މުނިފޫހިފިލުވުން

ދިވްޔާ އަގަރްވާލް އަދި ވަރުން ސޫދުގެ ގުޅުން ނިމުމަކަށް

ބިގްބޮސް އޯޓީޓީ ކާމިޔާބުކުރި ދިވްޔާ އަގަރްވާލް އޭނާގެ ބައިވެރިޔާ ވަރުން ސޫދު އާއެކު އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެނެސްފިއެވެ.

ދިވްޔާ އަދި ވަރުންގެ ގުޅުން ނިމުމަކަށް އައިސްފައިމިވަނީ އެކުގައި ހަތަރު އަހަރުދުވަހު ހޭދަކުރުމަށްފަހުގައެވެ. ދެމީހުން ވަކިވާން ނިންމިކަން އިއުލާނުކޮށް ދިވްޔާ ކުރި ދިގު އިންސްޓަގްރާމް ޕޯސްޓެއްގައި ދެމީހުން ވަކިވާން ނިންމި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. ދިވްޔާގެ ޕޯސްޓުގައި އޭނާ ވަނީ ވަރުން އަށް ޝުކުރު އަދާކޮށް ދެމީހުންގެ ރަހުމަތްތެރިކަން ދެމިއޮންނާނެކަމަށް ބުނެފައެވެ. ދިވްޔާ އަދި ވަރުންގެ ގުޅުން ފެށިފައިވަނީ ރިއަލިޓީ ޝޯ ''އޭސް އޮފް ސްޕޭސް'' އިންނެވެ. އެ ޝޯގައި ބައިވެރިވުމުގެ ކުރިން ދެމީހުންނަކީ އެކުވެރިންކަމަށް އޭރު ވަނީ ބުނެފައެވެ.

ދިވްޔާ އަދި ވަރުންގެ ގުޅުން ނިމުމަކަށް އައުމާއެކު ވަރުން އަށް ކުރިމަތިކުތިކުރަމުން އަންނަ ފާޑުކިޔުންތަކާ ގުޅިގެންވެސް ދިވްޔާ ވަނީ ޓުވީޓެއް ކޮށްފައެވެ.

އޭނާގެ ޓުވީޓުގައި ބުނެފައިވަނީ ކޮންމެ ގުޅުމެއް ނިމެނީ އަނެކާ ގޯސްވެގެން ނޫން ކަމަށާއި، ދެމީހުން ދުރުވާން ނިންމީ ދިވްޔާ ބޭނުން ވެގެންކަމަށާއި އަދި އެކަމާ ގުޅުވައިގެން ވަރުންގެ ނަމަށް ހުތުރުވާ ޒާތުގެ ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށް ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެފަދަ ބޮޑު ނިންމުމެއް ނިންމުމަކީ އުނދަގޫ ކަމެއް ކަމަށާއި އަދި އެކަމަށް އިހުތިރާމު ކުރުމަށް އެދޭކަމުގައިވެސް ދިވްޔާގެ ޓުވީޓުގައި ވަނީ ބުނެފައެވެ.