނާ މިސަލާކެވެ.